އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/09/2020

ކޮވިޑް-19 އެންޓިބޮޑީސް ހަށިގަނޑުގައި 4 މަސްވަންދެން ދެމިހުރޭ – ދިރާސާ

މި ހޯދުން ހޯދާފައިވަނީ އައިސްލޭންޑުގައި 30،500 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކަށް ފަހުގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/09/2020

Research COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޖެހުމުން އެވައިރަހާއި ދެކޮޅަށް މަސައްކަތް ކުރަން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް ހަށިގަނޑުގައި 4 މަސްވަންދެން ހުންނަ ކަމަށާއ، އޭގެފަހުން މަޑުމަޑުން ހަށިގަނޑުން އެންޓިބޮޑީސްތައް ނެތެމުންދާކަމަށް ދާދިފަހުން ހެދި ބޮޑު ދިރާސާއަކުން ދައްކައިފި އެވެ.

މި ހޯދުން ހޯދާފައިވަނީ އައިސްލޭންޑުގައި 30،500 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކަށް ފަހުގައެވެ. އަންގާރަ ދުވަހު ޝާއިއުކުރި މި ދިރާސާއަށް ފަހު ސައިންސްވެރިން ވަނީ މީގެ އަލީގައި ވެކްސިން މެދުވެރިކޮށް ވައިރަހާއި ދެކޮޅަށް މަސައްކަތްކުރާނޭ ރަނގަޅު ދިފާއީ ނިޒާމެއް އުފެއްދިދާނޭކަމުގެ އުއްމީދު ލިބިފައިވާކަމަށް ބުނެފަ އެވެ.

"މިފަދަ ނުރައްކާތެރި ވައިރަސްތަކެއް ފެތުރިގެން ނުދާނެކަމުގެ އުއްމީދަކީ އެއާ ދެކޮޅަށް ދޭ ވެކްސިނުން އުފައްދާ އެންޓިބޮޑީސްގެ އުމުރުދިގުވެގެން ދިއުން" ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިން ގައި ޝާއިއުކުރި މި ދިރާސާ އާއި ގުޅޭގޮތުން ސައިންޓިސްޓުން ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް އިންސާނާގެ ދިފާއީ ނިޒާމު މަސައްކަތް ކުރަނީ ކިހިނެއްތޯ ހޯދުމަށް މީގެކުރިންވެސް ވަނީ ދިރާސާތަކެއް ހަދާފައެވެ. މި ދިރާސާތަކުގައި ވަނީ 3 މަހަށްވުރެ ގިނަ ދުވަސް ވަންދެން ހަށިގަނޑުގައި އެންޓިބޮޑީސް ނުހުންނަކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް މި ދިރާސާތަކުގައި ސައިންސްވެރިން ބައިވެރިކޮށްފައިވަނީ ބައްޔަށް ޕޮޒިޓިވްވާ ފަހުން 28 ދުވަސް ވެފައިވާ މީހުންކަމަށާއި، ނަމަވެސް އައިސްލޭންޑްގެ ދިރާސާގައި ބަލައިފައިވަނީ ވައިރަސްއަށް ޕޮޒިޓިވްވެ 4 މަސް ހަމަވެފައިވާ ބައިވެރިންނެވެ.

ވައިރަސް ޖެހޭތާ މަހެއް ނުވަތަ ދެމަސްތެރޭގައި ހަށިގަނޑުގައި މިފަދަ އެންޓިބޮޑީސްގެ ދެވަނަ ކަލެކްޝަނެއް އުފައްދާކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން ދިގު މުއްދަތަކަށް ރައްކާތެރިކަން ލިބުމުގެ ފުރުސަތު ބޮޑެވެ.

"އިންފެކްޝަން އަދި ވެކްސިނުން ދެ ވޭވްއެއްގެ މަތިން އެންޓިބޮޑީސް އުފައްދައިދޭނެ. ފުރަތަމަ ވޭވްގައި މަސައްކަތްކުރާނީ ކުރުމުއްދަތަށް ދެމިހުންނަ ޕްލާސްމާ ސެލް އެވެ. ހަށިގަނޑުން ވައިރަސް ނެތިގެން ދިއުމުން އެ ސެލްތައްވެސް ހަށިގަނޑުން ނެތިގެންދާނެ އެވެ." ދިރާސާ އާއި ގުޅޭގޮތުން ވާހަކަދައްކަމުން ސައިންޓިސްޓު ގަލިޓް އަލްޓާ ބުނެފައި ވެއެވެ.

ދެވަނަ ވޭވްގައި ހަށިގަނޑުން އުފައްދަނީ ދިގު މުއްދަތަށް ދެމިހުންނަ ޕްލާސްމާ ސެލް އެވެ. މީގެ ސަބަބުން ދިގުމުއްދަތަކަށް ހުންނަ އިމިއުނިޓީއެއް ހަށިގަނޑުގައި ޤާއިމްކޮށްދެއެވެ.

އެހެންނަމަވެސް މި ދިރާސާހެދި ރިސާޗަރުން ވަނީ މިފަދަ އިތުރު ދިރާސާތައް ހަދަންޖެހޭކަމަށް ބުނެފަ އެވެ. އަދި ފަހަރެއްގައި މި ނަތީޖާ ބަދަލުވެދާނޭކަމަށް ސައިންސްވެރިން ބުނެއެވެ.

ދާދި ފަހުން ބައެއް ބަލިމީހުންވަނީ ކޮވިޑް-19 އިން ރަނގަޅުވެ މަސްތަކެއް ފަހުން އަލުން ބައްޔަށް ޕޮޒިޓިވްެވެސް ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ