ހަތަރު ބޭހަކުން ކޮވިޑު ބައްޔަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
ދާދިފަހުން ކޮވިޑަށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ފަރުވާދިން ކަމަށް ބުނާ ރެމްޑެސިވިރް ބޭހުން ކޮވިޑު ބައްޔަށް ކުޑަ ނަމަވެސް އަސަރެއް ނުކުރާކަމަށް ޔުނައިޓެޑް ނޭޝަންސް ހެލްތް އެޖެންސީއިން ބުނެފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުކުރު ދުވަހު ވަނީ ހަމަސް ދުވަސް ވަންދެން ‘ސޮލިޑަރިޓީ ތެރަޕިއުޓިކްސް ޓްރަޔަލް’ ނުަވަތަ ކޮވިޑަށް ފަރުވާދެމުންދާ ބޭސްތަކުން ބައްޔަށް ކުރާ އަސަރާއި ގުޅޭގޮތުން ރިޕޯޓެއް އާންމުކޮށްފަ އެވެ.
މި ދިރާސާ ހިމެނޭ ރިޕޯޓުގައި ވަނީ ކޮވިޑަށް ފަރުވާކުރުމަށް މިހާރު ބޭނުންކުރަމުންދާ ހަތަރު ބޭހެއް ކަމަށްވާ ރެމްޑެސިވިރް، ހައިޑްރޮސިކްލޮރޯކުއިން، ލޮޕިނަވިރް/ރައިޓޮނަވިރް އަދި އިންޓަފެރޮން އިން ކޮވިޑް ބައްޔަށް ކުޑަ ނަމަވެސް އަސަރެއް ނުކުރާއިރު، މީ ބޭސްތައް ބޭނުން ކުރަމުންދިޔައިރު ބައެއް ބަލިމީހުން ރަނގަޅުވި ނަމަވެސް، މަސްދުވަސް ތެރޭގައި ބައެއް ބަލިމީހުން މަރުވެފައި ވާކަމަށް ބުނެފައި އެވެ.
މި ބޭސްތަކުގެ ތެރޭގައި ހިމެނޭ ރެމްޑެސިވިރް ދަނީ އެމެރިކާގައި ކޮވިޑަށް ފަރުވާދިނުމަށް އިނގިރޭސިވިލާތަައި އީޔޫގެ ހުއްދައިގެ ދަށުން ބޭނުން ކުރަމުންނެވެ. އެހެންނަމަވެސް ޔޫރަޕިއަން މެޑިސިންއިން މިހާރު ދަނީ ރެމްޑެސިވިރްގެ ސަބަބުން ކިޑްނީއަށް އެއްވެސް ނޭދެވޭ އަސަރެއް ކުރޭތޯ ތަހްލީލް ކުރަމުންނެވެ.
އޮކްސްފޯޑް ޔުނިވަރސިޓީގެ މެޑިސިން އަދި އެޕިޑެމިއޮލޮޖީގެ ޕްރޮފިސަރެއް ކަމަށްވާ މާރޓިން ލަންޑްރޭ ވަނީ ރެމްޑެސިވިރް ބޭނުންކޮށްގެން ކޮވިޑް ބައްޔަށް ޝިފާއެއް ލިބޭނެކަމުގެ އުއްމީދެއް އަދި ނެތްކަމަށެވެ. އަދި ބައެއް ޤައުމުތަކުން މި ބޭސް ބޭނުންކުރުމަށް ލަފާދީފައި ވިނަމަވެސް، ބޭސް ސަޕްލައި ކުރުން އަދި އަގާއި ދޭތެރޭ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.
މީގެ އިތުރުން ހައިޑްރޮސިކްލޮރޯކުއިން އަކީ ރާއްޖޭގައި ކޮވިޑް ބައްޔަށް ފަރުވާ ދިނުމުގެ ގޮތުގައިވެސް ބޭނުން ކުރެވުނު ބޭހެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހެދި މި ދިރާސާގައި 30 ޤައުމެއް ވަނީ ބައިވެރިކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)