އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/03/2020

މިއީ ކޮވިޑް-19 އާއި ބެހޭގޮތުން ބޭޒާރުވެފައިވާ ބައެއް ފުލޯކު ވާހަކަތައް (2 ވަނަ ބައި)

ސައިންޓިސްޓުންގެ އިތުރުން އެކި މީހުންވެސް ދަނީ ކޮވިޑް-19 އިން ސަލާމަތްވެވޭނެ ގޮތްތަކުގެ އެކި ތަފާތު އިރުޝާދުދެމުންނެވެ. އެހެންނަމަވެސް އޭގެން ހުރިހާ ވާހަކައަކީ ތެދުބާ؟
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނުރައްކާތެރި ވައިރަސްގެ އާއިލާއަކަށް ނިސްބަތްވާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޗައިނާއަށް އުފަންވި ނަމަވެސް އޭގެ ހާލި މިހާރުވަނީ މުޅި ދުނިޔޭގައިވެސް ހަދާފަ އެވެ. ފަސޭހައިން ފެތުރޭ މި ކުޑަކުޑަ ވައިރަހުން ސަލާމަތްވާނެ ގޮތެއް ހޯދުމަށް ސައިންޓިސްޓުން ވެސް ދަނީ ރެއާދުވާލު ހޭބޯނާރާ މަސައްކަތް ކުރަމުންނެވެ.

ސައިންޓިސްޓުންގެ އިތުރުން އެކި މީހުންވެސް ދަނީ ކޮވިޑް-19 އިން ސަލާމަތްވެވޭނެ ގޮތްތަކުގެ އެކި ތަފާތު އިރުޝާދުދެމުންނެވެ. މީގެތެރެއިން އަތްދޮވުން ފަދަ ބައެއް އިރުޝާދުތަށް ހަގީގަތަކަށް ވިނަމަވެސް ގިނަ ވާހަކަތައް ވެފައިވަނީ ދެކޮޅުނުޖެހޭ ފުލޯކު ވާހަކަތަކަކަށެވެ.

މިލިޔުމުގައި ގެނެސްދީފައިވަނީ އޭގެ ތެރެއިން ބައެއް ވާހަކަތަކެވެ. މީގެ ފުރަތަމަ ބައި ކިޔާލާ!

އެންޓިބަޔޮޓިކްސް އިން ކޮރޯނާވައިރަސް ނައްތާލަދޭނެ

އެންޓިބަޔޮޓިކްސް އުފައްދާފައިވަނީ ބެކްޓީރިއާ ނައްތާލުމަށެވެ. ކޮރޯނާއަކީ ވައިރަހެކެވެ. މިއީ ވަރަށް ތަފާތު ދެ އެއްޗެކެވެ. އެހެންކަމުން މިއީވެސް ތާކުންތާކު ނުޖެހޭ ބޯދާ ވާހަކަ އެކެވެ.

ހުންބަލާ ކަށިގަނޑުން ކޮރޯނާވައިރަސް ހުރިކަން ދެނެގަނެވޭނެ

ހުންބަލާ ކަށިގަނޑަކީ ހަށިގަނޑުގައި ހުންހުރިތޯ ބެލުމަށް ބޭނުންކުރާ އެއްޗެކެވެ. އެއްވެސް ހާލަތެއްގައި މި ޑިވައިސްއިން ހަށިގަނޑުގައި ކޮރޯނާވައިރަސް ހުރިކަން ޔަގީނެއް ނުކުރެވޭނެ އެވެ. އެހެންނަމަވެސް ހަށިގަނޑުގެ ފިނިހޫނުމިން ޗެކްކޮށްލެވިދާނެ އެވެ.

ލޮނުމެދަކީ ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ އެއްޗެއް

މީގެކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން އެނގޭގޮތުގައި ލޮނުމެދުގައި ކޮންމެވެސް ވަރަކަށް އެންޓިބަޔޮޓިކްސްގެ ބައިތައް ހިމެނެއެވެ. އެހެންނަމަވެސް ލޮނުމެދަކީ ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށް ސާބިތުވާ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ޗައިނާއިން ފޮނުވާ ޕާރުސަލްތަކުގައި ވެސް ކޮރޯނާވައިރަސް ހުރޭ

މިއީ މިފަދަ ވާހަކައެއް ދެކެވުނު ފުރަތަމަ ފަހަރެއްނޫނެވެ. ކުރިން ސާސް އަދި މާސް ރޯގާ ފެތުރުނު ދުވަސްވަރުވެސް މިފަދަ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް މިފަދަ ސިޓީ އަދި ޕާރުސަލްތަކުގައި މާގިނައިރު ވަންދެން ވައިރަސްގެ އަސަރު ނުހުންނަކަމަށް ދިރާސާކުރާ ފަރާތްތަކުން މީގެކުރިންވެސް ވަނީ ބުނެފަ އެވެ.

ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވާގޮތުގައި އިންސާނާގެ ހަށިގަނޑު ނޫން ތަންތަނުގައި މިފަދަ ވައިރަސް ގިނަވަގުތަށް ހުރުމުގެ ފުރުސަތު ވަރަށްވެސް ކުޑައެވެ. އެހެންކަމުން ވަކި ހާއްސަ ފނިހޫނުމިނެއްގައި އެހާ ގިނަ ދުވަސްތަކެއް ވަންދެން ޝިޕިންކޮށްގެން ގެންނަ ޕާރުސަލް ނުވަތަ ޕެކޭޖްތަކުގައި މި ވައިރަސް ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ.

ގޭތެރޭގައި ދެވޭ ފަރުވާގެ ސަބަބުން ކޮވިޑް-19އިން ރައްކާތެރިކޮށްދޭ

ގޭތެރޭގައ ދެޥެ ފަރުވާތައް ކަމަށްބުނެ، ވިޓަމިންސީ އާއި އެސެންޝިއަލް އޮއިލް، ޖަރާސީމު މަރަން ބޭނުންކުރާ ސިލްވަރ ކޮލޮއިޑް، ސެސަމީ ތެޔޮ އަދި ލޮނުމެދާއި އެއްކޮށްގެން ކޮންމެ 15 މިނިޓަކުން އެތިއެތިފޮދުން ބުއިމުން ކޮވިޑް-19 ރަނގަޅުވާކަމަށް ފަތުރަމުންދާ ފުލޯކު ވާހަކައިގައި އެއްވެސް ހަގީގަތެއް ނޫނެވެ.

ގޭތެރޭގައިވެސް އަދި ގެއިން ބޭރުގައިވެސް ކޮވިޑް-19އިން ރައްކާތެރިވުމަށް ދެވޭނެ އެންމެ ބޮޑު ފަރުވާއަކީ ގިނަގިނައިން އަތްދޮވެ، އަތްސާފުކޮށް ބެހެއްޓުމެވެ.

ޗައިނާގައި އުފައްދާފައިވާ ކާނާތައް ކެއުމުން ކޮރޯނާވައިރަސް ޖެހޭނެ

މި ވާހަކަތަކާއި މެދުވެސް ސިއްހީ މާހިރުންވަނީ ދެކޮޅު ހަދާފައެވެ. ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ މަރުކޭޓަކުން ކަމަށްވިޔަސް ފަހުން އެ ވައިރަސް ފެތުރިފައިވަނީ ކެއްސާ ކިނިބިހި އަޅާވަގުތު ބޭރުވާ ޖަރާސީމުގެ ސަބަބުންނެވެ.

ކުޑަކަމު އަދި ބޮޑުކަމުދާ ތަކެތީގެ ސަބަބުން ކޮރޯނާވައިރަސް ޖެހޭ

މިކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް އަދި މިހާތަނަކަށް ހޯދިފައެއް ނުވެއެވެ. ލަންޑަން ސްކޫލް އޮފް ހައިޖީންގެ ޕްރޮފެސަރ ޖޯން އެޑްމަންޑްސް ބުނެފައިވާގޮތުން މި ވިސްނުމަކީ ވުމަށްވުރެ ނުވުންގާތް ވިސްނުމެކެވެ. 

ހޫނުމިން މަތިވާވަރަކަށް ވައިރަސް މަރުވޭ

ރޯގާ އަދި ފްލޫ ފަދަ ބައެއް ވައިރަސް ތަކަކީ ފިނިގަދަވާ ވަރަކަށް ފަސޭހައިން ޖެހޭ ވައިރަސް ތަކެކެވެ. އެހެންނަމަވެސް އޭގެ މާނައަކީ ހޫނުގަދަވުމުން މިވައިރަސްތައް އިންސާނުނަށް ޖެހުމުގެ ފުރުސަތު ކުޑަވުމެއް ނޫނެވެ. އަދި ކޮވިޑް-19 ނިސްބަތްވާ އާއިލާގައި ހިމެނޭ އެއްވެސް ވައިރަސް އާއި ފިނިހޫނުމިނާއި ގުޅުމެއްވާކަން މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ކޮރޯނާވައިރަހަކީ މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ވައިރަސް

ކޮރޯނާވައިރަހަކީ އިންފުލިއެންޒާ އާއި އަޅާބަލާއިރު ނުރައްކާތެރި ވައިރަހެކެވެ. އެހެންނަމަވެސް މިއީ މިހާތަނަށް އުފެދުނު އެންމެ ނުރައްކާތެރި ވައިރަހެއް ނޫނެވެ. އެބޯލާ ވައިރަސްފަދަ، ކޮރޯނާވައިރަހަށްވުރެ ގިނަ މީހުން މަރުވެފައިވާ އަދި މިއަށްވުރެ ނުރައްކާތެރި ވައިރަސްތައްވެސް އުފެދިފައި ވެއެވެ. 

ފްލޫ އަދި ނިއުމޯނިއާ ވެކްސިނުން ކޮވިޑް-19އިން ރައްކާތެރިކޮށްދޭ

ކޮރޯނާވައިރަހަކީ ފްލޫ އަދި ނިއުމޯނިއާ އާއި ތަފާތު ވައިރަހެކެވެ. މި ވައިރަސް ނިސްބަތްވަނީވެސް ތަފާތު އާއިލާ އަކަށެވެ. އަދި މިވައިރަހުން ރައްކާތެރިކޮށްދޭނެ ވެކްސިނެއް އަދި އުފެއްދިފައެއް ނުވެއެވެ.

ކޮރޯނާވައިރަސް އުފައްދާފައިވަނީ ޗައިނާގެ ލެބޯޓްރީއެއްގައި

މިއީ ޗައިނާގެ ލެބޯޓްރީއެއްގައި އުފެއްދި ވައިރަހެއްކަމަށް ވަރަށް ގިނަ މީހުން އިންޓަރނެޓްގައި ބުނަމުންދިޔަނަމަވެސް މިކަން ސާބިތުވާނޭ އެއްވެސް ހެއްކެއް ލިބިފައެއް ނުވެއެވެ. ބައެއް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ކޮރޯނާވައިރަސް އިންސާނުންގެ ގަޔަށް އަރާފައިވަނީ ޕެންގޮލިންސް ނަމަކަށް ކިޔާ ޖަނަވާރެއްގެ ޒަރިއްޔާއިންނެވެ. އަދި އަނެއްބަޔަކު ދެކޭ ގޮތުގައި މިވައިރަހަކީ ސާސް ވައިރަހެކޭ އެއްގޮތަށް ވާލުގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް އަރާފައިވާ ވައިރަހެކެވެ.

ކޮރޯނާވައިރަސް އައުޓްބްރޭކް ފެށުނީ ވާ-ސޫޕް ބުއިމުގެ ސަބަބުން

މިއީވެސް މިހާތަނަށް ދެކެވިފައި ހުރި ވާހަކަތަކެއް ނަމަވެސް ކޮރޯނާވައިރަހާއި ވާލުން ތައްޔާރުކޮށްފައިވާ ސޫޕްއާއި ގުޅުމެއް ވާކަމަކަށް އެއްވެސް ދިރާސާއަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.

މިއީ އެކި މީހުންގެ ތުންތުންމަތިން އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ކޮރޯނާވައިރަހާއި ގުޅޭގޮތުން މިހާތަނަށް ދެކެވިފައިހުރި ބައެއް ފްލޯކް ވާހަކަތަކެވެ. އެހެންނަމަވެސް މިފަދަ ވާހަކައަކަށް ހެއްލުމުގެ ކުރިން ސިއްހީ މާހިރުންގެ ފަރާތުންކަމުގެ ތެދުދޮގު އޮޅުންފިލުވުމަކީ މުހިންމު ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ