އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 18/03/2020

ކޮރޯނާވައިރަސް ޖެހިފައިވޭތޯ ދެނެގަންނާނީ ކިހިނެއް؟

ގިނަ މީހުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލަކީ ކޮރޯނާވައިރަސް ޖެހިފައިވޭތޯ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 18/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 200،00 އިން މައްޗަށް އަރާފައިވާއިރު، މިކަމުގެ އެކި މައުލޫމާތުތައް ދަނީ ސޯޝަލް މީޑިއާގައި އަދި ތަފާތު ހެލްތު އޭޖެންސީތަކުން އާންމު ކުރަމުންނެވެ. އަމިއްލަ ސަލާމަތަށް ކޮންމެ މީހަކަށް ކުރެވޭނެ ކަންކަމާއި، އެހެން މީހުންނަށް ގެއްލުން ނުވާނެ ގޮތަށް ކަންތައް ކުރުމަށް ތަފާތު ގޮތްތައް ކިޔާދީފައިވެއެވެ. 

މި ހުރިހާ މައުލޫމާތެއް އާންމުވެފައިވާއިރު ގިނަ މީހުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލަކީ ކޮރޯނާވައިރަސް ޖެހިފައިވޭތޯ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ.

މި ވައިރަސް އަކީ ކޮންމެ މީހަކުވެސް އެއާމެދު ސީރިއަސް ވާންޖެހޭ ކަމެކެވެ. އެހެންނަމަވެސް އާންމު ކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާފަދައިން މި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދަނީ ވަކި ކަންކަމަކާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން މަޔޯ ކްލިނިކްގެ މެޑިސިން އަދި އިންފެކްޝަސް ޑިޒީޒްގެ ޕްރޮފެސާ އަދި މަޔޯ ކްލިނިކްގެ ވެކްސިން ރިސާޗް ގްރޫޕްގެ ޑިރެކްޓާރ ޑރ. ގްރެގް ޕޮލެންޑް ވަނީ އެލާޖީގެ އަލާމާތްތަކާއި، ރޯގާގެ އަލާމާތްތަކާއި، ކޮރޯނާވައިރަސްގެ އަލާމާތްތައް ތަފާތު ވަނީ ކިހިނެއްތޯ ކިޔައިދީފައެވެ.

ޑރ. ޕޮލެންޑް ބުނެފައިވަނީ ފްލޫ، ރޯގާ އަދި ކޮރޯނާވައިރަސްގެ އަލާމާތްތަށް ފުރަތަމަ ސްޓޭޖުގައި ވަރަށް އެއްގޮތްކަމަށެވެ. އެގޮތުން ކޮރޯނާވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކަކީ ހުން ޖެހުމުންވެސް ފެންނަ އަލާމާތްތަކެވެ. ހުން އައުން، ގައިގަ ރިއްސުން، ކެއްސުން އެއީ ހުމުގެ އަލާމާތްތަކެވެ. 

ކޮރޯނާވައިރަސް ޖެހުމުން ހުން އައިސް ކެއްސާނެއެވެ. އަދި ކަރުގައި ރިއްސާ ނޭވާލާންވެސް އުނދަގޫ ވެދާނެއެވެ. އަދި ގައިގެ ހޫނު މިނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. ޕޮލެންޑް ވަނީ އިލްތިމާސް ކޮށްފައެވެ. 

އެލާޖީއެއްގެ ސަބަބުން ހުން އައުމަކީ މަދުން ވާކަމެއް ކަމަށާއި، އެލާޖީއެއްގެ ސަބަބުން ނޭވާލާން އުނދަގޫ ނުވާނެކަމަށްވެސް ޑރ.ޕޮލެންޑް ބުނެފައިވެއެވެ. އެހެންނަމަވެސް އެސްމާ ފަދަ ބައްޔެއް ހުންނަ ނަމަ ނޭވާލާން އުނދަގު ވެދާނެއެވެ. 

ކޯވިޑް-19 އާއި އާންމު ރޯގާ އަދި ފްލޫގައި ހުރި ތަފާތުތައް (ފޮޓޯ: ފަރުދީޒިންމާ)

ހަމައެއާއެކު ކޮރޯނާވައިރަސް ނުވަތަ ފްލޫ ޖެހިފައިވާނަމަ ވަރުބަލިވެ ގައިގާ ރިއްސާނެއެވެ. އެލާޖީއެއްގެ ސަބަބުން ވަރުބަލިކަން އިހުސާސްވި ނަމަވެސް ގައިގާ ނުވަތަ ހުޅުތަކުގައެއް ނުރިއްސާނެއެވެ. 

މިހުރިހާ އަލާމާތެއް ފެނުނުނަމަވެސް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވާނީ އެކި ތަންތަނަށް ދަތުރުކޮށް މީހުންގެ ތެރެއަށް ނުކުމެ، މީހުންގެ ތެރޭގައި އުޅެވިފައި ހުރުމުގެ ސަބަބުންނެވެ.

އާދައިގެ ހުން ނުވަތަ ރޯގާ ޖެހުމުން ރަނގަޅު ފަރުވާ ހޯދަމުންދާނަމަ ދުވަސްކޮޅެއްގެ ތެރޭގައި ބަލި ރަނގަޅުވާން ފަށާނެއެވެ. އެހެންނަމަވެސް ކޮރޯނާވައިރަސް ޖެހިފައިވާނަމަ ރަނގަޅު ވުމުގެ ބަދަލުގައި އިތުރަށް އަލާމާތްތައް ގޯސްވާނެއެވެ. މިހެން ވާނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. 

ފްލޫ، ރޯގާ އަދި ކޮރޯނާވައިރަސް ގެ ފުރަތަމަ ސްޓޭޖުގައި ހުރިހާ އަލާމާތެއްވެސް ވަރަށް އެއްގޮތް ވާނެއެވެ. ބައެއް ހާލަތްތަކުގައި ކޮރޯނާވައިރަސް އަދި ފްލޫގެ ވެސް ގިނަ އަލާމާތްތަކެއް ނުފެނި ހުރެދާނެއެވެ. މިކަމުގެ ސަބަބުން އެއްވެސް އަލާމާތެއް ގޯސްވޭތޯ ބެލުން ވަރަށް މުހިންމެވެ. ޑރ. ޕޮލެންޑް ބުނެފައިވަނީ، އުމުރުން ދުވަސްވެފައިވާ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، އެސްމާ، ހިތުގެ ބަލި، ހަކުރު ބަލި އަދި ބަނޑުބޮޑު މީހުންނާ މެދު ކަންބޮޑުވާކަމަށެވެ. 

ކޮރޯނާވައިރަސް ޖެހިފައިވާހެން ހީވާނަމަ ޑޮކްޓަރު ކުރާނެ ބައެއް ސުވާލުތަކަށްވެސް ޑރ. ޕޮލެންޑް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ދަތުރު ކޮށްފައިވާނަމަ ދިޔަތަނުގެ ވާހަކަ އަހާނެއެވެ. ގޭގައި އުޅޭ މީހަކު ނުވަތަ އެއްކޮށް މަސައްކަތްކުރާ ނުވަތަ ކިޔަވާ ކުއްޖަކު ދަތުރު ކޮށްފައިވާނަމަ އެ ކުއްޖަކު ދިޔަތަން ވެސް އަހާނެއެވެ. 

އަދި މި ބަލި އެންމެ ބޮޑަށް ފެތުރެމުން ދާ އެއްވެސް ހިސާބަކުން މީހަކު ޕޭޝަންޓްގެ ގެއަށް ގޮސްފައި ވޭތޯ އަދި ދިރިއުޅެމުންދަނީ މިހާރު ބަލި ފެތުރެމުންދާ ހިސާބެއްގައިތޯ އަހާނެއެވެ. މިފަދަ ސުވާލުތައް އެހުމުގެ ބޭނުމަކީ މި ވައިރަސް ޖެހިފައިވުމުގެ ފުރުސަތު ދެނެގަތުމުގެ ގޮތުންނެވެ. 

ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުން މުހިންމު ވާއިރު، އެއްވެސް އަލާމާތެއް ފެންނަމުން ދާނަމަ އެކަމެއް ރަނގަޅަށް ބެލުމަކީ މުހިންމު ކަމެކެވެ. މި އަލާމާތްތައް އިތުރަށް ގޯސްވަމުން ދާނަމަ ޑޮކްޓަރަކަށް ދެއްކުމަށްފަހު ރަނގަޅު ފަރުވާ ހޯދުމަށް ސަމާލުކަން ދޭންވާނެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ