އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 10/03/2020

ސާކްގެ ހުރިހާ ގައުމަކުން ކޮރޯނާވައިރަސް ފެނިއްޖެ

ސާކް ގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނިފައިވަނީ ނޭޕާލް އިންނެވެ. އަދި އެންމެ ފަހުން ފެނިފައިވަނީ ބަންގްލަދޭޝް އިންނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 10/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

8 މާރޗް 2020 ގައި ބަންގްލަދޭޝް އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއެކު ސާކް ގެ 8 ގައުމުން ވެސް މިވައިރަސް މިހާރު ފެނިފައިވެއެވެ.

މިހާތަނަށް ސާކްގެ ގައުމުތަކުން 88 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން އެކަކުވެސް މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވާއިރު، 8 މީހަކު ވަނީ ބަލިން ސަލާމަތްވެފައެވެ.

ނޭޕާލް (1 ކޭސް)

ސާކްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ނޭޕާލް އިންނެވެ. މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ ވޫހާން އިން އަނބުރާ ގައުމަށް އައި ދަރިވަރެކެވެ. އަދި ހޮންގް ކޮންގް އަށް ޓެސްޓުތައް ހަދަން ނަތީޖާ ފޮނުވުމަށްފަހު ނޭޕާލްގެ ސަރުކާރުން އިއުލާނު ކޮށްފައިވަނީ 24 ޖެނުއަރީ ވަނަ ދުވަހުއެވެ. 

އޭނާގެ ހާލަތު ރަނގަޅު ވުމުން ވަނީ ދޫކޮށްލާފައެވެ. އަދި މިހާރު ނޭޕާލްގައި ބައްޔަށް ޕޮޒިޓިވް ވެފައިވާ އެކަކުވެސް ނެތެވެ.

ސްރީ ލަންކާ (1 ކޭސް)

ސްރީ ލަންކާ އިން ފުރަތަމަ ފަހަރަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 27 ޖެނުއަރީ ވަނަ ދުވަހުއެވެ. 

މިހާރު އޭނާވެސް ވަނީ ހާލަތު ރަނގަޅު ވުމުން ދޫކޮށްލާފައެވެ. އަދި ނޭޕާލް އާއި އެއްގޮތަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އެކަކުވެސް ސްރީ ލަންކާގައި ނެތެވެ.

ސްރީ ލަންކާގައި މިހާރު ކޮވިޑް-19 ގެ އެކްޓިވް ކޭސްއެއް ނެތް

އިންޑިޔާ (56 ކޭސް)

އިންޑިޔާ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ 30 ޖެނުއަރީ ގައެވެ. މި މީހަކީ ވޫހާން ޔުނިވަރސިޓީގައި ކިޔަވަމުން އައި ދަރިވަރެކެވެ. އޭނާ ޕޮޒިޓިވް ވީ އަނބުރާ ކެރަލާ އަށް އައި ފަހުންނެވެ. ފެބްރުއަރީ ކުރީ ކޮޅު ޗައިނާއިން އެނބުރި ކެރެލާއަށް އައި އިތުރު ދެމީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި 3 މީހުންވެސް ވަނީ މިހާރު ބަލިން ސަލާމަތްވެފައެވެ. 

އެއަށްފަހު 1 މާރޗްގައި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުނީ މުމްބައި އެއަރޕޯޓުގައެވެ. އަދި 2 މާރޗްގައި އިތުރު ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއާ ވިދިގެން އިޓަލީއިން ދަތުރު ކުރި ސޯޅަ ފަތުރުވެރިޔަކާއި އެމީހުންގެ ކާރު ޑްރައިވަރު އަދި އާގްރާގެ ހަ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މާރޗް 4 އަކާއި ހަމައަށް 28 މީހުންވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މާރޗް 5 ވަނަ ދުވަހު އިތުރު ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މާރޗް 6 ގައި ތައިލޭންޑް އަދި މެލޭޝިޔާ އަށް ދަތުރުކޮށްފައިވާ ދިލްހީ މީހަކު ބައްޔަށް ޕޮޒިޓިވްވެ އިންޑިޔާގެ ޖުމްލަ 31 އަކަށް އެރިއެވެ.

މިއަށްފަހު 7 މާރޗްގައި އީރާން އަށް ދަތުރު ކުރި ދެ މީހަކާއި އޯމާން އަށް ދަތުރު ކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއެވެ. އަދި މާރޗް 8 ގައި ކެރަލާއިން 5 މީހުން ބައްޔަށް ޕޮޒިޓިވް ވެ ޖުމްލަ 39 އަކަށް އެރިއެވެ.

މާރޗް 9 ވަނަ ދުވަހު އިންޑިޔާގެ 6 ހިސާބަކުން އިތުރު ކޭސްތައް ރިޕޯޓުކުރެވިފައިވެއެވެ. އަދި މިޔަދުގެ (މާރޗް 10) މިހާތަނަށް ކެރަލާއިން ހަ މީހުން، ކާނަޓަކާ އިން ތިން މީހުން އަދި ޕޫނޭ އިން ދެ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

މިހާތަނަށް އިންޑިޔާއިން 56 ކޭސް ފެނިފައިވާ އިރު 4 މީހުން ވަނީ ބަލިން ސަލާމަތްވެފައެވެ.

އިންޑިޔާއިން ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މާރޗް 4 އަކަށް ފަހު

އަފްގާނިސްތާން (4 ކޭސް)

އީރާންގެ ޣުމް އިން ދަތުރު ކުރި ތިން މީހުންގެ ތެރެއިން އެކަކު ވަނީ ފެބްރުއަރީ 24 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު އަފްގާނިސްތާން އަދި އީރާންގެ ބޯޑަރ ވަނީ ބަންދު ކޮށްފައެވެ.

މިގައުމުން އިތުރު 3 ކޭސް އެއް ފެނިފައިވަނީ މާރޗް 7 ވަނަ ދުވަހު ހެރާޓް އިންނެވެ. 

އަފްގާނިސްތާން އިން ބައްޔަށް ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން އެކަކުވެސް މިހާތަނަށް ބަލިން ސަލާމަތްވެފައެއް ނުވެއެވެ.

ޕާކިސްތާން (16 ކޭސް)

މިގައުމުން ފުރަތަމަ ފަހަރަށް ދެ މީހަކު ޕޮޒިޓިވް ވެފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ހަފްތާއެއް ތެރޭގައި އިތުރު ތިން ފަރާތެއް ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.

މާރޗް 5 ވަނަ ދުވަހު ޕާކިސްތާން އިން ހަ ވަނަ ކޭސްއެއް ފެނިފައިވާ އިރު މާރޗް 8 ވަނަ ދުވަހު ވަނީ ކަރާޗީ އިން ހަތް ވަނަ ކޭސްއެއް ރިޕޯޓުކޮށްފައިވެއެވެ. އަދި އެއަށްފަހު ދެ މީހަކު ވަނީ ބަލިން ސަލާމަތްވެ ދޫކޮށްލާފައެވެ.

ޕާކިސްތާން އިން އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ މާރޗް 9 ވަނަ ދުވަހުއެވެ. އެދުވަހު ނުވަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެގައުމުގެ ޖުމްލަ 16 އަކަށް އެރިއެވެ.

ޕާކިސްތާންގެ ސްޓޭޓް ހެލްތު މިނިސްޓަރ ވިދާޅުވަނީ އެގައުމު ތައްޔާރަށް އޮތް ކަމަށް

ބޫޓާން (1 ކޭސް)

ބޫޓާން އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެމެރިކާގެ 76 އަހަރުގެ ރައްޔިތެކެވެ. މިމީހާ ޓެސްޓުކޮށް ނަތީޖާ ލިބިފައިވަނީ މާރޗް ހަ ވަނަ ދުވަހުއެވެ. މިމީހާއާއި ކްލޯޒް ކޮންޓެކްޓް ގޮތުގައި ބެލެވޭ 90 މީހުން ވަނީ ކަރަންޓީން ކުރެވިފައެވެ.

ބޫޓާން އިން މީހަކު ޕޮޒިޓިވް ވުމާއެކު ފަތުރުވެރިންނަށް އެގައުމަށް ޒިޔާރަތް ކުރުން 2 ހަފްތާއަށް މަނާކުރެވި ތިން ހިސާބެއްގައި ހުރި ސްކޫލްތައް ބަންދު ކުރިއެވެ.

ދިވެހިރާއްޖެ (6 ކޭސް)

މާރޗް 7 ގައި ޅ. ކުރެއްދޫ ރިސޯޓުން ދެ ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓަށް ދަތުރުކުރި އިޓަލީ ފަތުރުވެރިއެއްގެ ސަބަބުންނެވެ. މިފަތުރުވެރިޔާ މިބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އޭނާ އިޓަލީއަށް އަނބުރާ ދިޔުމުންނެވެ.

މިއަށްފަހު އިތުރު 4 ބިދޭސީން ވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 6 އަކަށް އަރާފައިވާއިރު 2 މީހުން ފަރުކޮޅުގައި ކަރަންޓީން ކުރެވި 9 މީހުން ފަރުކޮޅުގައި އެކަހެރިކުރެވިފައިވެއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މާރޗް 7 ވަނަ ދުވަހު

ބަންގްލަދޭޝް (3 ކޭސް)

ސާކް ގައުމުތަކުގެ ތެރެއިން އެންމެ ފަހުން ކޮވިޑް-19 ފެނިފައިވަނީ ބަންގްލަދޭޝް އިންނެވެ. އެއީ މާރޗް 8 ވަނަ ދުވަހު އިޓަލީއިން ދަތުރު ކުރި ދެ މީހަކާއި ބަންގްލަދޭޝްގައި ހުރި މީހެކެވެ.

މިމީހުންނާއި ކްލޯޒް ކޮންޓެކްޓް ވެފައިވާ އިތުރު ތިން މީހަކުވެސް މިވަގުތު ވަނީ ކަރަންޓީން ކުރެވިފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ