އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/04/2020

ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރެއްގެ ދުލުން: މިގޮތަށް ދާނަމަ ހާލުގައި ޖެހޭކަށް މާ ގިނަ ދުވަހެއް ނެތް!

"އަޅުގަނޑުމެން ސަރުކާރަށް މިއެދެނީ ފްލައިޓެއް ޗާޓަރުކޮށްގެން ވިޔަސް އަޅުގަނޑުމެން ރާއްޖެއަށް ގެންގޮސްދިނުން. ފައިސާވެސް ދައްކަން ތައްޔާރަށް މިހިރީ."
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަހަރު ފެށުނީއްސުރެ ދުނިޔެ މިވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާއިރު، އޭގެތެރޭގައި ގިނަ އަދަދަކަށް ދިވެހިން ދަތުރުކޮށް އުޅޭ، އަދި ދިވެހިން ވަޒަންވެރިވެގެން އުޅޭ ޤައުމުތައް ވެސް ހިމެނެއެވެ. މީގެތެރެއިން އެއް ޤައުމަކީ އަވަށްޓެރި ބަންގްލަދޭޝް އެވެ.

ބަންގްލަދޭޝްއަކީ އާއްމު ގޮތެއްގައި ދިވެހިން ދަތުރުކުރާ ޤައުމަކަށް ނުވިނަމަވެސް، ދިވެހި ގިނަ ކުދިންތަކެއް ދިރިއުޅޭ ޤައުމެކެވެ. ހާއްސަކޮށް މެޑިސިން ކިޔަވާ ގިނަ ދިވެހި ދަރިވަރުންތަކެއް ބަންގްލަދޭޝްގައި ދިރިއުޅެއެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ކޭސްތައް އިތުރުވެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިއްހީ ކުއްލި ނުރައްކާ އިއުލާން ކުރުމުން ބަންޤްލަދޭޝްގައިވެސް މިހާރު ދިރިއުޅޭ ދިވެހި ކިޔަވާ ކުދިން ތިބީ ރާއްޖެއަށް ނާދެވި އެޤައުމުގައި ތާށިވެފަ އެވެ.

އޭގެތެރޭގައި ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖުގައި ކިޔަވަމުންދާ ފާޠިމަތު ޒާހިޔާވެސް ހިމެނެއެވެ.

ޒާހިޔާ ބުނިގޮތުގައި ބަންގްލަދޭޝް އަދި ލޮކްޑައުން އަކަށް ނުދިޔަ ނަމަވެސް އެއަވަށުގެ އޮފީސްތަކާއި ސްކޫލް އަދި ކޮލެޖްތައް ވެސް ހުރީ ބަންދުކޮށްފައެވެ. އަދި ޒާހިޔާމެން މިހާރު ދިރިއުޅެމުންދާ ސިޓީގެ ހާލު ވަރަށް ދަށެވެ. އެގޮތުން ޒަރޫރީ ގޮތުން ބޭނުންވާ ގިނަ ވަސީލަތްތައް ގާތްގަނޑަކަށް ހުސްވުމަކާއި ގާތްވެފައިވާކަމަށް ޒާހިޔާ ވަނީ ބުނެފައެވެ.

"މަގުމަތީގައި އާއްމުކޮށް ހުންނަ ކުދި ފިހާރަތަކާއި ތަރުކާރީ ވިއްކާ ތަންތަނެއް މިހާރު ވަރަށް ނުފެނޭ. ސުޕަމާރޓްތަކަށް ދާންޖެހެނީ. އެކަމަކު އެތަންތަނުގައި ވެސް ގިނައިން ހުންނަނީ އިމްޕޯޓު މުދާ. އާއްމުކޮށް ގަންނަ އެއްޗެހި ހުސްވާން ކައިރިވެފައި ހުންނަނީ." ބަންގްލަދޭޝްގައި މިހާރު ތިބި ދިވެހި ދަރިވަރުންގެ ހާލަތު ކިޔައިދެމުން ޒާހިޔާ ބުނެފައި ވެއެވެ.

ޒާހިޔާ ބުނިގޮތުގައި އެމީހުންގެ މިހާރު އެންމެ ބޮޑު އެދުމަކީ ސަލާމަތުން ރާއްޖެ އައުމެވެ. ސަބަބަކީ އެންމެ މަދުން މީހުން ކޯވިޑް-19އަށް ޓެސްޓްކުރާ ޤައުމަކަށް ބަންގްލަދޭޝްވެފައި، އެޤައުމުން މިދުވަސްވަރު ބަލިވާ މީހުން ޓެސްޓް ނުކުރެވުމެވެ. އަދި ކޯވިޑް-19އަކީ އާއްމު ރޯގާއެއްގައި ފެންނަ އަލާމާތްތައް ފެންނަ ބައްޔަކަށްވުމުން، ބައްޔަށް ޕޮޒިޓިވްވާ މީހުން ގިނަ އަދަދަކަށް އުޅެފާނޭކަމުގެ ބިރުއޮތުމުންނެވެ.

އެހެންނަމަވެސް، އެންމެ އަވަހަށްވެސް ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންނަށް ރާއްޖެ އާދެވެން އޮތީ ސަރުކާރުން އިންތިޒާމެއް ކޮށްދިނުމުންނެވެ. ބަންގްލަދޭޝްއިން މިހާރު ރާއްޖެ އަށް ދަތުރުކުރާ އެއްވެސް ފްލައިޓެއް ނެތުމުން، އެޤައުމުގައި ތިބި ދިވެހި ދަރިވަރުންވެސް އިންތިޒާރުކުރަމުންދަނީ ސަރުކާރުން ދޭނެ ޖަވާބަކަށެވެ.

"އެމްބެސެޑަރ އާއިވެސް ވާހަކަދެއްކިން. ނޫސްވެރިންގެ ބައްދަލުވުންތައްވެސް ބަލަމުން މިދަނީ. އެކަމަކު ބޮޑަށް ހީވަނީ ސަރުކާރުން މަޑުކުރަނީ ކޮމާޝަލް ފްލައިޓްތަކުގެ ދަތުރުތައް ފެށެންދެންހެން. އަޅުގަނޑުމެން ސަރުކާރަށް މިއެދެނީ ފްލައިޓެއް ޗާޓަރުކޮށްގެން ވިޔަސް އަޅުގަނޑުމެން ރާއްޖެއަށް ގެންގޮސްދިނުން. ފައިސާވެސް ދައްކަން ތައްޔާރަށް މިހިރީ."

އެހެންނަމަވެސް ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒްވަނީ ބޭރުޤައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި އަދި އެއްވެސް އަލިމަގެއް ފެނިފައި ނުވާކަމަށް ވިދާޅުވެފައެވެ. މަބްރޫކް ވިދާޅުވީ ބޭރު ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް އެމްބަސީތަކާއި ވާހަކަދައްކަމުން އަންނަކަމަށެވެ.

ޗިޓަގޮންގް މެޑިކަލް ކޮލެޖްގެ ހޮސްޓެލްގައި ދިރިއުޅެމުންދާ ޒާހިޔާ ބުނިގޮތުގައި އެމީހުން އަތުގައި ހުރި ކާބޯތަކެތީގެ އިތުރުން ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައްވެސް ހުރީ ހުސްވާން ކައިރިވެފައެވެ.

"އަޅުގަނޑުމެންނަކީ މެޑިކަލް ދަރިވަރުންވީމަ ކޮލެޖުން ހުރޭ ކޮންމެވެސް ވަރަކަށް ރައްކާތެރވުމަށް ބޭނުންކުރާ އެއްޗެހި ދީފަ. އެކަމަކު އޭގެން މާގިނަ ދުވަހަކު ބޭނުމެއް ނުކުރެވޭނެ. އަދި މި ހިސާބުން އެ އެއްޗި ހުރީ ހުސްވެފައި".

ބަންގްލަދޭޝް މުޅިން ލޮކްޑައުން އަކަށް ނުދިޔަ ނަމަވެސް މަގުމައްޗަށް މީހުންނަށް ނުކުމެވެނީ މާސްކް އަޅައިގެންނެވެ.

ޒާހިޔާ އާއިއެކު ބަންގްލަދޭޝްގައި ރާއްޖެއައުމަށް ބޭނުންވެގެން 41 ދިވެހި ދަރިވަރުން ވަނީ ރެޖިސްޓަރ ވެފައެވެ. އޭގެތެރޭގައި 3 ޕީޖީ ޑޮކްޓަރުންނާއި، 16 އިންޓާރސް އާއި 10 މެޑިކަލް ދަރިވަރުން ހިމެނެއެވެ. ދެން ބާކީ ތިބީ އެދަރިވަރުންގެ އާއިލާގެ އިތުރުން އެހެން ދާއިރާއަކުން ކިޔަވާ 3 ދަރިވަރުންނެވެ.

ޒާހިޔާ ބުނިގޮތުގައި ބަންގްލަދޭޝްގެ ވާހަކަ މާބޮޑަށް ހަބަރުތަކަށް ނޭރި ނަމަވެސް އެޤައުމުގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ. އަދި އެހާލަތުގައި އެމީހުންނަށް ކާބޯތަކެތި ނުލިބިދާނޭ ކަމުގެ ބިރުވެސް އިންތިހާއަށް އެބައޮތެވެ.

ބަންގްލަދޭޝް އިތުރުން އަދިވެސް ގިނަ ޤައުމުތަކެއްގައި ކޯވިޑް-19 އާއި ގުޅިގެން ގިނަ ދިވެހިންތަކެއް ރާއްޖެއަށް ނާދެވިފައި އެބަތިއްބެވެ. އޭގެތެރޭގައި އަވަށްޓެރި އިންޑިޔާވެސް ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ