މާބަނޑު ދުވަސްވަރަކީ އާންމުގޮތެއްގައި ކެއުން ބުއިމަށް ގިނަ ބަދަލުތަކެެއް އަންނަ ދުވަސްވަރެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހާއްސަކޮށް ވަކި ބާވަތެއްގެ ކާބޯތަކެތިން ދުރުވުމާއި އަދި ވަކި ވައްތަރެއް ކެއުމުގައި ގިނައިން ހިމެނުމަށް ގިނަ ޑޮކްޓަރުން އިރުޝާދު ދެއެވެ.
މާބަނޑު ދުވަސްވަރު ދުރުވާންޖެހޭ އެއް ބާވަތަކީ ކެފެއިން ހިމެނޭ ކާބޯތަކެެއްޗެވެ. މީގެތެރެއިން ވެސް ގިނަ އަދަދަކަށް ކެފެއިން ހިމެނޭ ބުއިންތަކެވެ.
އެގޮތުން އައިޖީއެމްއެޗްގައި ބައްލަވާ ފިޒިޝަނެއް ކަމަށްވާ ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މާބަނޑުއިރު ކެފެއިން އެކުލެވޭ އެއްޗިހި ބޭނުންކުރުމުގެ ސަބަބުން ބައިގެންދިއުމާ، ދުވަސްނުފުރާ ވިހެއުމާއި ކުއްޖާގެބަރުދަން ލުއިވުމުގެ ފުރުސަތުއޮވެ އެވެ.
ޑރ. މުހައްމަދު އަލީ ކުރައްވާފައިވާ ޓްވީޓްގައި ވަނީ ކެފެއިންގެ ސަބަބުން މާބަނޑުދުވަސްވަރު ނޭދެވޭ އަސަރުކުރާކަމަށް ހެކި ލިބޭ ބައެއް ދިރާސާތަކުގެ މައުލޫމާތުވެސް ހިއްސާ ކުރައްވާފަ އެވެ. މި ދިރާސާގައި ވާގޮތުން ކެފެއިންގެ ސަބަބުން މާބަނޑުއިރު ކުއްޖާ ބައިގެން ދިއުން ފަދަ ކަންކަން ފަސޭހައިން ކުރިމަތި ވެއެވެ.
އަދި މާބަނޑު ދުވަސްވަރު ކެފެއިން ބޭނުންކުރާނަމަ ދުވާލެއްގެ މައްޗަށް ބޭނުންކުރެވޭނީ ގިނަވެގެން 200-300 މިލިގްރާމްކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި އަހަރެމެން އާންމު ބުއިންތަކުގެ ތެރޭގައި ބޭނުންކުރާ ކޮފީ، ކަޅުސައި، ގުރީންޓީ އަދި އެނާރޖީ ޑުރިންކްސް ތަކުގައި ކެފެއިން ހިމެނެ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)