އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/08/2020

ކޮރޯނާވައިރަސް ހުރިތޯ ބަލަން ހަމައެކަނި ހުން ޗެކްކުރުމަކީ އަދި ހައްލެއް ނޫން: ދިރާސާ

ސްކޫލްތަކާއި އަދި ހޮސްޕިޓަލްގައިވެސް ކޮވިޑަށް ސްކްރީން ކުރަނީ ޓެމްޕަރޭޗަރ ސްކޭނަރުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/08/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔެއިން ކޮރޯނާވައިރަސް ފެނުނުތާ ގާތްގަނޑަށް އަށްމަހަށް ވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ. މި ވައިރަހާއި ގުޅޭގޮތުން މިހާތަނަށް ގިނަ ހޯދުންތަކެއް ހޯދިފައި ވީނަމަވެސް ދުވަސް ވާވަރަކަށް މިފަދަ ހޯދުންތަކަށް ބަދަލުތައްވެސް ދަނީ އަންނަމުންނެވެ. މީގެ އެއްބަދަލަކީ ކޮރޯނާވައިރަހުގެ ފުރަތަމަ އަލާމާތްކަމަށް ބުނާ ހުން އައުމެވެ.

ސަދާން ކެލިފޯނިއާގެ ޔުނިވަރސިޓީއިން ހެދި ދިރާސާގައިވެސް ބުނެފައިވަނީ ހަމަ މިފަދައިންނެވެ. ކޮރޯނާވައިރަހުގެ ފުރަތަމަ އަލާމާތަކީ ހުމެވެ. އެއަށްފަހު ނޭވާ ކުރުވުމާއި، ކެއްސުން، ހޮޑުލުން އަދި ބޭރަށް ހިންގުން މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން މައުލޫމާތު އެއްކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑާޓާތަކުންނެވެ. މި ދިރާސާގައި ވަނީ ކޮވިޑް-19ގެ އަލާމާތްތައް ކަމަށް ބުނާ އަލާމާތްތައް ފެނި ބައްޔަށް ޕޮޒިޓިވްވި 60،000 އާއި ގާތްކުރާ އަދަދެއްގެ ކޭސް ބަލާ ހޯދާފައެވެ. އެގޮތުން ހުސްވި ހަފްތާގައި ފްރަންޓިއަރސް ޖާނަލްގައި ޝާއިއުކުރި މި ދިރާސާގައި ޕެންޑަމިކްގެ ފުރަތަމަ ދުވަސްވަރު ގާތްގަނޑަކަށް ޗައިނާއިން ފެނުނު ހުރިހާ ކޭސްތަކެއް ވަނީ ހިމަނާފައެވެ.

ދިރާސާގައި އިސްކޮށް އުޅުއްވި ބައޮލޮޖިކަލް ސައިންގެ ޕްރޮފިސަރެއް ކަމަށްވާ ޑރ. ޕީޓަރ ކުން ވިދާޅުވީ އާންމުގޮތެއްގައި ވައިރަސް ހުރިތޯ ބެލުމަށް މީހުންގެ ހުން ޗެކް ކުރިނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ އެންމެން ހުން ނާންނަކަމަށެވެ. އަދި މިފަދަ މީހުންގެ ފުށުން ވައިރަސް ފެތުރުމުގެ ނުރައްކާ މާބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ކަނޑައަޅާފައިވާ ގޮތުގައި ހުމުގެ ގޮތުގައި ބެލެވެނީ 38 ޑިގްރީ ސެލްސިއަސް އަށް ހުން އެރުމުންނެވެ.

މިހާތަނަށް ދުނިޔެއިން  21 މިލިޔަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ބަލީގެ ފުރަތަމަ އަލާމާތްކަމަށް ހުން އައިސްފައިވަނީ ބައެއް މީހުންގެ އެވެ. އަދި އާންމު ސިއްހީ އޮފިޝަލުންގެ ނަޒަރުގައި މި ބަލީގައި ގިނަ މީހުންނަށް ކުރިމަތިވެފައިވަނީ ބޮޑަށް އަޅައިނުގަންނަ އަލާމާތްތަކެވެ. އޭގެތެރޭގައި ކުޑަކޮށް ރޯގާގެ އަސަރު ހުރުމާއި، ބޮލުގައި ރިއްސުމާއި، އަދި މެއަށް ތަދުވެ ނޭވާއަށް އުނދަގޫކުރުމެވެ.

ސީޑީސީއިން ވެސް ވަނީ މި ބަލީގެ އަލާމާތްތައް ފާހަގަކޮށްފައެވެ. މީގެއިތުރުންވެސް އެހެނިހެން އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

· ހުން އައުން / ހީކެރުވުން

· ކެއްސުން

· ނޭވާ ކުރުވުން / ނޭވާލާން ދަތިވުން

· ވަރުބަލިވުން

· މަސްތަކުގައި އަދި ގައިގާ ރިއްސުން

· ބޮލުގައި ރިއްސުން

· އެއްޗެހީގެ ވަސް ނުދުވުން އަދި ރަހަ ނުލުން

· ކަރުގައި ރިއްސުން

· ނޭފަތުން އަރިދަފުސް އައުން

· ބޯ އެނބުރުން / ހޮޑުލެވުން

· ބޭރަށް ހިންގުން

މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އާންމުގޮތެއް ކޮވިޑްގެ އަލާމާތްތައް އެންމެ ކުޑަކޮށް ފެންނަނީ ކުޑަކުދިންގެ ގައިންނެވެ. އެހެންކަމުން ގިނަ ފަހަރަށް އެހެން ބަލިތަކާއި މި ބަލި އޮޅޭގޮތް ދިމާވެސް ވެއެވެ. އޭގެތެރޭގައި ވަސް ނުދުވުމާއި ރަހަނުލުން ބޮޑަށް ފެންނަނީ ކުޑަކޮށް އަލާމާތްތައް ހުންނަ އުމުރުން ހަނގު ބަލިމީހުންނާއި އަންހެނުންގެ ކިބައިން ކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

ކޮވިޑްގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ބައްޔަށް ހުށަހެޅޭތާ ފަސް ހަ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައެވެ. އަދި ހުން އައުން ފަދަ އަލާމާތްތައް ފެނުމުގެ ކުރިންވެސް ބައެއް މީހުންގެ ކިބައިން އެހެންމީހުންނަށް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ޑރ. ޑޭވިޑް ޕަލްޓިއެލް ވަނީ ވިދާޅުވެފަ އެވެ.

ސްކޫލްތަކާއި އަދި ހޮސްޕިޓަލްގައިވެސް ކޮވިޑަށް ސްކްރީން ކުރަނީ ޓެމްޕަރޭޗަރ ސްކޭނަރުންނެވެ. ނަމަވެސް މީހުން އުއްމީދުކުރާ ވަރަށް މިއީވެސް ޓެކްނޮލޮޖީގެ ގޮތުން ރައްކާތެރި ވަސީލަތެއް ނޫނެވެ. އަދި މިގޮތަށް ހުން ޗެކްކޮށް އަލާމާތެއް ނުފެނުނު ނަމަވެސް މާސްކް އެޅުމާއި ގައިދުރުކުރުމަށް ރިސާޗަރުން އިލްތިމާސް ކުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ