އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/04/2020

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސަނީ

މީގެތެރެއިން ބައެއް ހޮސްޕިޓަލްތަކަކީ މިހާރުވެސް ބޭނުންކުރެވެމުން އަންނަ ހޮސްޕިޓަލްތަކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އޭގެތެރޭގައި އައްޑޫ/ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި 23 އައިސީޔޫ އެނދުގެ އިތުރުން 22 އައިސޮލޭޝަން އެނދު ހެދުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި ގއ. އަތޮޅު ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދު އަދި 12 އައިސޮލޭޝަން އެނދު ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

ހަމައެހެންމެ މަބްރޫކް ވިދާޅުވީ މި ދެ އަތޮޅުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދާއި 23 އައިސޮލޭޝަން އެނދު، ބ. ރީޖަނަލް ހޮސްޕިޓަލްގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު އަދި ށ. އަތޮޅު ހޮސްޕިޓަލްގަ 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަންގެ އެނދު ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މީގެތެރެއިން ބައެއް ހޮސްޕިޓަލްތަކަކީ މިހާރުވެސް ބޭނުންކުރެވެމުން އަންނަ ހޮސްޕިޓަލްތަކަކަށް ވުމުން، އެ ހޮސްޕިޓަލްތަކުގައި ވަކި ދޮރަކުން ވަދެ ނުކުމެވޭގޮތަށް މިކަމަށް ހާއްސަކޮށް ވަކި ސަރަހައްދެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އާއްމުގޮތެއްގައި ސިއްހީ ހިދުމަތް ހޯދަން އަންނަ މީހުން ވަކި ދޮރަކުން ވަދެ ނުކުމެ ހެދުމަށް، އަދި ކޯވިޑް-19އަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ބައްޔަށް ޝައްކުކުރެވޭ މީހުން ވަނުމަށް ވަކި ދޮރެއްގެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ހުރިހާ ތަންތަނަކީވެސް ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ ތަންތަނަށް ހެދުން ކަމަށެވެ. 

އެގޮތުން މި ހޮސްޕިޓަލްތަކުގައި މިހާރުވެސް ޓީބީއަށް ޓެސްޓްކުރާ ޖީއެންއެކްސްޕާޓް މެޝިންތަކެއް ހުންނާނެ ކަމަށާއި، އެ މެޝިންތަކަށް ލައްވާ ވަކި ހާއްސަ ކާޓްރީޖެއް ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާރު އީޖާދުކޮށްފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން މިހާރު ކުރެވެމުންދަނީ އެ އެއްޗެހި ރާއްޖެއަށް ގެނައުމުގެ މަސައްކަތްކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 20 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 14 މީހެއް ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ