އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 01/04/2020

ކޮވިޑް-19: ޔުނިސެފް އިން ބެލެނިވެރިންނަށް އެނގެންޖެހޭ ކަމަށް ބުނާ 6 ކަންތައް

އިންޓަރނެޓް އަދި ސޯޝަލް މީޑިޔާގައި ދޮގު ހަބަރު ފެތުރެމުންދާ މިދަނޑިވަޅުގައި ބެލެނިވެރިންނަށް މިމައުލޫމާތުތައް އެނގުން މުހިންމެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 01/04/2020

Coronavirus COVID-19 UNICEF
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާވައިރަސް ފެތުރެމުންދާއިރު ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ސަލާމަތައް ވިސްނާނެކަން ޔަގީނެވެ. އެއާއެކު ބެލެނިވެރިއެއްނަމަ އިތުރު ޒިންމާތައް ހުންނާނެކަން ޔަގީނެވެ. 

870،000 މީހުންނަށް ވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، ވައިރަސްގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 43،000 އަށްވުރެ މައްޗަށް އަރާފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވައިރަސް ފެތުރެމުންދާއިރު ވައިރަސްއިން ސަލާމަތްވުމަށް އެކި ކަންކަން ކުރަން ޖެހެއެވެ. 

ނަމަވެސް ބައެއް ބެލެނިވެރިންދަނީ މި ވައިރަސްއިން ސަލާމަތްވުމަށް ކުރަން ޖެހޭ ކަންތައްތައް ނުވަތަ ވައިރަސްއާއި ގުޅިގެން އެނގެން ޖެހޭ ކަންކަމާ މެދު ސުވާލު ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ޔުނިސެފްގެ ސިއްހީ މާހިރުން ވަނީ ކޮންމެ ވެސް އިނގެން ޖެހޭ ކަންތައްތަކެއް ކިޔާދީފައެވެ.

1. ވައިރަސް ފެތުރޭ ގޮތް

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ ނޭވާލާނިޒާމަށް ޖެހޭ ވައިރަސްއެވެ. މި ވައިރަސް ފެތުރެނީ ވައިރަސް ޖެހިފައިވާ މީހެއް ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން ފެތުރޭ ތިކިތަކެއްގެ ޒަރިއްޔާއިންނެވެ. އަދި ހަޑިވެފައިވާ ތަންތަނުގައި އަތްލުމުގެ ސަބަބުން ވެސް މި ވައިރަސް ޖެހުމުގެ ފުރުސަތުވެއެވެ. 

ކުޑަ ކުދިންނަށް މި ކަންކަން ކިޔާދީ އެކުދިންނަށް ކުރަންވާ ކަންކަމާއި ސަމާލު ވާން ޖެހޭ ކަންތައްތައް ކިޔައިދިނުން ވަރަށް މުހިންމެވެ. އަދި ހުންއައިސް ކެއްސާ ކިނބިހި އަޅާ މީހުންނާއި ދުރުން އުޅެންވެސް ކިޔައިދޭންވާނެއެވެ.

2. ބަލީގެ އަލާމާތްތައް 

މި ވައިރަސް ޖެހުމުގެ ސަބަބުން ފެންނަ އަލާމާތްތަކެއްވެއެވެ. އެގޮތުން ހުންއައުން، ކެއްސުން އަދި ނޭވާކުރުވުން ހިމެނެއެވެ. އަދި ބައެއް ކޭސްތަކުގައި މި އަލާމާތްތައް ގޯސް ވެއްޖެނަމަ ނިއުމޯނިއާ ފަދަ ނޭވާލާނިޒާމުގެ ބަލިތައް ޖެހެއެވެ. އަނެއް ބައި ހާލަތްތަކުގައި މި ވައިރަސްގެ ސަބަބުން މީހުން މަރުވެއެވެ. އެހެންނަމަވެސް މި ވައިރަސްގެ އެންމެ ނުރައްކާތެރިކަން ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި ދާއިމީ ބައްޔަކަށް ފަރުވާކުރަމުންދާ މީހުންނަށެވެ.

3. ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް 

ވައިރަސް އިން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތަކެއްވެއެވެ. އެގޮތުން ގިނަގިނައިން އަތްދޮވެ އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަމެއް ދޭންވާނެއެވެ. އަތްދޮންނައިރު، ސައިބޯނި ލައިގެން އެންމެ މަދުވެގެން 20 ސިކުންތުވަންދެން އަތް ދޮންނަންވާނެއެވެ. 

އަތް ނުދޮވެވޭ ހާލަތެއް އަތުވެއްޖެނަމަ ޑަބްލިއުއެޗްއޯއިން އިލްތިމާސް ކޮށްފައިވާފަދަ ސެނިޓައިޒާ އެއް ބޭނުން ކޮށްގެން އަތް ރީތިކޮށް ސާފުކުރާށެވެ. 

ހަމައެއާއެކު ކެއްސާ ކިނބިހި އަޅާނަމަ ޓިޝޫއެއް ބޭނުން ކުރުން މުހިންމެވެ. އަދި ޓިޝޫ ބޭނުން ކުރުމަށްފަހު ރަނގަޅު ގޮތުގައި ނައްތާލަން ހަނދާން ކުރަންވާނެއެވެ. 

4. މާސްކް އެޅުމުން ވައިރަސް އިން ރައްކާތެރިކަން ލިބޭތަ؟

މި އަލާމާތްތައް ނުފެންނަނަމަ މާސްކް ބޭނުން ކުރުން މުހިންމު ނޫންކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މި ދަނޑިވަޅުގައި ވައިރަސްއިން ސަލާމަތްވެ ތިބުމަށް އަތް ދޮވެ، އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަމެއް ދިނުން މުހިންމެވެ. 

އެހެންނަމަވެސް މި އަލާމާތްތައް ފެންނަނަމަ މާސްކް ބޭނުން ކުރުމުން އެހެން މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.

5. މަންމަގެ ޒަރިއްޔާއިން ބަނޑުގައިވާ ދަރިފުޅަށް ވައިރަސްގެ އަސަރުކޮށްފާނެތަ؟

އެންމެ ގިނައިން މީހުން އަހަމުންދާ އެއް ސުވާލަކީ ބަނޑުބޮޑުވުމުން ދަރިފުޅުގަޔަށް ވައިރަސް ޖެހުމުގެ ފުރުސަތު ވޭތޯއެވެ. ނުވަތަ މި ކަމުގެ ސަބަބުން ދަރިފުޅަށް އެއްވެސް އަސަރެއް ކުރާނެތޯ ވަނީ އަހާފައެވެ. ނަމަވެސް މި ސުވާލަށް ޖަވާބު ދެވޭވަރަށް ހޯދުންތަކުން ހޯދިފައެއް ނުވެއެވެ.

6. ބައްޔަށް ފަރުވާ ކުރެވޭނެ ބޭސް

ހަމައެއާކު މި ވައިރަސްއަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭނެ ބޭހެއް ވޭތޯވެސް ވަނީ އަހާފައެވެ. ކޮރޯނާވައިރަސްއަށް ފަރުވާދިނުމުގައި ބޭނުންކުރެވޭ ވަކި ބޭހެއް އަދި ނުވާއިރު، މި ވައިރަސްއަށް ފަރުވާދިނުމުގައި އެކި ބޭސްތައް ބޭނުން ކުރުމަށް މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ. 

މިއަދާ ހަމައަށް ވައިރަސް ހުއްޓުވުމަށް ނުވަތަ ފަރުވާދިނުމަށް ބޭހެއް ނެތްނަމަވެސް މި ދަނޑިވަޅުގައި ކުރަން އެންމެ ރަނގަޅު ކަމަކީ ދެވިފައިވާ އިރުޝާދުތަކާ އެއްގޮތައް މަސައްކަތްކޮށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވާ ކަންކަން ކުރުން ކަމަށް ޔުނިސެފް އިން ބުނެފައިވެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ