އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/08/2020

6 ފޫޓުގެ ދުރުމިން ބަހައްޓައިގެން ވެސް ކޯވިޑް-19 ފެތުރުން ނުހުއްޓުވިދާނެ

ދެ ޔުނިވަރސިޓީއެއްގެ ދިރާސާވެރިން އާންމުކުރި މި ރިޕޯޓުގައި ވަނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ އިތުރުން އެހެނިހެން ކަންކަމަށް ސަމާލުވުމަށް ގޮވާލާފައެވެ. (ފޮޓޯ: ދަ އެޑިޝަން)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/08/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މިހާރު ހަދާފައިވާ ގައިޑެންސްގައި ވާގޮތަށް އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެންވެސް ވައިރަސް ފެތުރުން ނުހުއްޓުވިދާނެކަމަށް ދާދިފަހުން އާންމުކުރި ރިޕޯޓަކުން ދައްކައިފި އެވެ.

މަސަޗޫސަޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި އޮކްސްފޯޑު ޔުނިވަރސިޓީގެ ރިސާޗަރުން އާންމުކުރި މި ރިޕޯޓުގައި ވަނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓިނަމަވެސް، އެތަނެއްގެ ވެންޓިލޭޝަން އާއި އެއްވެ އުޅޭ މީހުންގެ މަދު ގިނަކަމާއި، އެތަނެއްގައި ހޭދަކުރާ ވަގުތާއި، އަދި މޫނު ރަނގަޅަށް ނިވާކޮށްފައި ހުރުން ފަދަ ކަންކަމަށްވެސް ރަނގަޅަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް ބުނެފަ އެވެ.

ކޮރޯނާވައިރަސް ޕެންޑަމިކްގެ ފުރަތަމަ ދުވަސްވަރު ބައިނަލްއަޤްވާމީ ސިއްހީ އިދާރާތަކުން ބުނަމުން ގެންގޮސްފައިވަނީ ތަންތަނުގެ އެތެރޭގައި އާއި ބޭރުގައިވެސް މަދުވެގެން 6 ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭނެކަމަށެވެ. އެގޮތުން ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރުން ގާތީ ހަ ފޫޓަށް ވުރެ ގާތުގައި ގިނަ ވަގުތު ހޭދަކުރާ މީހުންނަށް ކަމަށް އެމެރިކާގެ ސެންޓަރސް ފޯރ ޑިޒީސް ކޮންޓޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން މީގެކުރިން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް، ފާއިތުވި އަންގާރަ ދުވަހު ދަ ބީއެމްޖީ ގައި ރިސާޗަރުން އާންމުކުރި ރިޕޯޓުގައި ވާގޮތުން އިޖުތިމާއީ ގައިދުރުކަން އަދި މިހާތަނަށް ފާހަގަވެފައިވަނީ ކޮވިޑް-19 ފެތުރެމުންދާ ސަރަހައްދުތަކުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ވަރަށް ކުޑަކުޑަ ރޯލެއް އަދާކުރާ ކަމެއްގެ ގޮތުގަ އެވެ.

"ހަމައެކަނި ހަ ފޫޓުގެ ދުރުމިނެއް ބަހައްޓާފައި ދެން ހުރި ހުރިހާ ކަމަކަށް ފަރުވާކުޑަކޮށްލުން ނޫނީ ހަމައެކަނި މާސްކް އަޅާފައި ބާކީ ހުރި ހުރިހާ ކަމަކަށް ފަރުވާކުޑަކޮށްލުން ނުވަތަ ވެންޓިލޭޝަން ރަނގަޅުނަމަ ދެން ތިބި ހުރިހާ ކަމަކަށް ފަރުވާކުޑަކޮށްލައިގެން ކަމަކު ނުދާނެ." މި ރިޕޯޓުގެ ކޯ-އޯތަރ ލީޑިއާ ބޮރީބާ ވިދާޅުވި އެވެ.

ގައިދުރުކަން ބެހެއްޓިނަމަވެސް ހައި-ރިސްކް އަދި ލޯ-ރިސްކް ހާލަތްތައް ދެނެގަތުން މުހިއްމުކަމަށް ބޮރީބާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ބައެއް ހެކިތަކުގެ ގޮތުގައި ރިސާޗަރުން ވަނީ ކެއްސާ ކިނބިހި އަޅާ ހަޅޭލެވުމުގެ ތެރެއިން ކޮރޯނާވައިރަސް  6 ފޫޓު ދުރުމިނަށް ދަތުރުކުރާ ކަމަށް ބުނެފަ އެވެ. އަދި އެންމެ ހައި ރިސްކް ހާލަތްތައް ކަމުގައި 6 ފޫޓު ދުރުކަމާއެކު ވެސް ރަނގަޅު ވެންޓިލޭޝަނެއް ނެތް ތަނެއްގެ އެތެރޭގައި ގިނަ މީހުން މާސްކް އެޅުމެއް ނެތި އުޅުން ވަނީ ފާހަގަކޮށްފަ އެވެ. މި ކެޓަގަރީގެ ތެރޭގައި ގިނަ މީހުން ބައިބޯވާ ކަހަލަ ކެފޭ ހޮޓޯ ފަދަ ތަންތަނާއި، ސްޓޭޑިއަމް އަދި ރެސްޓޯރަންޓް ހިމެނެ އެވެ.

އަދި ލޯ ރިސްކް ހާލަތްތަކުގައި ރިސާޗަރުން ބުނެފައިވަނީ ބޭރުގައި ހާމަޔަށް ހުންނަ މީހުން މަދު އެހެންނަމަވެސް ގައިދުރުކަން ކުޑަ ތަންތަނެވެ.

ރިސާޗަރުން ވަނީ އެ ކި ހާލަތްތަކުގައި މީހުން ވައިރަހަށް ހުށަހެޅޭ މިންވަރު ދެއްކުމަށް ކަލަރ-ކޯޑެޑް ޗާޓެއް އާންމުކޮށްފަ އެވެ.

ބަޔޯއެތިސިސްޓެއް ކަމަށްވާ ޑރ. އެޒިކެއަލް އިމެނުއަލް ވިދާޅުވިގޮތުގައި އެކި ހާލަތްތަކުގައި ވައިރަހަށް މީހުން ހުށަހެޅޭ މިންވަރާއި މެދު އަދިވެސް އާންމުން ހޭލުންތެރިވާން ޖެހެއެވެ. އިމެނުއަލްގެ ނަޒަރުގައި ކޮރޯނާވައިރަހުގެ ނުރައްކާ ބިނާވަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ:

· ތަނެއްގެ އެތެރެއާއި ބޭރު

· އެއްވެ އުޅޭ މީހުންގެ އަދަދު

· އެތަނެއްގައި ހޭދަކުރާ ވަގުތު

· ފުންކޮށް ނޭވާލުން، ހަޅޭލެވުން، ލަވަކިޔުން

"ބޭރުގައި އުޅުނު ނަމަވެސް، ގިނަ ބަޔަކާއެކު ގިނަ ވަގުތު ހޭދަނުކުރާނަމަ އެއީ ރަނގަޅު ކަމެއް. އެހެންނަމަވެސް އެއްވެސް ކަމަކީ ޒީރޯ-ރިސްކް ހާލަތެއް ނޫން. އެއީ ލޯ-ރިސްކް ހާލަތެއް." އެމެނުއަލް ބުނެފައި ވެއެވެ.

ބޮސްޓަން ޔުނިވަރސިޓީ ސްކޫލް އޮފް ޕަބްލިކް ހެލްތްގެ އެޕިޑެމިއޮލިސްޓެއްކަމަށްވާ އެލީނޯރ މުރޭ ވިދާޅުވިގޮތުގައި ދަރިވަރުން އެނބުރި ސްކޫލަށް ދާއިރު، ސްކޫލްތަކުންވެސް 6 ފޫޓުގެ ދުރުމިން ބެހެއްޓުމަށްވުރެ ފުޅާކޮށް ވިސްނަން ޖެހެ އެވެ.

"އެމީހުން ކޮޓަރިއެއް ތެރޭގައި 8 ފޫޓުގެ ދުރުމިނެއް ބަހައްޓައިގެން ތިއްބަސް، އެއްފަހަރާއި، ދެގަޑިއިރު ނުވަތަ ހަތަރު ގޑިއިރަށް ތިބޭނަމަ، އެންމެންގެ މެދުގައި ކްލޯސް ކޮންޓެކްޓް އެއް ނެތަސް އެހިސާބުން ނުރައްކާވެސް ބޮޑުވާން ފަށާނެ." އެލީނޯރ މުރޭ ވިދާޅުވި އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ