އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 26/03/2020

ކޮވިޑް-19: އުމުރުން ދުވަސްވީ މީހުންނަށް އިތުރު އިސްކަމެއް ދޭންޖެހޭ

މި ވައިރަސް ޖެހެމުންދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނުމުގެ ސަބަބުން އެމީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 26/03/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ފެތުރެމުންދާއިރު މި ވައިރަސް ހުއްޓުވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން އިރުޝާދުތައް ދެވިފައިވާއިރު މި އިރުޝާދުތަކާ އެއްގޮތަށް ބައެއް މީހުންނަށް މަސައްކަތް ނުކުރެވެއެވެ. 

މި ވައިރަސް ޖެހެމުންދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނުމުގެ ސަބަބުން އެމީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.

މިކަމާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ ދެ ޔުނިވަރސިޓީއެއްގެ ދިރާސާވެރިންނާއި ސައުތު އެފްރިކާގެ ސެމްސަން އިންސްޓިޓިއުޓް ފޯ އޭޖިންގް ރީސަރޗް ގުޅިގެން ވަނީ ބްރިޓިޝް މެޑިކަލް ޖަރނަލް ގައި ދިރާސާއެއް ޝާއިއުކޮށްފައެވެ.

މިދިރާސާގައި އެންމެ މުހިންމު ނުކުތާއެއް ގޮތުގައި ދިރާސާވެރިން ފާހަގަ ކޮށްފައިވަނީ ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރެވެމުންދާއިރު އެންމެ ނުރައްކާ ބޮޑު ގްރޫޕް ކަމަށްވާ އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގެ ގޮތުން މާހިރުންގެ ޓީމެއް އެކުލަވާލުމުގެ މުހިންމު ކަމެވެ.

މީގެ އިތުރުން މިދިރާސާގައި ވާގޮތުން ކޮވިޑް-19 ގެ ސަބަބުން އެންމެ ގިނައިން މަރުވާނީ ފަގީރު އަދި މެދު ފަންތީގެ ގައުމުތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ކަމުގައި ފާހަގަކޮށްފައިވެއެވެ. މި ގައުމުތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަކީ ދުނިޔޭގެ އާބާދީގެ 60 އަހަރުން މަތީގެ 69 އިންސައްތަ ހިއްސާ ކުރާ މީހުންނެވެ. އަދި މި ގައުމުތަކުގައި ސިއްހީ ދާއިރާއަކީ ތަރައްގީވެފައިވާ ދާއިރާއަކަށް ނުވާއިރު އުމުރުން ދުވަސްވީ މީހުންނަށް ދެވިފައިވާ މުހިންމުކަން ކުޑައެވެ.

ދިރާސާގެ އިސް ލިޔުންތެރިޔާ ޑރ. ލޮއިޑް ޝާލޮކް ބުނެފައިވަނީ މުޅި ދުނިޔޭގައި މި ވައިރަސް ފެތުރެމުންދާއިރު އެންމެ އިސްކަމެއް ދޭން ވާނީ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރާނެ މީހުންނަށް ކަމަށެވެ. މިހާތަނަށް މިހެން ކަންތައް ވެފައިނުވާއިރު މި ވައިރަސްގެ ސަބަބުން މިފަދަ ގައުމުތަކުގައި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. 

"އެންމެ އިސްކަމެއް ދޭންވާނީ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރާނެ މީހުންނަށް" ޑރ. ޝާލޮކް

ގައުމަށް ފައިސާ ވަންނަލެއް މަދު ގައުމުތަކުގައި ގިނަ އުމުރުން ދުވަސްވީ މީހުން އުޅެނީ ފިތި ބާރުވެފައިވާ ތަންތަނުގައެވެ. އެހެންކަމުން އިޖުތިމާއީ ގައިދުރުކަން ފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، އެކަނި އުޅޭ މީހުންނާއި އެހެންމީހުންނަށް ބަރޯސާވެގެން އުޅޭ މީހުންނަށް ވިސްނަން ޖެހޭނެއެވެ. އަދި މި ވައިރަސް އިތުރަށް ފެތުރެން ފަށައިފިނަމަ މިފަދަ މީހުންނަށް ކާނެ އެއްޗެހި އަދި ކޮންމެ ދުވަހަކު އާންމުކޮށް ބޭނުންކުރާ އެއްޗެހި ލިބުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ. 

މި ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ތެރޭގައި ގިނަ މީހުންނަކީ 60 އަހަރުން މަތީގެ މީހުންނަށްވާއިރު، ގިނަ މީހުންނަކީ ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުންނެވެ. މި ފަދަ ގައުމުތަކުގައި ވައިރަސްއަށް ފަރުވާ ދިނުމުގައި އަދި ވައިރަސް ހުރިތޯ ބެލުމުގައި ދަތިތަކެއްވެސް ކުރިމަތިވެއެވެ. އަދި ސިއްހީ އެހީ ހޯދުމަށް އުމުރުން ދުވަސްވީ މީހުންނަށް އުނދަގޫވެއެވެ. 

މިފަދަ ކަންކަމަކީ ފަސޭހައިން ރަނގަޅު ކުރެވޭނެ ކަންކަމަށް ނުވިނަމަވެސް މިފަދަ މައްސަލަތައް ދެނެގަތުން މުހިންމެވެ. އެގޮތުން އުމުރުން ދުވަސްވެފައިވާ މީހުންނަށް އިތުރު އެހީއެއް ދިނުމުގެ ގޮތުން ސިއްހީ އެހީ ފަދަ ކަންކަން ނުލިބޭ މީހުންނަށް އެ އެހީ ފޯރު ކޮށްދިނުމާއި އިތުރު ކަންކަމަށް އެހީ ފޯރު ކޮށްދެވޭނެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ