އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 04/04/2020

ކޮވިޑް-19: އަމިއްލައަށް މާސްކް ހަދައިގެން ބޭނުންކުރުމަކީ ގޯސް ހިޔާލެއް ނޫން- ޑަބްލިއުއެޗްއޯ

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފެތުރެން ފެށިފައިވާ ކޮރޯނާވައިރަސް 1 މިލިއަން މީހުންނަށް ޖެހި 60،000 މީހުން މި ވައިރަސްގެ ސަބަބުން މަރުވެފައިވާއިރު ޑަބްލިއުއެޗްއޯގެ ސީނިއާ އޮފިޝަލެއް ބުނެފައިވަނީ ވައިގެ ޒަރިއްޔާއިން މި ވައިރަސް ފެތުރުމުގެ ފުރުސަތު ވާކަމަށެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 04/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މެޑިކަލް މާސްކް ފޯރުކޮށްދިނުމުގައި ހެލްތު ވޯކަރުންނަށް އިސްކަން ދޭން ބުނެފައި ވީނަމަވެސް، އޭގެ ބަދަލުގައި ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އާންމުންވެސް އަމިއްލައަށް މާސްކް ހަދައިގެން ބޭނުން ކުރެވޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފެތުރެން ފެށިފައިވާ ކޮރޯނާވައިރަސް 1 މިލިއަން މީހުންނަށް ޖެހި 60،000 މީހުން މި ވައިރަސްގެ ސަބަބުން މަރުވެފައިވާއިރު ޑަބްލިއުއެޗްއޯގެ ސީނިއާ އޮފިޝަލެއް ބުނެފައިވަނީ ވައިގެ ޒަރިއްޔާއިން މި ވައިރަސް ފެތުރުމުގެ ފުރުސަތު ވާކަމަށެވެ. 

އެހެންނަމަވެސް މި ވައިރަސް ފެތުރެމުންދާ މައިގަނޑު ގޮތް ކަމަށް ބަލިވެފައިވަނީ މީހަކު ކެއްސާ ކިނބިހި އެޅުމުން ނުވަތަ ވައިރަސް ހުރި ތަނެއްގައި އަތް ލުމަށް ފަހު ލޯ، ނޭފަތް އަދި އަނގައިގައި އަތްލުމުން ކަމަށްވަނީ ފާހަގަ ކޮށްފައެވެ.

ޑަބްލިއުއެޗްއޯގެ އެމަރޖެންސީ އެކްސްޕަރޓް އެއް ކަމަށްވާ ޑރ. މައިކް ރަޔަން ބުނެފައިވަނީ މި ވައިރަސްއިން ސަލާމަތްވުމަށް އަދި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުންނަށް މެޑިކަލް ރެސްޕިރޭޓާރ/މާސްކް މުހިންމު ވާނެ ކަމަށެވެ. 

ނަމަވެސް މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އާއްމުން އަނގަމަތި ނިވާކޮށް، ކެއްސާ ކިނބިހި އެޅުމުން އެހެން މީހުން ގަޔަށް ވައިރަސް ފެތުރުން ހުއްޓުވުމަށް އެއްޗެއް ގެންގުޅުމަކީ ގޯސް ހިޔާލެއް ނޫންކަމަށެވެ. އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން މުހިންމު ވަނީ، އެމީހުންނަކީ އެންމެންގެ ސަލާމަތަށްޓަކައި މަސައްކަތް ކުރަމުންދާ މީހުންކަމަށްވާތީ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގައި މަސައްކަތް ކުރަމުން އަންނަ ޑރ. އެންތޮނީ ފައުޗީ ބުނެފައިވަނީ އެމެރިކާގެ ރައްޔިތުން މީހުންގެ ތެރެއަށް ނުކުންނަ ނަމަ މޫނު ނިވާކުރުން މުހިންމު ކަމަށާއި، މީހުންނާއި ދުރުން އުޅެ އެކަހެރިވުންވެސް މުހިންމުކަމަށެވެ. 

ކުރިންވެސް ދެވިފައިވާ އިރުޝާދުތަކުގައިވާ ފަދައިން ޑރ. ރަޔަން ބުނެފައިވަނީ މާސްކް އެޅުމަކީ ރަނގަޅު ކަމެއް ކަމަށާއި، އެހެންނަމަވެސް މާސްކް ބޭނުން ކުރުމުން އަތް ދޮވުމާއި އަމިއްލަ ސާފުތާހިރު ކަމަށް ކުރަން ޖެހޭ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މުޖުތަމައުގައި ގައިދުރުވުމަށް އެންގިފައިވާ އެންގުމަށްވެސް ބަދަލެއް ނާންނާނެ ކަން ފާހަގަ ކޮށްފައިވެއެވެ. 

އެގޮތުން، ސާރޖިކަލް މާސްކް ވިޔަސް ނުވަތަ އަމިއްލައަށް ހަދާފައިވާ މާސްކްއެއް މުޖުތަމައު ތެރޭގައި ބޭނުން ކުރުމުން މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ބުންޏެވެ. 

ހަމައެއާއެކު ގައުމުތަކުގައި ވައިރަސް ފެތުރެމުންދާ އަދަދު އަދި ވައިރަސްގެ ސަބަބުން މަރުވަމުންދާ މީހުންގެ އަދަދަށް ބަލާއިރު، މީހުން މަރުވަމުންދާ އަދަދު އިތުރުވަމުން ދަނީ ހެލްތު ވޯކަރުން ވަރުބަލި ވުމުން ކަމަށް ޑރ. ރަޔަން ވަނީ ބުނެފައެވެ. 

ހޮސްޕިޓަލްތަކަށް މީހުން ދާ މިންވަރު މަދު ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅައި، ދެވިފައިވާ އިރުޝާދުތަކަށް ބޯލަނބައިގެން އުޅުމުން ވައިރަސް ކޮންޓްރޯލް ކުރެވޭނެކަމަށްވެސް ޑރ. ރަޔަން ވަނީ ބުނެފައެވެ. އަދި ހޮސްޕިޓަލްތަކަށް މީހުންދާ އަދަދު މަދުވުމުން ހެލްތު ވޯކަރުންނަށް ގިނަ އަދަދެއްގެ މީހުން ސަލާމަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

އެކި ގައުމުތަކުގައި މީހުން މަރުވަމުންދާ އަދަދަށް ބަލާފައި މިކަމާ ގުޅިގެން ޑބަލިއުއެޗްއޯގެ އެޕިޑެމިއޮލޮޖިސްޓް ޑރ. މަރިއާ ވެނެ ކެރްކޮވް ބުނެފައިވަނީ ބައެއް ގައުމުތަކުގައި ހާލަތު ގޯސް ބަލިމީހުންނަށް ބޮޑަށް ސަމާލުކަން ދިނުމުގެ ސަބަބުން ކުދި އިންފެކްޝަންތައް ޖެހިފައިވާ މީހުން ނުހޯދި ދާކަމަށެވެ. 

އަދި މި ވަގުތު އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ އައިސީޔޫ ތަކުގައި ތިބި މީހުންގެ އުމުރަށް ކަމަށްވެސް ބުނެފައިވެއެވެ. ޑރ. މަރިއާ މިހެން ބުނެފައިވަނީ އުމުރުން 50-30 އަހަރުގެ މީހުން އައިސީޔޫގައި ތިބެ މަރުވަމުންދާތަން ފެންނަމުން ދާތީއެވެ. ޒުވާން މީހުންނަށް މިހެން ވަމުންދާތަން ފެނުމުން އެކަމަށް ވިސްނަން ޖެހޭކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި މިހެން ކަންތައް ވަނީ ކީއްވެގެންތޯ ބަލައި، ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ