ކޮވިޑް-19 ޕެންޑަމިކްގެ ރާޅު މުޅި ދުނިޔެއަށް ބިންދާލާފައިވާ މި ދަނޑިވަޅުގައި ކޮވިޑުން ރައްކާތެރިވުމަށް ދެވިދާނެ ބައެއް ފަރުވާތައް ދަނީ ބުނެދެމުންނެވެ. އެގޮތުން ސިއްހީ މާހިރުންގެ ނަޒަރުގައި ކޮވިޑު ބަލިން ރަނގަޅުވި ނަމަވެސް ގޭގައި ވެސް ބައެއް ފަރުވާތައް ދެވިދާނެ އެވެ.
އެގޮތުން އިންޑިޔާގެ ސަރުކާރުން ވަނީ ކޮވިޑަށް ޕޮޒިޓިވް އަދި ނެގަޓިވްވި ނަމަވެސް ގޭގައި ދެވިދާނެ މިފަދަ ބައެއް ފަރުވާތަކުގެ ގައިޑްލައިނެއް ދާދިފަހުން އާންމުކޮށްފަ އެވެ. މި ގައިޑްލައިންގައި 10 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.
1. ކޮވިޑުން ރަނގަޅުވުމަށް، އަދި ރައްކާތެރިވުމަށް ގައިޑްލައިނެއް އެކުލަވާލުން
ކޮވިޑް-19 ވައިރަސް އަށް ނެގަޓިވްވި ނަމަވެސް ކޮވިޑު ޖެހުމުން ރައްކާތެރިވުމަށް، ގޭގައި ދެވިދާނެ ބައެއް ފަރުވާތައް ހުރެއެވެ. އަދި މި ބަލިން ފަސޭހަވުމަށް ނަގާ މުއްދަތުގެ އަވަސްމިނަށް އަޅާބަލާއިރު މިފަދަ ފަރުވާ ތަކުގެ އެހީގައި ބަލިން ރަނގަޅުވުމަށް އިތުރު އެހީއަކަށް ވެއެވެ.
2. ކޮވިޑް-19 ޖެހޭ ގިނަ މީހުންގެ ކިބައިން ދިގުމުއްދަތަކަށް ބަލީގެ އަލާމާތްތައް ފެނުން
ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވި ނަމަވެސް 70 އިންސައްތަ މީހުންނަކީ ފަހުންވެސް ބަލީގެ އުނދަގޫތައް ކަމަށްވާ މޭގައި ރިއްސުމާއި، ނޭވާ ކުރުވުމާއި، ވަރުބަލިވުމާއި އަދި ސްޓްރެސް އެންޒައިޓީ ކުރިމަތި ވެއެވެ.
3. ކޮވިޑް ބަލިން ރަނގަޅުވުމަށް ފަހު ބަލީގެ ފަރުވާ މުހިންމު ވަނީ ކީއްވެ؟
އާމްުގޮތެއްގައި ކޮވިޑް-19އަށް ޕޮޒިޓިވުމުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް އެހީގައި ދެވަނަ ފަހަރަށް ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. އެހެންނަމަވެސް މިއީ ދިގުމުއްދަތަކަށް ދެމިގެންދާ އެންޓިބޮޑީސް އެއް ނޫންކަމަށް މީގެކުރިންވެސް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.
އަދި ހާއްސަކޮށް ގިނަ މީހުންނަކީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު މީހުންކަމުން އެމީހުންގެ ދިފާއީ ނިޒާމު ދިގުމުއްތަކަށް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސިއްހީ މާހިރުންގެ ނަޒަރުގައި އެއްފަހަރު ކޮވިޑު ޖެހުނު ނަމަވެސް ބަލިން ރައްކާތެރވުމަށް އަޅާ ފިޔަވަޅުތަކަށް ލުއި ދީގެން ނުވާނެއެވެ.
އެގޮތުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ މާސްކް އެޅުމުގެ އިތުރުން އިމިއުނިޓީ ބޫސްޓް ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ގައިޑްލައިންގެ ދަށުން ވަނީ ސަރުކާރުން ހިއްސާ ކޮށްފަ އެވެ. ތިރީގައި މިވަނީ އެފަދަ ބައެއް ކަންކަމެވެ.
4. ތާފަނާ ފެން ބުއިން
ގިނަގިނައިން ފެން ބުއިމަކީ އަބަދުވެސް ޑޮކްޓަރުން އިރުޝާދު ދޭ ކަމެކެވެ. މި ގޮތަށް ގިނަގިނައިން ފެން ބޯނަމަ ހަށިގަނޑުގެ ގުނަވަންތައް ފުރިހަމައަށް މަސައްކަތް ކުރުމަށްވެސް އިތުރު އެހީތެރިކަމެއް ލިބޭނެ އެވެ.
ފެނުގެ ތެރެއިންވެސް ބުއިމަށް އެންމެ ރަނގަޅި ފެނަކީ ތާފަނާ ފެނެވެ. މިއީ ކައްކާފައި، އަދި ފެނުގައި ކޮންމެވެސް ވަރެއްގެ ހޫނުކަމެއް ހުންނަ ފެނެވެ.
ތާފާނާ ފެން ބުއިމަކީ ކަރުތެރެ ސާފުކޮށްދޭ ކަމެކެވެ. ހަމައެހެންމެ ނޭފަތުގެ އެތެރެ ސާފުކޮށްދީ އަރިދަފުސް އުފެދުން މަދުވެސް ކޮށްދެއެވެ. ތާފަނާ ފެން ބޯއިރު އޭގެތެރެއަށް މާމުއި އަދި ބައެއް ފަތްޕިލާ ބާވަތްތައް އެޅުމުން ވެސް އިތުރު އެހީއަކަށް ވާކަމަށް މީގައި ބުނެފައި ވެއެވެ.
މި ގައިޑްލައިން ގައި މީގެއިތުރުން ވަނީ ކަރުތެރެ ހިރުވުމާއި ހިކި ކެއްސުން ހުންނަ މީހުން ހޫނުފެނުން އާވި އެރުވުން ނުވަތަ ތާފަނާ ފެނުން ކަރުތެރެ ދޮވުމަށް އިރުޝާދު ދީފައެވެ.
އަދި ޒަމާނުއްސުރެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޯބުއިންތަކުގެ ސަބަބުން އެދެވޭ ނަތީޖާ ފެންނަކަމަށްވެސް މި ދިރާސާގައި ބުނެފައި ވެއެވެ.
5. ނޭވާލުމަށް ހާއްސަ ކަސްރަތާއި މެޑިޓޭޝަނަށް ވަގުތު ހުސްކުރުން
ކޮވިޑް-19 މީގެ ކުރިން ޖެހިފައި ތިބި ގިނަ މީހުންނަށް ވެސް ވަނީ މިފަދަ ކަސްރަތުތައް ކުރުމަށް ލަފާ ދީފަ އެވެ. ހާއްސަ ނޭވާލުމަށް ހާއްސަ ބަލިން ރަނގަޅު ވުމަށްފަހު ވެސް ކަސްރަތުގެ ސަބަބުން ނޭވާލާ ނިޒާމާއި އަދި ނޭފަތް އެތެރެ ސާފުކޮށް ބެހެއްޓުމަށް އެހީ ވެދެއެވެ.
ހަމައެހެންމެ ޤަވާއިދުން ކަސްރަތު ކުރާނަމަ ކޮވިޑު ޖެހިގެންވެސް އެހީތެރިވެދޭކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް މިފަދަ ކަސްރަތުތައް ކުރުން މުހިއްމެވެ. ކަސްރަތު ކުރާއިރު މާބުރަކޮށް ނުފަށާ ސްޓްރެޗް ކޮށް ލަސްލަހުން ފެށުމަކީ އެންމެ އެދެވޭ ގޮތެވެ.
އަދި ކަސްރަތުގެ ތެރޭގައި ހިމެނޭ ޔޯގާ އާއި މެޑިޓޭޝަން އަކީވެސް ރަނގަޅު ކަސްރަތެއްގެ ގޮތުގައި ގައޑްލައިންގައި ފާހަގަކޮށްފަ އެވެ.
6. ދުޅަހެޔޮ ޑައިޓެއް ގެންގުޅުން
ކޮވިޑް ބައްޔަށް ފަހުގައި ބަރުދަން އިތުރުވި ނަމަވެސް އަދި ބަރުދަން ލުއިވި ނަމަވެސް ދުޅަހެޔޮ ޑައިޓެއް ގެންގުޅުމަކީ މުހިއްމު ކަމެކެވެ. މީގެތެރޭގައި ގިނަ އަދަދަކަށް މޭވާ، ތަރުކާރީ އަދި ބިސް ހިމެނުމަކީ އެދެވޭ ކަމެކެވެ.
7. ނިދި ހަމަކުރުން
ކޮންމެ ދުވަހެއްގެ ނިދި އެދުވަހެއްގައި ހަމަކުރެވޭތޯ މަސައްކަތް ކުރަންވާނެ އެވެ. އެހެނީ ނިދި ހަމަވާނަމަ އެހެންކަން ކުރުމަށް ހަށިގަނޑު ތާޒާ ވާނެއެވެ. އެހެންނަމަވެސް މާގިނައިން ނިދުމަކީ ރަނގަޅުކަމެއް ނޫނެވެ.
އެދުވަހެއްގެ ނިދި ހަމަޔަށް ލިބުމަކީ ހަށިގަނޑު އަވަހަށް ބަލިން ފަސޭހަވެ، އެހެން ސިއްހަތަށް ނުރައްކާ ހުރި ކަންކަމުން ދުރުކޮށްދޭ ކަމެކެވެ.
8. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުން
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކޮވިޑް-19 ގައި ފުރާނައަށް ނުރައްކާ ވެދާނޭ އެއް ސަބަބެވެ. ސަބަބަކީ ދުންފަތުގެ ސަބަބުން ފުއްޕާމޭ ފަދަ ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު، ކޮވިޑުގެ ސަބަބުން ވެސް އެންމެ ބޮޑު ގެއްލުންތަކެއް ލިބެނީ މިފަދަ ގުނަވަންތަކަށް ވުމުންނެވެ.
9. ޑޮކްޓަރުގެ އިރުޝާދާ އެކު ބޭސް ކެއުމާއި ޓެސްޓު ހެދުން
ކޮވިޑަށް ފަހުގައި ވެސް ކުރިން އެއްވެސް ބައްޔަކަށް ބޭސްކަމުން ދާނަމަ، ޑޮކްޓަރުގެ އިރުޝާދާއެކު އެ ބޭސްތައް ހުއްޓާނުލައި ކުރިއަށް ގެންދަންޖެހޭނެ އެވެ. އަދި ޝެޑިއުލްގެ ތެރެއިން ހަދަންޖެހޭ ޓެސްޓުތައް ވެސް ހުއްޓާނުލައި ކުރިއަށް ގެންދަން ޖެހޭނެ އެވެ.
10. ބަލިން ރަނގަޅުވުމަށް ފަހުގައިވެސް ނުރައްކާ ވެދާނެ ބައެއް ކަންކަން
ކޮވިޑުން ރަނގަޅުވި ނަމަވެސް ހަށިގަނޑަށް އުނދަގޫތައް ކުރިމަތިވުމަކީ މީގެ ކުރިންވެސް ވެފައި ހުރި ކަންކަމެވެ. އެހެންކަމުން ބަލިން ރަނގަޅުވުމަށް ފަހުގައިވެސް ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް ގައިޑްލައިންގައި ބުނެފައި ވެއެވެ.
o ނޭވާކުރުވުން
o ގަދަޔަށް ހުން އައުން
o މޭގައި ރިއްސުން
o ވާނުވާ ނޭނގުން
o މާބޮޑަށް ވަރުބަލިވުން
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)