އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 21/03/2020

ކޮވިޑް-19 އާ ދުނިޔެ އެންމެ ފަހުން ދުށް ޕެންޑެމިކް އަޅާ ކިޔާލަމާ

މީގެ ކުރިން ދުނިޔެ އެންމެ ފަހުން ދުށް ޕެންޑަމިކް އަކީ 2009 ވަނަ އަހަރު މެކްސިކޯ އިން ފެތުރެން ފެށުނު ސްވައިން ފްލޫ އެވެ. މިއާއި މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ތަފާތުތަކަކީ ކޮބާ؟
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 21/03/2020

Coronavirus COVID-19 H1N1 Swine Flu
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

2009 އަހަރާއި 2010 ވަނަ އަހަރު ފެތުރިފައިވާ އެޗް1އެން1 ސްވައިން ފްލޫ ގެ ސަބަބުން 151،700 އަދި 575،400 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 1.4 މިލިއަން އަށް އަރައެވެ. 

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސްގެ ވައްތަރެއްކަމަށްވާ ކޮވިޑް-19 ނުވަތަ SARS-CoV-2 ވަނީ 200،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. 

މީގެ ކުރިން ޕެންޑެމިކްއަކާ ކުރިމަތިވެފައި ތިބިމުން، އެންމެންވެސް މިފަދަ ދަނޑިވަޅަކަށް ތައްޔާރުވާނެ ކަމަށް ހީކުރާނެއެވެ. އެހެންނަމަވެސް 2009 ވަނަ އަހަރު ފެތުރިފައިވާ ސްވައިން ފްލޫއާ ކޮވިޑް-19 އާ ތަފާތުތަކެއްވެއެވެ. 

ސްވައިން ފްލޫއާއި ކޮވިޑް-19ގެ ހުރި ތަފާތަކީ ކޮބާ؟

އެންމެ ފުރަތަމަ ކުރިމަތިވެފައިވާ ސްޕެނިޝް ފްލޫ އަކީ މުޅި ދުނިޔެއަށް ފެނިފައިވާ އެންމެ ނުރައްކާތެރި ޕެންޑެމިކްއެވެ. އެއީ 1918 ވަނަ އަހަރެވެ. 

2009 ވަނަ އަހަރު ފެތުރިފައިވާ ސްވައިން ފްލޫއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ދެވަނަ ޕެންޑެމިކްއެވެ. މި ފްލޫއަކީ މެކްސިކޯއިން ފެނިފައިވާ އެޗް1އެން1 ގެ ވައްތަރެކެވެ. އޭޕްރިލް މަހު ފެތުރެން ފަށާފައިވާ މި ފްލޫ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި، އެ އަހަރު ޖޫން މަހު ޑަބްލިއުއެޗްއޯއިން ވަނީ މި ފްލޫއަކީ ޕެންޑެމިކްއެއް ކަމަށް ނިންމާފައެވެ. 

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއިން މީހުން މަރުވަމުންދާ ޕަސަންޓޭޖު ސްވައިން ފްލޫއާއި އަޅާކިޔާ އިރު މަތިވިނަމަވެސް އިތުރު މީހުންނަށް މި ވައިރަސް ޖެހުމުން މި ޕަސަންޓޭޖް ދަށް ވެދާނެކަމަށް ސިއްހީ މާހިރުން ބުނެފައިވެއެވެ.

ސްވައިން ފްލޫ ބޮޑަށް ޖެހިފައިވަނީ ކުޑަ ކުދިންނަށާއި، އުމުރުން ދުވަސްނުވާ ބޮޑަތި މީހުންނަށެވެ. އެހެން ފްލޫ ވައިރަސްތައް ޖެހުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ ތެރޭގައި ގިނަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންކަމަށްވާއިރު، 2009 ވަނަ އަހަރު ފެތުރިފައިވާ ސްވައިން ފްލޫ ޖެހިގެން މަރުވެފައިވާ މީހުންގެ ތެރެއިން 80% މީހުންނަކީ 65 އަހަރުން ދަށުގެ މީހުންނެވެ. 

ސްވައިން ފްލޫ ޖެހުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން މަދުވެފައިވަނީ ގިނަ މީހުން އެޗް1އެން1 ގްރޫޕްގެ ވައިރަސްތަކަށް އިމިއުން ވުމުންކަމަށް ބުނެފައިވެއެވެ.

ސްވައިން ފްލޫ ޖެހިފައިވާ މީހުންގެ އަދަދު 1.4 މިލިއަން އަށް އަރާ

ގިނަ މީހުން ވައިރަސްތަކަށް އިމިއުން ވެފައިވުމުގެ ސަބަބަކީ ދެވިފައިވާ ވެކްސިންގެ ސަބަބުން ނުވަތަ، އެމީހެއްގެ ދިފާއީ ނިޒާމު އެ ވައިރަސްއާ ކުރިމަތިލާފައިވުމުން ކަމަށް ބުނެފައިވެއެވެ. 

އެހެން ވައިރަސް ތަކެކޭ އެއްފަދައިން ކޮވިޑް-19 އަށް އިމިއުން މީހުންވެސް އުޅެދާނެ ކަމަށާއި، މިކަމަކީ އިތުރަށް ހޯދުންތައް ކުރިއަށް ގެންދަންޖެހޭ ފަދަ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މިހާރު ފެތުރެމުންދާ ވައިރަސްގެ އަސަރު ބޮޑަށް ކުރަމުންދަނީ 60 އަހަރުން މަތީ މީހުންނަށާއި، ދާއިމީ ބައްޔަކަށް ފަރުވާކުރަމުންދާ، ނުވަތަ އެފަދަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ކަމަށް ވަނީ ހޯދިފައެވެ.

މީގެއިތުރުން، ފްލޫ ވައިރަސްއަކީ ތިކިތަކެއްގެ ޒަރިއްޔާއިން އަދި ވައިގެ ޒަރިއްޔާއިން ފެތުރޭ ވައިރަސްއެކެވެ. އެހެންނަމަވެސް ކޮވިޑް-19 އަކީ ތިކިތަކެއްގެ ޒަރިއްޔާއިން ފެތުރެމުންދާ ވައިރަސްއަކަށް ވާއިރު، ނަޖިހުގައިވެސް ވައިރަސް ހުރުން އެކަށީގެންވެއެވެ. މީގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުންވަނީ އަތްދޮވުން ފަދަ ސާފުތާހިރުކަމުގެ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ސްވައިން ފްލޫ ޖެހުމުން ފެންނަ އަލާމާތްތަކާއި އެހެން ވައިރަސްތައް ޖެހުމުން ފެންނަ އަލާމާތްތައް ވަރަށް އެއްގޮތެވެ. އެގޮތުން ވައިރަސް ޖެހުމަށްފަހު 4 ދުވަސްތެރޭގައި ހުން އައުން، ކެއްސުން، ބޮލުގައި ނުވަތަ ގައިގަ ރިއްސުން، ކަރުގައި ރިއްސުން، ވަރުބަލިވުން ފަދަ އަލާމާތްތައް ފެނެއެވެ. 

ޑޮކްޓަރުން އަންނަނީ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ދިރާސާތައް ކުރަމުންނެވެ. އެހެންނަމަވެސް މިހާރު އެނގިފައިވާ ގޮތުގައި މި ވައިރަސް ޖެހުމުން، ހުންއައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެނެއެވެ. މަދުން ނަމަވެސް ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޮލުގަ ރިއްސުން، ބަނޑުގަ ރިއްސުން، ކަރުގަ ރިއްސުން އަދި ޑައިރިއާ ފަދަ އަލާމާތްތައް ހިމެނެއެވެ. އަދި މި އަލާމާތްތައް ގޯސްވުމުން ނިއުމޯނިއާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ކުރިމަތިވެއެވެ.

މި އަލާމާތްތައް ފެންނަނަމަވެސް ބައެއް މީހުންނަށް ވައިރަސް ޖެހުމުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ވައިރަސް ޖެހިފައިވާ މީހާގެ ގައިން އަލާމާތެއް ފެނިފައިނުވިނަމަވެސް، ވައިރަސް ޖެހިފައި ހުންނަ މީހާގައިން އެހެން މީހުން ގަޔަށް 14 ދުވަސް ތެރޭގައި މި ވައިރަސް އަރައެވެ.

ކޮވިޑް-19 އަށް ވުރެ އެޗް1އެން1 ފެތުރެމުން ދިޔަ މިންވަރުލަހެއެވެ. ވައިރަސް ފެތުރެމުންދާ މިންވަރު ބެލުމުގެ ގޮތުން އާރ-ނޯޓް ވެލިއު ބަލައެވެ. އާރ-ނޯޓް ވެލިއުއަކީ ވައިރަސް ޖެހިފައިވާ އެންމެ މީހެއްގެ ގައިން އެ ވައިރަސް އެހެން މީހުންނަށް ޖެހޭ އަދަދެވެ. 

އެގޮތުން 2009 ވަނަ އަހަރު ފެތުރެން ފަށާފައިވާ އެޗް1އެން1 ވައިރަސްގެ އާރ-ނޯޓް ވެލިއުއަކީ 1.46 އެވެ. އެހެންނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ އާރ-ނޯޓް ވެލިއުއަކީ 2 އަދި 2.5 އާ ދެމެދެވެ.

ފިޔަވަޅު އަޅާފައިވާ ގޮތް ތަފާތުވެފައިވަނީ ކިހިނެއް؟

2009 ވަނަ އަހަރު ފެތުރިފައިވާ ސްވައިން ފްލޫ އަށް ފިޔަވަޅު އަޅާފައިވާ ގޮތާއި މިހާރު ފެތުރެމުންދާ ކޮވިޑް-19 ހުއްޓުވުމަށް ފިޔަވަޅު އަޅާފައިވާ ގޮތުގައި ތަފާތުތަކެއްވެއެވެ. 

މި ދެ ބަލި ފެތުރެން ފެށުމުން ވައިރަސްގެ ޖެނެޓިކް ސީކުއެންސްވަނީ އާންމު ކޮށްފައެވެ. މީގެ ސަބަބުން ވައިރަސް ޖެހިފައިވޭތޯ ހޯދުމަށް ނުވަތަ ބަލި ޑައިގްނޯސް ކުރުމަށް ގައުމުތަކުން ލަސްނުކޮށް ފިޔަވަޅުއެޅޭނެއެވެ. 

އެގޮތުން އެޗް1އެން1 ފެތުރެން ފެށިތާ 9 ދުވަސްފަހުން، 24 އޭޕްރިލް 2009 ގައި ސީޑީސީއިން މި ވައިރަސްގެ ޖެނެޓިކް ސީކުއެންސް އާންމު ކުރުމުން ވައިރަސްއަށް ވެކްސިން ހެދުމުގެ މަސައްކަތް ފެށުނެވެ. ހަމައެފަދައިން ކޮރޯނާވައިރަސް ފެތުރެން ފެށިތާ 5 ދުވަސް ތެރޭގައި 12 ޖެނުއަރީ 2020 ގައި ޗައިނާގެ ސައިންޓިސްޓުންވަނީ މި ވައިރަސްގެ ޖެނެޓިކް ސީކުއެންސް އާންމު ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމުގައި ލަސްތަކެއް ގިނަ ގައުމުތަކުން ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި ޔޫއެސް، އިޓަލީ އަދި ސްޕެއިން ފަދަ ބޮޑެތި ގައުމުތައް ވެސް ހިމެނެއެވެ.

އެއާ ހިލާފަށް 2009 ސްވައިން ފްލޫ ފެތުރެން ފެށުމާއެކު ފެނިގެން ދިޔައީ ގިނަ ގައުމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅާ، މިވައިރަސް ފެތުރެން ހުއްޓުވުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރި ތަނެވެ.

ކޮވިޑް-19 އާ ދޭތެރޜ ގިނަ ގައުމުތަކުން ނަގާފައިވަނީ ލަސް ފިޔަވަޅުތަކެއް

މި ހުރިހާ ތަފާތުތަކެއް ހުރި ނަމަވެސް، ތަރައްގީވެފައިވާ ދުނިޔެއެއްގައި، ވައިރަސްއަށް ވެކްސިން ހެދުމަށް ކުރިއަށް ގެންދަމުންދާ ހޯދުންތަކާއި ވައިރަސް ހެދުމުގެ މަސައްކަތްވެސް އަވަސް ވާނެކަމަށް ހޯދުންތަކުން ދައްކައެވެ. ވައިރަސްއަށް ވެކްސިން ހެދުމުގެ ގޮތުން މިހާރު ފުރަތަމަ ޓްރައިލް ކުރިއަށް އެބަދެއެވެ. 

މި ވައިރަސްއަށް ފަރުވާ ކުރާނެ ގޮތާއި ވެކްސިން ހެދުމަށް ވަގުތު ނަގާނެއެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ދެވިފައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުމާއެކު، ހެލްތު ވޯކަރުންނާއި، މި ވައިރަސްއިން ސަލާމަތްވުމުގެ ގޮތުން މަސައްކަތް ކުރަމުންދާ އެންމެނަށް އެހީ ވުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ