އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 19/03/2020

ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 200،000 އަށް އަރައިފި

ވައިރަސް ޖެހުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު 9،000 އާ ގާތްކޮށްފައިވާއިރު މި ބަލިން ސަލާމަތްވެފައިވާ މީހުންގެ އަދަދަކީ 85،000 މީހުން ކަމަށް ޖޯން ހޮޕްކިންސް ޔުނިވާރސިޓީއިން ބުނެފައިވެއެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 19/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 200،000 އަށް ވުރެ މައްޗަށް އަރައިފިއެވެ. މިހާރު މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދަކީ 219،367 މީހުންކަމަށް ޖޯން ހޮޕްކިންސް އަށް ލިބިފައިވާ މައުލޫމާތުން ދައްކައެވެ. 

ޗައިނާގެ ވޫހާންއިން މިދިޔަ ޑިސެމްބަރ މަހު ފެނިފައިވާ ވައިރަސް މިހާރު ވަނީ ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވެއެވެ.  

ވައިރަސް ޖެހުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު 9،000 އާ ގާތްކޮށްފައިވާއިރު މި ބަލިން ސަލާމަތްވެފައިވާ މީހުންގެ އަދަދަކީ 85،000 މީހުން ކަމަށް ޖޯން ހޮޕްކިންސް ޔުނިވާރސިޓީއިން ބުނެފައިވެއެވެ.

ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޗައިނާގައިވާ މީހުންކަމަށާއި، އެހެންނަމަވެސް ކޮވިޑް-19 މިހާރު ވަނީ އެކި ހިސާބުތަކަށް ފެތުރިފައިކަމަށް ބުނެފައިވެއެވެ. އެގޮތުން ޔޫރަޕްއަކީ މި ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ހިސާބު ކަމަށް މިދިޔަ ހަފްތާގައި ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. އަދި ޗައިނާއަށް ވުރެ ގިނަ ކޭސްތައް ޔޫރަޕް އިން ރިޕޯޓްކުރަމުންދާކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވަނީ ބުނެފައެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި މި ވައިރަސް ޖެހޭމީހުންގެ އަދަދު އަދި މި ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ" ޑރ. ޓެޑްރޯސް

މިހާރު ލޮކްޑައުން ކޮށްފައިވާ އިޓަލީގައި 35،000 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މި ވައިރަސްގެ ސަބަބުން 2،900 މީހުން މަރުވެފައިވާކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީއިން ވަނީ ބުނެފައެވެ. އަދި އީރާންގައި 17،000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު ސްޕެއިންގައި 14،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ.

ޖެނުއަރީ 20 ގައި ޗައިނާ، ތައިލެންޑް، ޖަޕާން އަދި ސައުތު ކޮރެއާއިން ވަނީ 282 ކޭސް ރިޕޯޓްކޮއްފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޗައިނާ މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ. އަދި ޑަބްލިއުއެޗްއޯގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި މާރޗް 6 ވަނަ ދުވަހު މުޅި ދުނިޔޭގައި މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 100،000 އަށް އަރާފައެވެ.

މިދިޔަ ހަފްތާގައި ޕެންޑެމިކްއެއް ކަމަށް ނިންމާފައިވާ މި ވައިރަސް މިދިޔަ ދެ ހަފްތާ ތެރޭގައި ތިންގުނަ އިތުރު ވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި ވައިރަސް ޖެހޭމީހުންގެ އަދަދު އަދި މި ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށް ޓެޑްރޮސް ބުނެފައިވެއެވެ.

މީގެއިތުރުން ޓެޑްރޮސް ބުނެފައިވަނީ ބައެއް ގައުމުތަކުން އެ ގައުމުތަކުގައިވާ މީހުންނަށް މައުލޫމާތު ދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށާއި، ގައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިނުވާ ކަމަށް ބުނެފައިވެއެވެ. 

ހަމައެއާއެކު، ބައެއް ގައުމުތަކުން ބޭނުންވާ ވަރަށް ވަސީލަތްތައް ނެތުމުން އަދި ވައިރަސް ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް ކުރިމަތި ވެފައިވާކަމަށްވެސް ޓެޑްރޮސް ބުނެފައިވެއެވެ.

ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައިވާ އެކި ގައުމުތަކުން ދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށް، ދަތުރު ކުރުން މަނާ ކުރުމުގެ އިތުރުން ގޭގައި ތިބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ޔޫރަޕްގެ ލީޑަރުންވަނީ ޔޫރަޕިއަން ޔުނިއަންގެ ބޯރޑަރތައް ބަންދުކުރަން ނިންމާފައެވެ. 

އަދި ޔޫއެސްގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ޓްރެވަލް ބޭން ކުރުމަށް ނިންމާފައެވެ. ހަމައެއާއެކު، އިޓަލީ ލޮކްޑައުން ކޮށްފައިވާއިރު އެ ގައުމުގެ ސްކޫލްތަކާއި، ވިޔަފާރިތައް ބަންދުކުރުމުގެ އިތުރުން މީހުން ތަންތަނަށް އެއްވުންވެސް ވަނީ މަނާކޮށްފައެވެ. އިޓަލީގެ ޕްރައިމް މިނިސްޓަރ ބުނެފައިވަނީ ވަގުތު ނެތް ކަމަށާއި، ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ މިންވަރާއި، މި ވައިރަސްގެ ސަބަބުން މީހުން މަރުވަމުންދާ މިންވަރުން މި ކަން ފެންނަމުން ދާކަމަށެވެ. އަދި އުޅެމުންދާ ގޮތް ބަދަލު ކުރަންޖެހޭ ކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު ރާއްޖޭގައިވެސް މި ވައިރަސް ފެނިފައިވާއިރު 13 މީހުން މިހާރު ވަނީ މި ވައިރަސްއަށް ޕޮސިޓިވްވެފައެވެ. އަދި ހުޅުލޭގައި 57 މީހުން ކަރަންޓީނު ކުރެވިފައިވާއިރު ފަރުކޮޅުގައި 15 މީހަކު ވަނީ އެކަހެރި ކޮށްފައެވެ. އަދި ވިލިވަރުގައި 25 މީހަކުވެސް ވަނީ ކަރަންޓީން ކުރެވިފައެވެ.

ރާއްޖޭގައި މި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، ސްކޫލްތައް ބަންދު ކޮށްފައިވާއިރު، ކުރިއަށް އޮތް ހަފްތާވަނީ ސަރުކާރު ބަންދު ކޮށްފައެވެ. އަދި ދަތުރު ފަތުރު ކުރުމުގައި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ކޮންމެ މީހަކުވެސް މި ދަނޑިވަޅުގައި ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ވަނީ ދީފައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ