އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/11/2020

ނޮވެމްބަރު 18 އިން 24 އަށް ބައިނަލްއަޤުވާމީ އެންޓިމައިކްރޯބިއަލް ރެސިސްޓަންސްގެ ހޭލުންތެރިކަމުގެ ހަފްތާ ފާހަގަ ކުރަނީ

"އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދުމީ ކުރިޔަށް އޮތް މުސްތަޤުބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ އެއް މައްސަލަ - ޑަބްލިޔުއެޗްއޯ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/11/2020

Antimicrobial Resistance World Antimicrobial Awareness Week
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

2015 އިން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބައިނަލްއަޤުވާމީ "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އަށް ހޭލުންތެރިކުރުވުމުގެ ހަފްތާ މިއަހަރުގެ ވެސް ނޮވެމްބަރު 18އިން 24 އާއި ހަމައަށް  ފާހަގަ ކުރުމަށް ހެލްތް މިނިސްޓްރީއިން ނިންމައިފި އެވެ.

އެންޓިމައިކްރޯބިއަލްސް އަކީ ޖަރާސީމު (ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް)ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުން ދެވޭ ބޭސްތަކަށް ކިޔާ ނަމެކެވެ. 

އެގޮތުން "އެންޓިމައިކްރޯބިއަލްސް ރެސިސްޓަންސް" އުފެދުމޭ މިކިޔަނީ އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ހޭނި އެފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އެބޭސްތައް އަސަރު ނުކުރާގޮތް ވީމައެވެ. އަދި އާ އެންޓިމައިކްރޯބިއަލް ބޭސް އުފެއްދުމަކީ ގިނަ ތަހްލީލުތަކާއި ދިގު މުއްދަތު ނަގާ އަދި އެހެންމެ އެކަމަށް ބޮޑު ހޭދަކުރަންޖެހޭ ކަމެކެވެ. 

ހެލްތް މިނިސްޓްރީން ބުނިގޮތުގައި އާ ބާވަތެއްގެ އެންޓިމައިކްރޯބިއަލްސް ނުއުފެއްދޭތީވެ އާއި އުފެއްދޭ މަދު ބޭސްތަކަށް ފައްސޭހައިން  ޖަރާސީމު ރެސިސްޓަންޓްވުމުގެ ސަބަބުން ބަލިތަކަށް ފަރުވާ ނުކުރެވުމުގެ ބިރުވެރިކަން އުފެދެއެވެ.

މިގޮތުން "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދި ޖަރާސީމު ބޭހަށް ނުގުޑުމުގެ ސަބަބުން ކޮންމެ އަހަރަކު 700،000 އަށްވުރެ ގިނަ މީހުން މަރުވާއިރު، މުސްތަޤްބަލުގައި މިއަދަދު މިއަށް ވުރެ އިތުރުވެ މިހާރު ހުރި ބޭސްތަކުން ފަރުވާ ނުލިބުމަކީ މިވަގުތު ކޯވިޑް-19ގެ ސަބަބުން ދުނިޔެ ތަހައްމަލު ކުރަމުން މިދާ ހާލަތަށްވުރެ ނުރައްކާތެރިކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. 

ސަބަބަކީ  ކޯވިޑް-19 އަކީ ހަމައެކަނި އެންމެ ޖަރާސީމަކަށް ފަރުވާއެއް ނެތުމުގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކަމެއްނަމަވެސް މިހާރު ފަރުވާ ލިބިފައިވާ ބަލިތަކަށް ފަރުވާ ނެތިއްޖެނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވެ ގިނަގުނަ ގެއްލުންތަކެއް ވާނެކަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ޖަރާސީމުތަކާ ހަނގުރާމަކުރުމުގައި ބޭނުންކުރެވޭ އެންޓިމައިކްރޯބިއަލް ބޭސްތަކަށް "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދުމީ ކުރިޔަށް އޮތް މުސްތަޤުބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ އެއް މައްސަލައެވެ.

އަދި މިމައްސަލަ ފެންމަތިވުމުގެ ކުރިން އެކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރެއްގައި ހުރިހާ ޤައުމުތަކުންމެ މަސައްކަތް ކުރަން ޖެހެއެވެ. މިކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކަކީ ސަރުކާރުގެ މުއައްސަސާތަކުގެ ފެންވަރުގައި އަދި އާންމު ފަރުދުންގެ ފެންވަރުގައި ކުރަންޖެހޭ ކަންތައްތަކެކެވެ.

ސަރުކާރުގެ ފެންވަރުގާ ކުރެވޭ ކަންތައް:

1. ޢޭ.އެމް.އާރު ސްޓިއަރިން ކޮމިޓީއެއް އުފެއްދުން.

2. ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުމާއެކު "ވަން ހެލްތު" ގެ ގޮތުގައި މިމައްސަލައާ ކުރިމަތިލުން

3. ރާއްޖޭގައި އެންޓިމައިކްރޯބިއަލް ބޭސް ބޭނުންކުރެވޭ މިންވަރު ދެނެގަތުމަށާއި އޭ.އެމް.އާރު އުފެދިފައިވާ މިންވަރު ދެނެގަތުމަށް ސަވައިލަންސް ނިޒާމެއް ޤާއިމްކުރުން.

4. އޭ.އެމް.އާރާއި ގުޅިގެން ކުރަންޖެހޭ "ސައެންޓިފިކް" ދިރާސާތައް ކުރުން.

5. ޑޮކްޓަރުން އެންޓިމައިކްރޯބިއަލް ބޭސް ކޮންމެހެން ދޭންޖެހޭ ހާލަތުގައި މެނުވީ ނުދިނުން.

ފަރުދީ ފެންވަރުގާ ކުރެވޭ ކަންތައް:

1. ޑޮކްޓަރެއްގެ ބޭސް ސިޓީއެއް ނެތި އާންމު ފަރާތްތަކުން އަމިއްލައަށް ބޭސްފިހާރަތަކުން މިފަދަ ބޭސް ނުނެގުން.

2. އެންޓިމައިކްރޯބިއަލް ބޭސް ބޭނުންކުރާއިރު، އެ ބޭސް ނަގަންޖެހޭ ގަޑިތަކަށް ބޭސް ބޭނުން ކުރުމާއި އެކު ޑޯޒް ފުރިހަމަކުރަން ޖެހޭ މުއްދަތަށް ބޭސް ބޭނުން ކުރުން.

3. ބަލިތަކުން ރައްކާތެރި ވުމަށްޓަކައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމުން.

4. ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކައި، އެކާނާގެ ތަފާތު ބާވަތްތަށް ހުންނަންޖެހޭ މިނަވަރަށް ބޭނުންކުރުމާއި ގަވައިދުން ކަސްރަތުކުރުން.

5. ފުރިހަމަ ކުރަންޖެހޭ ވެކްސިންތައް އެކަމަ ކަނޑއެޅިފައި އުސޫލުން ފުރިހަމަކުރުން.

6. އެޖަނަވާރުންނަށް އެންޓިމައިކްރޯބިއަލް ބޭސް ދޭންވާނީ ވެޓިނޭރިއަންއެއްގެ ލަފާގެ ދަށުން ކޮންމެހެން ދޭންޖެހޭ ހާލަތްތަކުގަ.

7. ދަނޑުވެރިކަން ކުރާ ފަރާތްތަކުން ބޭނުންކުރާ ތަފާތު ކެމިކަލްތަކާ ބޭސްތައް ބޭނުން ކުރަންވާނީ ސަރުކާރުގެ ދަނޑުވެރިކަމާބެހޭ މުއައްސަސާތަކުގެ ލަފާގެ ދަށުން ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގަ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ