އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 27/03/2020

ކޮވިޑް-19 އާއި ލޭ މައްޗަށް ދިޔުން: ގުޅުމަކީ ކޮބާ؟

ކޮވިޑް-19 އާއި ލޭމައްޗަށް ދިޔުމާއި އޮތް ގުޅުމަކީ ކޮބާ؟ އަދި މިފަދަ މީހުން އަމަލު ކުރަންވީ ކިހިނެއް؟
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 27/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލޭ މައްޗަށް ދާ މީހެއްނަމަ މިފަދަ ދުވަސްވަރެއްގައި ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އިތުރު ސަމާލުކަމެއް ދިނުމަކީ ބުއްދިވެރި ކަމެކެވެ. 

ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ލޭ މައްޗަށް ދާ މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވާއިރު، ވައިރަސް ޖެހިއްޖެ ނަމަ އަލާމާތްތައް ގޯސް ވާނެ ކަމަށާއި މި ވައިރަސްގެ ސަބަބުން މަރުވުމުގެ ފުރުސަތު ވާކަމަށް ވަނީ ބުނެފައެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތު

ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައިވާ ޗައިނާ އަދި އިޓަލީއިން ނެގިފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ލޭ މައްޗަށްދާ މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު ވާއިރު ވައިރަސް ޖެހުމުން އަލާމާތްތައްވެސް އިތުރަށް ގޯސްވެއެވެ. 

އެގޮތުން ޗައިނާގައި ކޮރޯނާވައިރަސް ޖެހިގެން ހޮސްޕިޓަލްތަކަށް ގޮސްފައިވާ މީހުންގެ ތެރޭގައި 25-50 އިންސައްތަ މީހުންނަކީ ލޭ މައްޗަށް ދިއުމާއި އިތުރު ބަލިތައް ހުރި މީހުންނެވެ. ކެންސަރު، ހަކުރު ބަލި ނުވަތަ ފުއްޕާމޭގެ ބަލިތައްފަދަ އިތުރު ސިއްހީ މައްސަލަތައް ހުރި މީހުންނެވެ. 

އިޓަލީގައި މި ވައިރަސްގެ ސަބަބުން މަރުވެފައިވާ މީހުންގެ ތެރެއިން 99 އިންސައަތަ މީހުންނަކީ މިފަދަ ބަލިތައް ހުރި މީހުންނަށް ވާއިރު، 76 އިންސައްތަ މީހުންނަކީ ލޭ މައްޗަށް ދާ މީހުންކަމަށް ބުނެފައިވެއެވެ. އަދި ލޭ މައްޗަށް ދާ މީހެއްނަމަ ކޮވިޑް-19 ގެ ސަބަބުން މަރުވުމުގެ ފުރުސަތު 6 އިންސައްތަ އިތުރުވެއެވެ.

މިހެން މިވަނީ ކީއްވެ؟

މި ފަދަ ބަލިތައް ހުންނަ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެފައިވަނީ ދިފާއީ ނިޒާމު ބަލިކަށި ވުމުންނެވެ. ދާއިމީ ބައްޔެއް ހުރުމުގެ ސަބަބުން، ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެއެވެ. އަދި ދިފާއީ ނިޒާމު ބަލިކަށިވުމުން މި ވައިރަސްއާއި ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރުމަށް ދަތިވެއެވެ. 

ލޭ މައްޗަށް ދާ މީހުން ބޭނުން ކުރަމުން އަންނަ ބޭހުގެ ސަބަބުންވެސް ވައިރަސް ޖެހުމުގެ ފުރުސަތު އިތުރުވެދާނެއެވެ. އެހެންނަމަވެސް މިކަމާ ގުޅޭގޮތުން އެއްވެސް ހޯދުންތަކެއް ކުރިއަށް ގެންގޮސްފައި ނުވުމުގެ ސަބަބުން މިކަމާ ގުޅޭގޮތުން އިތުރު ހޯދުންތައް ކުރިއަށް ގެންދަންދެން މިފަދަ ބަލިތައް ހުންނަ މީހުން ނަގަމުން ގެންދާ ބޭސް ހުއްޓާނުލުމަށް ވަނީ އެދިފައެވެ. 

މިކަން ޔަގީންވެފައި ނުވަނިކޮށް ބޭސް ކެއުން ހުއްޓާލުމުން ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެ ހޮސްޕިޓަލުގައި ބާއްވަން ޖެހިދާނެއެވެ.

ކޮރޯނާވައިރަސް ޖެހިއްޖެނަމަ ވާނީ ކިހިނެއް؟

ވައިރަސް ޖެހުމުގެ ސަބަބުން އަލާމާތްތައް ގޯސްވެ ނިއުމޯނިއާ ޖެހުމުގެ ފުރުސަތުވާއިރު، މިކަމުގެ ސަބަބުން ކާޑިއޯވެސްކިއުލާ ސިސްޓަމްވެސް ހަލާކު ކޮށްލައެވެ. އެހެންކަމުން ލޭ މައްޗަށް ދާ މީހުން އަދި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ލޭ މައްޗަށް ދިއުމުގެ ސަބަބުން ލޭ ނާރުތައް ހަލާކުވެ ހިތައް ލޭ ދާ މިންވަރު މަދު ވެއެވެ. ދުވަސްވާ ވަރަކަށް މި ކަމުގެ ސަބަބުން ހިތް ބަލިކަށިވެ، ގައިގެ އެކި ބައިތަކަށް ފޮނުވަންޖެހޭ ވަރަށް އޮކްސިޖަން ހުންނަ ލޭ ފޮނުވައެއް ނުދެވެއެވެ.

ކޮރޯނާވައިރަސް ޖެހުމުން ސީދާ ހިތަށް ވެސް ގެއްލުން ލިބެއެވެ. ވައިރަސް ޖެހުމުގެ ސަބަބުން ހިތުގެ މަސްގަނޑު ދުޅަވެ ހިތުން ގައިގެ އެހެން ހިސާބުތަކަށް ލޭ ފޮނުވަން ދަތިވެއެވެ. މިފަދަ ބަލިތައް ހުންނަ މީހުންނަށް ވައިރަސް އަދި ފްލޫ ފަދަ ބަލިތައް ފަސޭހައިން ޖެހުމުގެ ފުރުސަތު ވާއިރު، ވައިރަސްގެ ސަބަބުން މި މީހުންނަށް ހާޓް އަޓޭކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އަމަލު ކުރަންވީ ކިހިނެއް؟

ކޮންމެ މީހަކުވެސް ވައިރަސްއިން ސަލާމަތްވުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެހެންނަމަވެސް ލޭ މައްޗަށް ދިއުން އަދި އެހެން ބަލިތައް ހުންނަ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާކުރަމުން ދާ މީހުން މި ވައިރަސްއިން ސަލާމަތްވުމަށް އިތުރު ސަމާލުކަމެއް ދޭންޖެހެއެވެ. 

އެގޮތުން އެމެރިކާގެ ސީޑީސީއިން ބުނެފައިވަނީ ފަރުވާ ކުރަމުންދާ ބައްޔަށް ކަމުންދާ ބޭސް ވާވަރަށް ހުރިތޯ ބަލާށެވެ. އަދި ހުން އައުން ނުވަތަ އެހެން އަލާމާތްތައް ފެނިއްޖެ ނަމަ ބޭނުންކުރާނެ ބޭސް ވެސް ހޯދާށެވެ. 

މީގެއިތުރުން ގޭގައި މަޑުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުން ވީހާވެސް މަދުކޮށް ސާފުތަހިރުކަމަށް އިތުރު ސަމާލުކަމެއްދޭން ވަނީ ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ