އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/09/2020

ކޮވިޑް-19 އާއި ގުޅިގެން މާބަނޑު މީހުންނަށް ހުރި އާ ނުރައްކާތަކެއް

މާބަނޑު މީހުންގެ ގައިން ކޮވިޑްގެ އެންމެ އާންމު އަލާމާތްތައް ފެނުން މަދުކަމަށް ދިރާސާވެރިން ބުނެފައި ވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/09/2020

Research COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑު-19ގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައި މާބަނޑު މީހުން ނުހިމުނު ނަމަވެސް ރިސާޗަރުން ދަނީ މި ވައިރަހުގެ ސަބަބުން މާބަނޑު މީހުންނަށް ހުރި ނުރައްކާތަކާއި ގުޅޭގޮތުން އިތުރަށް ދިރާސާ ކުރަމުންނެވެ.

އެގޮތުން ބްރިޓިޝް މެޑިކަލް ޖާނަލް (ބީޖޭއެމް) ގައި ދާދިފަހުން ޝާއިއުކުރި ދިރާސާއެއްގައި ވަނީ މާބަނޑު ދުވަސްވަރުގެ ފުރަތަމަކޮޅު ކޮވިޑް-19 ޖެހި ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހޭ ގިނަ މީހުންނަށް އައިސީޔޫއިން ފަރުވާދޭން ޖެހޭ ކަމަށެވެ. ނަމަވެސް މި މީހުންގެ ގައިން ކޮވިޑްގެ އެންމެ އާންމު އަލާމާތްތައް ކަމަށްވާ ހުން އައުމާއި ގައިގަ ރިހުން ފެނުން މަދުކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ހަމައެހެންމެ ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑުކަމަށްވެސް މިދިރާސާގައި ވަނީ ބުނެފައެވެ. ނަމަވެސް ކޮވިޑް-19 ގެ ދުވަސްވަރު ދުވަސްނުފުރާ ވިހާ ކުދިންގެ އަދަދުތަަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

"އާންމުކޮށް މިފަހަކަށް އައިސް މާބަނޑުވެ، އެކި ކަންކަމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ނުވަތަ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ގައިން ކޮވިޑާއި ގުޅޭ އަލާމާތްތައް ފެނުން އަދި ކޮވިޑަށް ޕޮޒިޓިވް ވާކަން ވަނީ ފާހަގަކުރެވިފަ" ޗައިނާ އާއި ޔޫރަޕްގެ ތަފާތު އިންސްޓިޓިއުޝަންސް ތަކާއި ހަވާލާދީ މި ދިރާސާގައި ބުނެފައި ވެއެވެ.

މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން ވަނީ ޑިސެމްބަރު އެކަކުން ޖޫން 26 އާއި ދޭތެރޭގައި މާބަނޑުވި މީހުން ބޭނުންކޮށްގެން ކޮވިޑް-19 އާއި ގުޅޭގޮތުން ހަދާފައިވާ 77 ދިރާސާއެއް ރިވިއުކޮށްފަ އެވެ.

މި ދިރާސާގައި ވަނީ ދާދިފަހުން މާބަނޑުވި އަދި ދާދިފަހުން މާބަނޑުވެފައި ހުއްޓައި ކޮވިޑު ޖެހުނު 13،118 މީހުންގެ އިތުރުން، ދަރިމައިވާ އުމުރުގައި ކޮވިޑު ޖެހިފައި ތިބި 83،486 މީހުންގެ ޑާޓާތައް އެއްކޮށްފަ އެވެ.

"ދަރިމައިވާ އުމުރުގައި ތިބި މާބނޑު ނޫން މީހުންނާއި އަޅާބަލާއިރު، ކޮވިޑުގެ އާންމު އަލާމާތްތައް ކަމަށްވާ ހުން އައުމާއި ގައިގާ ރިހުންފަދަ އަލާމާތްތައް މާބަނޑު އަދި ދާދިފަހުން މާބަނޑުވި މީހުންގެ ގައިން ފެންނަވަރު މަދު" ރިސާޗަރުން ބުނެފައި ވެއެވެ.

ނަމަވެސް މާބަނޑު އަދި ދާދިފަހުން މާބަނޑުވާ މީހުން އައިސީޔޫގައި ފަރުވާދޭން ޖެހޭ އަދަދާއި އަޅާބަލާއިރު، އެމީހުންނަށް އޮތް ނުރައްކާ ބޮޑުކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އޭގެތެރެއިންވެސް އުމުރުން ދުވަސްވީ، ފަލި ބަލި، ހަކުރު ބަލި ނުވަތަ ކިޑްނީގެ ބަލިތައް ފަދަ ދިގުމުއްދަތަށް ފަރުވާ ދޭންޖެހޭ ބަލިތައް ހުންނަ މީހުންނަށް މި ވައިރަހުގެ ސަބަބުން އޮތް ނުރައްކާ ވަކިން ބޮޑުކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ރިސާޗަރުންނަށް ވަނީ ކޮވިޑް ޖެހިފައި ތިބޭ މާބނޑު މީހުން ދުވަސްނުފުރާ ވިހާ، އޭގެ ސަބަބުން ދަރިފުޅު ނިއޯނަޓަލް ޔުނިޓްގައި ބާއްވަންޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް މި ކަން އަދި ފާހަގަވީ މަދު ބައެއްގެ ކިބައިންކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ