އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/04/2020

ހިތާމަ އާއި އުއްމީދާއެކު ކޮރޯނާވައިރަހަށް 100 ދުވަސް

މި ސަތޭކަ ދުވަސްތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބައެއްގެ ފުރާނަތައް ވަނީ ގެއްލިގެން ގޮސްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގައި ވައިރަސްއެއްގެ ސަބަބުން ނިއުމޯނިއާ ބަލި ފެތުރޭކަން އެގައުމުގައި ހުންނަ ވޯލްޑް ހެލްތް އޮގަނައިޒޭޝަނަގެ އޮފީހަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ހުސްވި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

އެވައިރަސް ވެގެންދިޔައީ ކޮރޯނާވައިރަސް އަށެވެ. އެބައްޔަށް ނަންދެވިފައިވަނީ ކޮވިޑް-19 އެވެ.

އެ ތާރީހުން ފެށިގެން މިއަދާ ހަމަޔަށް މިވަނީ 100 ދުވަސް ހަމަވެފައެވެ. މި ސަތޭކަ ދުވަސްތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބައެއްގެ ފުރާނަތައް ވަނީ ގެއްލިގެން ގޮސްފައެވެ. މުޅި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމުވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި ހަމައެހެންމެ މި ނުރައްކާތެރި ވައިރަހުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރަމުން ދަނިކޮށް ގިނަގުނަ ސިއްހީ އެހީތެރިންނެއްގެ ފުރާނަވަނީ ގެއްލިގެން ގޮސްފައެވެ.

ކޮރޯނާވައިރަހަކީ ކޮބާ؟

ކޮރޯނާވައިރަހަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން އަވަށުގައި އޮންނަ ހުބޭއީ ޕްރޮވިންސްގައި ހުންނަ ޖަނަވާރުންގެ ވިޔަފާރިކުރާ މާރުކޭޓަކުން ފެނުނު ވައިރަހެކެވެ. މި ވައިރަސް ސިއްހީ މާހިރުންގެ ސަމާލުކަމަށް އައިސްފައިވަނީ އެ ދުވަސްވަރު މި މާރުކޭޓަށް ދިޔަ ގިނަ ބައެއްގެ ކިބައިން އެއް ވައްތަރެއްގެ އަލާމާތްތަކެއް ފެނި ބަލިވާން ފެށުމުންނެވެ.

ނޭވާލާ ނިޒާމަށް ޖެހޭ މި އިންފެކްޝަނަކީ ދެހާހުގެ އަހަރުތަކުގެ ތެރޭގައި ފެތުރުނު ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރަމް ކޮރޯނާވައިރަސް 2 (ސާސް)ގެ އާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ.

އެހެނިހެން ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކާއި ހިލާފަށް ކޮރޯނާވައިރަސް ޖެހުމުން އިންސާނާގެ ފުއްޕާމޭގެ ހުރިހާ ހިސާބަކަށް ވައިރަސްގެ ބާރު ފޯރުވައެވެ. އަދި އަވަހަށް އެދެވޭ ފަރުވާއެއް ނުދެވިއްޖެނަމަ މަދު ވަގުތުތަކެއްގެ ތެރޭގައި މި ވައިރަސްގެ ސަބަބުން އިންސާނާގެ ފުރާނައަށް އަސަރުކުރުވަ އެވެ. ކޮރޯނާވައިރަހުގެ އެންމެ ސީރިއަސް ސްޓޭޖްގައި ނިއުމޯނިއާއަށް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ. އަދި ސާސް ވައިރަހަށް ހުށަހެޅުމުގެ އިތުރުން ބައެއް ކޭސްތަކުގައި ކިޑްނީ ފެލްވެފައި ވެސް އެބަހުއްޓެވެ.

ދުނިޔޭގެ މިހާރުގެ ހާލަތަކީ ކޮބާ؟

ކޮރޯނާވައިރަހާއި ގުޅިގެން ފާއިތުވި 100 ދުވަސްތެރޭގައި ދުނިޔޭގެ ހާލަތުވަނީ ހީވެސް ނުކުރާފަދަ ގޮތަކަށް ބަދަލުވެފަ އެވެ. މި ވައިރަސް ވަނީ މިހާތަނަށް  1،550،485 މީހުންނަށް ޖެހިފަ އެވެ. އަދި ޑަބްލިޔުއެޗްއޯ އިން ވަނީ މިއީ ދުނިޔެވީ ނުރައްކާތެރި ކާރިސާއެއް ގޮތުގައި ކަނޑައަޅައި މުޅި ދުނިޔެއަށް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު މިހާރުވަނީ 91،830 އަށް އަރާފައެވެ. 

ދުނިޔޭގެ ޖުމްލަ 200 އަށްވުރެ ގިނަ ޤައުމަކުން މިހާތަނަށް ކޮރޯނާވައިރަސް ވަނީ ފެނިފައެވެ. އޭގެތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީއިންނެވެ. އެހެންނަމަވެސް ފާއިތުވި މަސްދުވަހާއި އަޅާބަލާއިރު އިޓަލީއން މަރުވާ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. 

އިޓަލީގެ ފަހަށް ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. ވައިރަސް ފެނުނުތާ 100 ދުވަސް ހަމަވެފައިވާއިރު، އެމެރިކާއިން އަދިވެސް ވައިރަސް ކޮންޓްރޯލްވުމުގެ މަލަމަތިވެސް ނުފެންނަކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ވައިރަސް މުޅިން ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް އަނެއްކާވެސް މި ވައިރަސް އެޤައުމުގައި ފެތުރިދާނޭ ކަމުގެ ބިރުއޮތީ ހީވެފައެވެ.

ކޮރޯނާވައިރަހުގެ ބިރުވެރިކަމާއި ހެދި ގިނަގައުމުތަކުގެ މަގުތައް ވަނީ ފަޅުވެފައެވެ. ގިނަމީހުން އެއްވެ އުޅޭ އަތިރިމަތިތައް އޮތީ ހަމަހިމޭން ވެފައެވެ. ކުރުގޮތަކަށް ބުނާނަމަ ދުނިޔެ މިވަނީ މި ޤަރުނުގައި ދިމާވެދާނެކަމަށް އުއްމީދު ނުކުރާ ފައްތަރަކަށް ވެއްޓިފައެވެ. އަދި މި އަނދަވަޅު އަރައިގަނެވޭނެ ދުވަހެއް އެއްވެސް ބަޔަކަށް އަންދާޒާއެއް ނުކުރެއެވެ. 

ދުނިޔޭގެ ހުރިހާ ޤައުމެއްވެސް މިހާރު ތިބީ މިވައިރަހާއި ދެކޮޅަށް މަސައްކަތް ކުރާނޭ ވެކްސިނެއް ތައްޔާރުކުރެވޭނޭ ދުވަހެއްގެ އިންތިޒާރުގަ އެވެ. މި ވެކްސިން ތައްޔާރު ކުރުމަށްޓަކައި ސައިންޓިސްޓުން ދަނީ ރެއާދުވާލު މަސައްކަތް ކުރަމުންނެވެ.

ހަމައެގޮތަށް އެކި ހިސާބުތަކުގައި މަސައްކަތްކުރާ އެތައް ޑޮކްޓަރުންނާއި ނަރުހުންނެއްވަނީ އެމީހުންގެ އަމިއްލަ އާއިލާދޫކޮށް އެތައް ފުރާނައެއް ސަލާމަތްކޮށްދިނުމަށް ނުކުމެފައެވެ. ބަދަލުގައި އެންމެންގެ ކިބައިންވެސް އެދެނީ އެންމެ ކަމަކުއެވެ. ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްދިނުމަށެވެ. އެހެންނޫންނަމަ މި ބިރުވެރި ސަތޭކަ ދުވަސް އިތުރު ސަތޭކަށް ދުވަހަށް ދިގިދެމިގެން ދިއުމަކީވެސް ވެދާނޭކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ