އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/09/2020

މި ދެ އަލާމާތުގެ އެހީގައި ކޮރޯނާވައިރަހާއި ފްލޫ ވަކި ކުރެވިދާނެ

އާއްމުގޮތެއްގައި ފްލޫ އާއި ކޮވިޑް-19ގެ ހުންނަނީ ވަރަށް އެއްގޮތް އަލާމާތްތަކެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/09/2020

Flu Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޕެންޑަމިކްގެ ތެރެއިންވެސް އަހަރުގެ  މިދުވަސްވަރަކީ އެންމެ ބޮޑަށް ފްލޫ ފެތުރޭ ދުވަސްވަރުކަން ސިއްހީ އެހީތެރިން ދަނީ ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.

އެހެންކަމުން ފްލޫ ސީޒަން ފެށެންވާއިރަށް ކޮވިޑް-19 ކޮޅެއްގައި ޖެއްސޭތޯ ސިއްހީ އެހީތެރިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިކަމުން ސަލާމަތް ނުވެ ތިއްބައި ފްލޫ ސީޒަން ފެށިއްޖެނަމަ ދެން ވާނީ "ޓްވިންޑެމިކް"އެއް ކަމަށް ސިއްހީ އެހީތެރިން ބުނެއެވެ.

އާއްމުގޮތެއްގައި ފްލޫ އާއި ކޮވިޑް-19ގެ ހުންނަނީ ވަރަށް އެއްގޮތް އަލާމާތްތަކެކެވެ. އަދި ކޮވިޑް ނުވަތަ ފްލޫ ޓެސްޓު ނުކޮށް އެއީ ވަކި ކަމެއްގެ ސަބަބުން ފެންނަ އަލާމާތްތަކެއް ކަން ބުނަން ޑޮކްޓަރުންނަށް ވެސް ގިނަ ފަހަރަށް އޮންނަނީ ދަތިވެފަ އެވެ.

އެހެންނަމަވެސް ހުރިހާ އަލާމާތްތަކެއްގެ ތެރެއިންވެސް މި ދެ އަލާމާތަށް ސަމާލުކަން ދީފިނަމަ ކޮވިޑް-19 އާއި ފްލޫ އާއި ދެމެދުގެ ފަރަގު ދެނެގަނެވި އަވަހަށް ޓެސްޓުކޮށް ފަރުވާ ހޯދިދާނެ އެވެ.

ޔުނިވަރސިޓީ އޮފް މިޗިގަން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ އާރނޯލްޑް މޮންޓޯ ބުނިގޮތުގައި ކޮވިޑް-19ގެ ހުރިހާ އަލާމާތެއް ތެރެއިންވެސް ޕީސީއާރު ޓެސްޓު ނުހަދާ އެއީ ކޮވިޑްކަން ކަށަވަރު ކުރެވޭ އަލާމާތެއް ވެއެވެ. އެއީ ކުއްލިއަކަށް ވަސް ނުދުވުމާއި ރަހަ ނުލުމެވެ. މިއީ ކޮވިޑް-19 ބަލިމީހުންގެ ތެރޭގައި ވަރަށް އާންމު އަލާމާތެކެވެ.

އެހެންނަމަވެސް ކޮވިޑް ޖެހޭ އެންމެންގެ ކިބައިން މި އަލާމާތެއް ނުފެނެ އެވެ. އަދި ޔޫރަޕްގައި ދާދިފަހުން ހެދި ދިރާސާއެއްގައި ވެސް ވަނީ ކޮވިޑް-19 ޖެހޭ ކޮންމެ 417 މީހެއްގެ ތެރެއިން 85 އިންސައްތަ މީހުންނަކީ ބަލީގެ އަލާމާތް ވަރަށް ކުޑަކޮށް ހުންނަ މީހުންކަމަށް ދެނެގަނެވިފައެވެ.

އާންމުގޮތެއްގައި ފްލޫ އާއި ރޯގާގައި ވެސް ވަގުތީގޮތުން ވަސްނުދުވާ ފަހަރު އާދެއެވެ. އެހެންނަމަވެސް ކޮރޯނާވައިރަސް ތަފާތުވާ ސަބަބަކީ ހިތި އަދި ފޮނި ވަސް ފާހަގަ ނުކުރެވުމުގެ އިތުރުން އަރިދަފުސް ރޯގާ ނުޖެހިވެސް މިހެން ދިމާވާތީ އެވެ.

ޔުނިވަރސިޓީ އޮފް އެންގްލިއާ ގެ ކަރުންމަތީގެ ހާއްސަ ޑޮކްޓާރެއް ކަމަށްވާ ކާރލް ފިލްޕޮޓް ހެދި ދިރާސާއަކަށްފަހު ބުނިގޮތުގައި ކޮވިޑް-19 ހުރިކަމަށް ޝައްކު ކުރެވޭ މީހުން ގޭގައި ކޮފީ އަދި އޮރެންޖުން ވަސް ބަލައިގެން އަމިއްލައަށް ޓެސްޓު ކުރެވިދާނެ އެވެ.

ކޮވިޑް-19ގެ ތެރޭގައި ހިމެނޭ ފްލޫ އާއި ތަފާތު އަނެއް އަލާމާތަކީ ނޭވާލާން އުނދަގޫވުމެވެ. އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާގޮތުގައި ވަސް ނުދުވުމާއި ނޭވާއަށް އުނދަގޫވުމަކީ ފްލޫގެ ގޮތުގައި ބެލެވޭ ދެ އަލާމާތެއް ނޫނެވެ.

އެމެރިކާގެ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ލިއުމެއްގައި ބުނާގޮތުން ކޮވިޑް-19 ޖެހި ހާލުބޮޑުވާ މީހުންގެ ދެބައިކުޅައެއްބައި މީހުންނަށް ނޭވާލުމަށް ދަތިވުމުގެ އަލާމާތް ފެންނަނީ ބަލިޖެހޭތާ ހަފްތާއެއް ފަހުންނެވެ.

އެހެންކަމުން މިފަދަ ކަމެއް ދިމާވުމުގެ ކުރިން ދުރާލާ އެމީހެއްގެ ނޯމަލް ނޭވާލުން ހުންނަ ރޭޓް ޗެކްކޮށްލެވިދާނެ އެވެ. އެގޮތުން ނޯމަލްކޮށް ނޭވާލާ މީހެއްގެ މިނިޓަކު 12-16 އާއި ދެމެދެވެ. އަދި ވައިަރސް ހުރި މީހަކާއި ކޮންޓެކްޓްވެ، އަމިއްލަ މީހާ ނޭވާލާ ރޭޓުގައި ތަފާތުކަމެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކޭނެ އެވެ.

އާންމުކޮށް ނޭވާލާން އުނދަގޫވާނަމަ އިތުރު އަލާމާތްތައްވެސް ފެންނާނޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެގޮތުން ހުން އައުމާއި ހީކެރުވުން، ކެއްސުން، ގައިގާ ރިއްސުން، ވަރުބަލިވުން، ހޮޑުލެވުން އަދި ބޭރަށް ހިންގުން ހިމެނެ އެވެ.

އެހެންކަމުން މީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެއީ ކޮވިޑް-19 ކަމަށް ވިސްނައި އައިސޮލޭޓް ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ގޭގައި  އުޅޭ ވަގުތުތަކުގައި މާސްކް އެޅުމާއި ލަސްނުކޮށް ޓެސްޓުކުރުން ވެސް މުހިއްމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ