އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 01/04/2020

ޔޫރަޕުގައި ހުންނަނީ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާތައް، އެކަމަކު އެތަންތަނުގައިވެސް ކޮވިޑް-19 ހިފަހައްޓައެއް ނުލެވޭ

މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގައުމުތަކުން ޕެންޑަމިކްއަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަން ނޭނގުމުގެ ސަބަބުން އަދި ވައިރަސް އެ ގައުމުތަކުގައި ފެތުރުން ހުއްޓުވުމަށް އެދެވިގެންވާ މަސައްކަތް ކުރެވިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 01/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ޔޫރަޕްގައި ހާހުން އިތުރު ވަމުންދާއިރު ދުނިޔޭގައިވާ އެންމެ ބޮޑެތި އަދި ކުޅަދާނަ ހޮސްޕިޓަލްތައްވެސް ޕެންޑެމިކްއަކާ ކުރިމަތިލުމަށް ތައްޔާރު ވެފައިނުވާކަންވަނީ ފާހަގަކުރެވިފައެވެ.

މި ވައިރަސް ފެތުރެން ފެށުމުން މާހިރުން ބުނެފައިވަނީ ބައްޔާއި ދެކޮޅަށް މަސައްކަތްކުރާނެ އެންމެ ރަނގަޅު ގޮތް އެނގިފައިނުވަނީ މިފަދަ ބަލިމަޑުކަމަކާއި ކުރިން ކުރިމަތިލާފައި ނުވުމުން ކަމަށެވެ. 

ބެލްޖިއަމްގައި ކޮވިޑް-19 އާއި ގުޅިގެން އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންދާ ބްރައިސް ޑެ ލެ ވިން ބުނެފައިވަނީ ކެންސާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން އެންމެންވެސް ބޭނުންވާނީ ޔޫރަޕްގެ ހޮސްޕިޓަލްއަކަށް ދާންކަމަށެވެ. އެހެންނަމަވެސް ޔޫރަޕް މި ފަދަ ބޮޑު އައުޓްބްރޭކް އަކާ ކުރިމަތި ނުލާތާ 100 އަހަރުވެފައިވުމުން ކަންތައް ކުރާނެ ގޮތް މިހާރު ނޭނގޭ ކަމަށެވެ. 

މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގައުމުތަކުން ޕެންޑަމިކްއަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަން ނޭނގުމުގެ ސަބަބުން އަދި ވައިރަސް އެ ގައުމުތަކުގައި ފެތުރުން ހުއްޓުވުމަށް އެދެވިގެންވާ މަސައްކަތް ކުރެވިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިދިޔަ ދެ މަސްތެރޭގައި ހަރުކަށި ފިޔަވަޅުއަޅައި، ޓެސްޓުތައް ހެދުމުގައި އިތުރަށް ފަރުވާތެރިވެ ވައިރަސް ބެލެހެއްޓުމުގައި އިތުރު ސަމާލުކަމެއް ދޭންޖެހޭކަމަށް ބުނެފައިވެއެވެ. 

މިކަމާ ގުޅިގެން ޑެ ލެ ވިން ބުނެފައިވަނީ ޔޫރަޕް ގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ވައިރަސް ޖެހިފައިވާ މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ހޯދުމުގެ އިތުރުން ވައިރަސް ފެތުރެމުންދާ ގޮތްބެލުން ފަދަ ފިޔަވަޅުތައް އެޅުމަށް ނުކުޅެދިފައިވާކަމަށެވެ.

ޗައިނާއިން މިދިޔަ އަހަރު ކޮރޯނާވައިރަސް ފެނުމުން، އެ ގައުމުންވަނީ 9000 ހެލްތު ވޯކަރުންގެ ޓީމެއް އެކުލަވާލައި ޗައިނާގެ ވޫހާންގައި ވައިރަސް ޖެހިފައިވާ އެތައް ހާސްބަޔަކު ޓްރޭސް ކުރުމަށް ފޮނުވާފައެވެ. 

އެހެންނަމަވެސް އިޓަލީގައި އޮފިޝަލުންވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ބައެއް މީހުން އެމީހުން އަމިއްލައަށް ކޮންޓެކްޓްވެފައިވާ މީހުންގެ ލިސްޓެއް ހުށަހެޅުމަށް ދޫކޮށްލާފައެވެ. އަދި ކޮންޓެކްޓް ވެފައިވާ މީހުން ދެނެގަނެވުމުން ހަމައެކަނި ކުރާކަމަކީ ކޮންމެ ދުވަހަކު ގުޅައި ހާލު ބެލުމެވެ. 

މީގެ އިތުރުން ސްޕެއިން އާއި އިނގިރޭސިވިލާތުން ވަނީ ކޮންޓެކްޓް ޓްރޭސް ކުރުމަށް މަސައްކަތް ކުރަމުންދާ ހެލްތު ވޯކަރުންގެ އަދަދު އަދި ކޮންޓެކްޓްވެފައިވާ މީހުންގެ އަދަދު ހިއްސާ ކުރުމަށް އިންކާރުކޮށްފައެވެ.

މިކަންކަމާ ގުޅިގެން އިނގިރޭސިވިލާތުގައި މަސައްކަތް ކުރަމުންދާ އެތެރެ ހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ބާރަތު ބުނެފައިވަނީ އެގައުމުގައި ކޮންޓެކްޓް ޓްރޭސް ކުރުމަށް މޮޅު ވަސީލަތްތައް ހުރިނަމަވެސް އެކަން ކުރަން ޖެހޭ ގޮތަށް ކުރެވިފައިނުވާ ކަމަށެވެ. 

އަދި މާރްޗް މަހު ކޭސްތައް އިތުރުވާންފެށުމުން ޑރ. ބާރަތުގެ އިތުރުން އެހެން ޑޮކްޓަރުންވަނީ ކޯލް ސެންޓަރުތައް ކޮންޓެކްޓް ޓްރޭސް ކުރާ ތަންތަނަށް ހަދަން ގޮވާލާފައެވެ. އެހެންނަމަވެސް އެކަން ނުވާކަމަށް ޑރ. ބާރަތު ވަނީ ބުނެފައެވެ. އަދި އެއީ ގެއްލިފައިވާ ފުރުސަތެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު ޑރ. ބާރަތު ބުނެފައިވަނީ އިނގިރޭސިވިލާތަކީ ހާލަތު ގޯސް ޕޭޝަންޓުންނަށް އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރުމުގައި ކުޅަދާނަ ބައެއް ކަމަށާއި އެހެންނަމަވެސް ކޮވިޑް-19 ފަދަ ޕެންޑެމިކް އަކަށް ތައްޔާރުވެފައި ނުވާކަމަށެވެ. މިހާރުވެސް ހޮސްޕިޓަލުތަށް ފުރިފައިވާއިރު ކޮރޯނާވައިރަސް ޖެހިފައިވާ މީހުން އައުމުން ހެލްތު ކެއާ ސިސްޓަމް ވަނީ ސްޓްރެސްވެފައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

އިޓަލީގައި މި މައްސަލަ ޖެހިފައިވަނީ އައިސީޔޫގައި އެނދު ލިބޭނެ މީހެއް ޑޮކްޓަރުން ނިންމަން ޖެހިފައިވުމުންކަމަށާއި، ޓްރައާޖް ގެ ތަޖުރިބާ ލިބިފައިނުވުމުން މި ދަނޑިވަޅުގައި އެންމެންވެސް ކަންބޮޑުވެފައިކަމަށް އޭނާ އިތުރަށް ފާހަގަ ކުރިއެވެ.

މި ޕެންޑެމިކްގެ ސަބަބުން ތަރައްގީވެފައިވާ ގައުމުތަކަށް ވަނީ މިފަދަ ކަންކަން ކުރިމަތިވެފައެވެ. މާހިރުން ބުނެފައިވަނީ ބައެއް ޔޫރަޕްގެ ގައުމުތަކުން ކޮރޯނާވައިރަސް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރެވިފައި ނުވާކަމަށާއި، މި ވައިރަސްގެ ސަބަބުން ކަންތައްވާނެ ގޮތަށް ވިސްނާފައިނުވާ ކަމަށެވެ. 

މިހެން ކަންކަން އޮތްއިރު މި ވައިރަސް ފެތުރިފައިވާ ހަލުވިކަމުގެ ސަބަބުން އެންމެންވެސް ވަނީ ކަންބޮޑުވެފައެވެ. އަދި އެކި ގައުމުތަކުން ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ ވަސީލަތްތައް ފޮނުވުމަށް އާދޭސްކުރަމުންދާ ކަންވެސް ފާހަގަކުރެވެއެވެ. 

ހަމައެއާއެކު ސްޕެއިންގައި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 14 އިންސައްތަ މީހުންނަކީ ސިއްހީ އެހީތެރިން ކަމަށާއި، މި ދަނޑިވަޅުގައި ލިބެން ހުރި ވަސީލަތްތައް މީގެ ސަބަބުން މަދުވާކަމަށްވެސް ވަނީ ރިޕޯޓުކުރެވިފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ