އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/04/2020

ލޮލު ރޯގާއަކީ ކޯވިޑް-19ގެ އަލާމާތަކަށްވެސް ވެދާނެ: ލޮލުގެ މާހިރުން

ލޮލުގެ ހާއްސަ ޑޮކްޓަރުންވަނީ ލޮލުގައި އަތްލުމުން ރައްކާތެރިވުމުގެ ގޮތުން "ކޮންޓެކްޓް ލެންސް" ބޭނުންކުރާ މީހުން، މި ދުވަސްވަރު އައިނު އެޅުމަށް އިރުޝާދު ދީފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލޮލު ރޯގާއަކީ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19ގައި ފެންނާނެ އެންމެ މަދު އަލާމާތްތަކުގެ ތެރޭގައި ހިމެނޭ އަލާމާތަކަށްވުން އެކަށީގެންވާކަމަށް އެމެރިކާގެ ލޮލުގެ ބަލިތަކަށް ހާއްސަ އެކަޑެމީ (އެމެރިކަން އެކެޑެމީ އޮފް އޮފްތަލްމޮލޮޖީ) އިން ބުނެފި އެވެ.

ހުސްވި މާޗްމަހުގެ 31 ވަނަ ދުވަހު އެމެރިކާގެ ލޮލުގެ ބަލިތަކަށް ހާއްސަ މި އެކެޑަމީއިން ވަނީ އާދައިގެ ލޮލުރޯގާ ނުވަތަ ބަލީގެ ކުރީކޮޅަކީ ކޯވިޑް-19 ހުރި މީހެއް ފަރާތުން ފެނިދާނޭ ސިގްނަލެއްކަމަށް ބުނެ ނޯޓިސް އެއް އާއްމުކޮށްފަ އެވެ. މި އެކެޑަމީއިން މިފަދައިން ބުނެފައިވަނީ މި ބައްޔާ ގުޅުންހުރި އަލާމާތްތަކާއި ގުޅޭގޮތުން ދާދިފަހުން ހެދި ދެ ދިރާސާއަކަށް ބިނާކޮށްފަ އެވެ.

މި ދެ ދިރާސާ ތެރެއިން އެއް ދިރާސާވަނީ ޖާނަލް އޮފް ވައިރޮލޮޖީ ގައި ޝާއިއުކޮށްފަ އެވެ. މި ދިރާސާ ހެދުމަށް ދިރާސާ ޓީމުންވަނީ ޗައިނާއިން ކޯވިޑް-19 ޕޮޒިޓިވްވެފައިވާ 30 ބަލިމީހުންގެ ސިއްހީ ހާލަތު ބަލާފައެވެ. އަދި ނަތީޖާއެއްގެ ގޮތުން އެ 30 ބަލިމީހުންގެ ތެރެއިން އެކަކުގެ ކިބައިން ވަނީ ލޮލުރޯގާގެ އަސަރު ފެނިފަ އެވެ. އަދި  ބާކީ ތިބި 29 މީހުންގެ ލޮލުން މި ވައިރަސްގެ ސަބަބުން (ލޮލު ރޯގާ ޖެހުމުން އަންނަ ކަހަލަ) ޑިސްޗާޖަސް ވަނީ އައިސްފަ އެވެ.

މިކަމާއި ގުޅުންހުރި ދެވަނަ ދިރާސާ ޝާއިއުކޮށްފައިވަނީ "ދަ ނިއު އިންގްލޭންޑް ޖާރނަލް އޮފް މެޑިސިން" ގައެވެ. މި ދިރާސާ ހެދުމަށް ޓީމުންވަނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ 1،099 ބަލިމީހުން ހިމަނާފައެވެ. އަދި އޭގެތެރެއިން ލޮލުރޯގާ ޖެހިފައިވާ 9 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

އެމެރިކާގެ ސީޑީސީއިން މީގެ ކުރިންވެސް އިންޒާރު ދީފައިވާ ގޮތަށް ނޭފަތާއި އަނގަޔާ އެއްގޮތަށް ލޮލަކީވެސް ހަށިގަނޑުގެ ތެރެއަށް ކޮރޯނާވައިރަސް ވަނުމަށް މަގުފަހިވާނޭ އެއް ގުނަވަނެވެ. އެހެންކަމުން ސީޑީސީއިން ވަނީ އަތްދޮވުމަކާއި ނުލައި، މޫނުގެ މި ހިސާބުތަކުގައި އަތްނުލުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވެފައެވެ. 

ހަމައެހެންމެ ބައެއް ލޮލުގެ ހާއްސަ ޑޮކްޓަރުންވަނީ ލޮލުގައި އަތްލުމުން ރައްކާތެރިވުމުގެ ގޮތުން "ކޮންޓެކްޓް ލެންސް" ބޭނުންކުރާ މީހުން، މި ދުވަސްވަރު އައިނު އެޅުމަށް އިރުޝާދު ދީފައެވެ.

އެމެރިކަން އެކެޑެމީ އޮފް އޮފްތަލްމޮލޮޖީއިން ވަނީ މިކަން މިހެން ދިމާވެދާނެކަމަށް ބުނެ، ވޮޝިންޓަނުގައި ހުރި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ނަރުހެއްގެ ވާހަކަ ގެނެސްދީފަ އެވެ. ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ނަރުހަށް ވަނީ ލޮލުރޯގާ އަލާމާތްތައް ހުރި ގިނަ އުމުރުން ދުވަސްވީ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިތަން ފެނިފަ އެވެ.

އަދި ލޮލުރޯގާ ޖެހިގެން އަންނަ ބަލިމީހުންގެ ކިބައިން ކޯވިޑް-19ގެ އަލާމާތްތައް ކަމަށްވާ ކެއްސުން، ހުން އައުން އަދި ނޭވާލާ ދަތިވުންފަދަ އަލާމާތްތައް ފެނޭތޯ ބެލުމަށް ލޮލުގެ ހާއްސަ ޑޮކްޓަރުންނަށް މި އެކެޑަމީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަމައެހެންމެ ލޮލޮރޯގާ ޖެހިގެން އަންނަ ބަލިމީހުންނަށް ފަރުވާދިނުމުގައި ސިއްހީ ގޮތުން ރަނގަޅަށް ރައްކާތެރިވުމަށްވެސް އެކެޑެމީއިން ބުނެފައިވެއެވެ. އެގޮތުން މިފަދަ ޑޮކްޓަރުން ބަލިމީހުންނަށް ފަރުވާދޭ ވަގުތު ކޮރޯނާވައިރަސް ހަށިގަނޑަށް އެތެރެވާ ގުނަވަންތައް ކަމަށްވާ ލޮލާއި، ނޭފަތް އަދި އަނގަ ރަނގަޅަށް ނިވާކުރުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

ދިރާސާގައި މިފަދައިން ބުނެފައި ވިނަމަވެސް ލޮލުރޯގާއަކީ ކޯވިޑް-19ގައި ފެންނަ އެހެން އަލާމާތްތަކާއި އަޅާބަލާއިރު، އެންމެ ފެނުން ގާތްނޫން އަލާމާތުގެ ގޮތުގައި އެމެރިކަން އެކެޑެމީ އޮފް އޮފްތަލްމޮލޮޖީއިން ވަނީ ފާހަގަކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ