އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/08/2020

ފުރާ މީހުންނަށް 5 ހޮސްޕިޓަލަކުން ކޮވިޑް ޓެސްޓް ކުރެވޭ ގޮތް ހަމަޖައްސައިފި

މިގޮތަށް ހަމަޖައްސާފައި މިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ފުރާ ޓޫރިސްޓުން ކޮވިޑް-19އަށް ޓެސްޓް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގެ ފަސް ހޮސްޕިޓަލަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ފުރާ މީހުންނަށް އަވަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައި މިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ފުރާ ޓޫރިސްޓުން ކޮވިޑް-19އަށް ޓެސްޓް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ނިއު ނޯމަލްގެ ދަށުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ޓޫރިސްޓުން ފުރުމުގެ ކުރިން، އެމީހުން އަތުގައި ސަރުކާރުން ގަބޫލުކުރާ ލެބަކުން 48-72 ގަޑިއިރުތެރޭ ހަދާފައިވާ ކޮވިޑް ޓެސްޓުގެ ނަތީޖާއެއް އޮތުމަށް ބައެއް އެއާލައިންތަކުން މަޖުބޫރު ކުރެ އެވެ. އެ ނަތީޖާ ނެތްނަމަ، އަމިއްލަ ގައުމަށް އެތެރެވުމުގައި ވެސް ދަތިތަކެއް ހުރެ އެވެ.

އެ އެޖެންސީން އާއްމުކުރި ގޮތުގައި ފުރާ މީހުންނަށް ފަސް ތަނަކުން މިހާރު ޓެސްޓް ކުރެވޭނެ އެވެ. އެއީ، އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާއި އެ ހޮސްޕިޓަލުތަކުން ޓެސްޓު ހަދައިދޭނެ އަގުތައް އާންމު ކޮށްފައެވެ.

ޓެސްޓް ހަދަން ހަމަޖެއްސި ތަންތަނުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ޓެސްޓު ހަދައިދެނީ އޭޑީކޭއިންނެވެ. އެ ހޮސްޕިޓަލުން 1،500ރ. އަށް ކޮވިޑަށް ޓެސްޓުކޮށްދޭއިރު އައިޖީއެމްއެޗާއި ކުޅުދުއްފުއްޓާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ޓެސްޓް ހަދައިދޭން ހަމަޖައްސާފައިވަނީ 1،534ރ. އަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 2،000ރ. އަށެވެ.

އެޗްޕީއޭ އިން ބުނީ ސާމްޕަލްގެ ނަތީޖާ ބޭނުންވާ ވަގުތަށް ހޯދުމަށް، ފަތުރުވެރިޔާ ފުރަން ހަމަޖެހިފައިވާ ވަގުތުގެ 48 ގަޑިއިރު ކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ހޮސްޕިޓަލުގެ ލެބަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ޓެސްޓް ހެދުމަށްޓަކައި އެ ފަތުރުވެރިއެއްގެ ޓްރެވަލް ޑޮކިއުމަންޓުގެ ކޮޕީއަކާއި ލެބޯޓްރީން އެދޭ އެހެނިހެން ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ކުރިން ބުނެފައިވާ ގޮތުގައި އަތޮޅުތަކުގެ ހެލްތު ސެންޓަރުތަކާއި ރިސޯޓްތަކުގައި ޕީސީއާރު މެޝިން ބަހައްޓައިގެން ޓެސްޓްކުރަން ބޭނުންވާ ހުށަހެޅުންތައް ބެލުމަށް ފަހު އެތަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓް ކުރުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. ސީއެސްއާރުގެ ދަށުން ބައެއް ކުންފުނިތަކުން ހެލްތު ސެންޓަރުތަކުގައި މެޝިން ބަހައްޓަން ހުށަހެޅުމުން އެ ހުއްދަ ދީފައިވާ ކަމަށް އެތަނުން ބުންޏެވެ.

ރިސޯޓްތަކުގައި ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި ހުއްދަ ދޭ ގޮތަށް އަދި ހަމަޖައްސާފައި ވަނީ ޕީސީއާރު ޓެސްޓަށް އެކަނި ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ