އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 08/04/2020

ކޮވިޑް-19: ޗައިނާއިން އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން 700،000 މީހުން ވައިރަސް އިން ސަލާމަތްވި

ޗައިނާގައި މި ވައިރަސްއިން ސަލާމަތްވުމަށް އަޅަމުންދިޔަ ފިޔަވަޅުތަކަށް ބެލުމަށްފަހު ދާދި ފަހުން ވަނީ ރިޕޯޓެއް ޝާއިއުކޮށްފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 08/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގެ ވޫހާން އިން ފެނިފައިވާ ކޮރޯނާވައިރަސް ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައެވެ. 1،400،000 މީހުންނަށް މި ވައިރަސްއަށް ޕޮސިޓިވް ވެފައިވާއިރު އެކި ގައުމުތަކުން މަސައްކަތް ކުރަމުންދަނީ ވައިރަސްއިން ސަލާމަތްވުމަށެވެ. 

އެގޮތުން ޗައިނާގައި މި ވައިރަސްއިން ސަލާމަތްވުމަށް އަޅަމުންދިޔަ ފިޔަވަޅުތަކަށް ބެލުމަށްފަހު ދާދި ފަހުން ވަނީ ރިޕޯޓެއް ޝާއިއުކޮށްފައެވެ. ޗައިނާގައި މި ވައިރަސް ފެތުރެން ފެށިފައިވަނިކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައިވާ ދަތުރު ފަތުރުކުރުން މަނާ ކުރުމުގެ ސަބަބުން ވޫހާންގެ ބޭރުން 700،000 މީހުންނަށް މި ވައިރަސް ޖެހުމުން ސަލާމަތްވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގައި މަސައްކަތް ކުރައްވަމުން އަންނަ ޕްރޮފެސާ ކްރިސްޓޮފަރ ޑައިގެ އިތުރުން އެކި އިންސްޓިޓިއުޝަން ތަކުގައި މަސައްކަތް ކުރަމުންދާ ދިރާސާވެރިން އެކުލަވާލާފައިވާ މި ރިޕޯޓްއަކީ ކޮވިޑް-19 އާއި ގުޅިގެން ޗައިނާގައި ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓްއެކެވެ. 

މި ރިޕޯޓްގައި ވާ ގޮތުން ފެބްރުއަރީ 19 ވަނަ ދުވަހާ ހަމައަށް އައި އިރު ޗައިނާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 30،000 އަށް އަރާފައެވެ. ޖެނުއަރީ 23 ވަނަ ދުވަހު ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ގައުމުގައި ދަތުރު ފަތުރުކުރުން މަނާ ކޮށްފައެވެ. 

ގައުމުތަކުން މި ވައިރަސްއިން ސަލާމަތްވުމުގެ ގޮތުން އެކި ފިޔަވަޅުތައް އަޅާފައިވިނަމަވެސް، ޗައިނާ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވައިރަސް އެކަކު އަނެކަކު ގަޔަށް ފެތުރުމުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނެވެ.

މި ދަނޑިވަޅުގައި މިފަދަ ފިޔަވަޅުތައް އެޅުން މުހިންމު 

ސައިންސް ޖަރނަލް ގައި ޝާއިއުކޮށްފައިވާ މި ރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ ޗައިނާގައި މީހުން އުޅެމުން ދިޔަ ގޮތާއި ކޮވިޑް-19 ފެތުރެން ފެށުމުން އަޅާފައިވާ ފިޔަވަޅުތަކެވެ. އެގޮތުން ޖެނުއަރީ 11 އިން ޖެނުއަރީ 23 ދެމެދު ވޫހާން އިން ފޭބި 4.3 މިލިއަން މީހުން ވަނީ މި ރިޕޯޓް ހެދުމަށް ދިރާސާ ކޮށްފައިވާ ޓީމުން ހޯދާފައެވެ. 

ޖެނުއަރީ 23 އަކީ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ދަތުރުފަތުރު ކުރުން މަނާ ކުރި ތާރީހެވެ. މި ތާރީހުގެ ފަހުން މީހުން އުޅެމުން ދިޔަ ގޮތަށް އައިސްފައިވާ ބަދަލުތައްވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި ޗައިނާގެ އެހެން ހިސާބުތަކުގައި އަޅާފައިވާ ފިޔަވަޅު ތަކާއި އެ ފިޔަވަޅުތައް އަޅާފައިވާ ތާރީހުގެ އިތުރުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު މި ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން، މި އައުޓްބްރޭކްގެ ތެރޭގައި މީހުން ވޫހާން އިން ބޭރުވެ، އަދި އެތެރެވެފައިވާ ގޮތްވެސް ވަނީ ބަލާފައެވެ. މި ހުރިހާ ހޯދުމެއް އެކުލަވާލުމުން އެނގިފައިވަނީ ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވޫހާން އިން ބޭރުން އެތައް ހާސް ބަޔަކު މި ވައިރަސް ޖެހުމުން ސަލާމަތްވެފައިވާކަމަށެވެ.

ވައިރަސް ޗައިނާގައި އަދިވެސް ފެތުރިދާނެ

މި ދިރާސާއިން ދައްކާ ގޮތުގައި، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އަދި ވައިރަސް ފެތުރެން ފެށުމުން ވޫހާން ލޮކްޑައުން ކުރުމުގެ ސަބަބުން ޗައިނާގެ އެހެން ރަށްތަކަށް މި ވައިރަސްއަށް ތައްޔާރުވުމަށް ވަގުތު ލިބުނެވެ. އަދި އެ ރަށްތަކުގެ އާބާދީއަށް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިތުރު ވަގުތު ލިބުނެވެ. 

ވޫހާން އިން މި ފިޔަވަޅު އެޅުމުގެ ސަބަބުން 130 އެހެން ރަށަކަށް މި ފުރުސަތުލިބި، އެ ރަށްތަކުގައި މީހުން އެއްވެ އުޅުން މަނާކޮށް، ޕަބްލިކް ޓްރާންސްޕޯޓް ބަންދުކޮށް، އާންމުން ގިނައިން އެއްވާ ތަންތަން ބަންދު ކޮށް މީގެ އިތުރުންވެސް އިތުރު ފިޔަވަޅުތައް އެޅިއެވެ. އަދި މިފަދައިން ފިޔަވަޅު އެޅި ރަށްތަކުގައި ޕޮސިޓިވް ވި މީހުންގެ އަދަދު މި ފިޔަވަޅު ނާޅާ ރަށްތަކަށްވުރެ 33.3 އިންސައްތަ މަދެވެ.

އެހެންނަމަވެސް މި ރިޕޯޓް ހެދުމަށް ދިރާސާ ކުރި ފަރާތްތަކުން ބުނަމުންދަނީ ޗައިނާގައި އިތުރު އައުޓްބްރޭކް އަކާ ކުރިމަތިލާން ޖެހުމަކީ ވެދާނެ ކަމެއްކަމަށެވެ. ޗައިނާގެ އާބާދީއަށް ބަލާފައި ޕޮސިޓިވް ވެފައިވާ މީހުންގެ އަދަދު މަދު ނަމަވެސް މި ވައިރަސް ޖެހުމުގެ ފުރުސަތު ވާ މީހުންގެ އަދަދު ގިނައެވެ. އަދި އެހެން ގައުމުތަކުން މީހުން އެތެރެ ވެއްޖެނަމަ މި ވައިރަސް އަލުން ފެނި، އައުޓްބްރޭކްއަކަށް ބަދަލުވުމުގެ ފުރުސަތު ވާކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މާހިރުންން ބުނެފައިވަނީ ކުރިއަށް އޮތްތާގައި މި ވައިރަސް، ނުވަތަ SARS-CoV-2 މުޅީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެންޑެމިކް އެއްފަދައިން ދެމިހުރެދާނެ ކަމަށެވެ. ސީސަނަލް ފްލޫ ފަދައިން މި ވައިރަސް ސީސަނަލް ވައިރަސްއަށް ވެދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން މި ވައިރަސް އިން ސަލާމަތްވުމަށް މުޅި ދުނިޔެ ތައްޔާރުވާން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ