މިއަދު ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީނު ފެސިލީޓީގައި ހުއްޓާ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޭސްއިން އެނގެނީ ކަރަންޓީނު ވުމުގެ މުހިއްމުކަން ކަމަށް އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައިމޫނާ ވިދާޅުވީ މިއަދުގެ ކޭސްއިން އެކަނިވެސް ކަރަންޓީނުގައި ތިބުމުގެ ސަބަބުތައް ދެނެގަނެ އެގޮތުގައި ތިބުމުގެ މުހިއްމުކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
މިއަދު ރާއްޖެއިން ވަނީ 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން އެކަކަކީ އިނގިރޭސިވިލާތުގައި ހުރެފައި ރާއްޖެ އައިސް ހޮލިޑޭ ރިސޯޓުގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުން ދިޔަ ދިވެއްސެކެވެ.
ދެން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއަށް އައި އިޓަލީގެ ދެ ފަތުރުވެރިންނެވެ. މި ދެ ފަތުރުވެރިން ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ އައިސޮލޭޝަންގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު އަނބުރަ އިޓަލީއަށް ދަތުރުކުރަނި ކޮށެވެ.
މައިމޫނާ ވިދާޅުވީ އިޓަލީގެ ދެ މީހުންގެ ކޭސްއިން ވެސް މިއަދު ގިނަ ކަންތައްތަކެއް ދަސްވެފައިވާކަމަށެވެ. އަދި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ބަލާ އެކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނޭކަމަށްވެސް މައިމޫނާ ވަނީ ވިދާޅުވެފަ އެވެ.
ހަމައެހެންމެ މައިމޫނާ ވަނީ ގޭގޭގައި ކަރަންޓީނުވި ފަރާތްތަކުންވެސް ބަލީގެ އަލާމާތެއް ފެންނަނަމަ އަވަހަށް ރިޕޯޓު ކުރުމަށް އެދިލައްވާފަ އެވެ.
ރާއްޖެއިން ފުރި އިޓަލީގެ ދެމީހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ރާއްޖޭގައި ހެދި އެ ދެމީހުންގެ ސާމްޕަލް ޓެސްޓެއްގެ ނަތީޖާ ލިބުމުންކަމަށް މިރޭ ރައީސް އޮފީހުގެ އަންޑަރ ސެކްރަޓަރީ މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)