އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/07/2020

ނިއު ނޯމަލް" އާއިއެކު ދިރިއުޅެން ދަސްކޮށްގެން ނުނީ ސަލާމަތެއް ނެތް"

"ނިއު ނޯމަލް" ނުވަތަ "އައު އާންމު ހާލަތަށް" އަހަރެމެންގެ ދިރިއުޅުންވެސް ހާނަން އެބަޖެހެއެވެ. (ފޮޓޯ: އަވަސް)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19ގެ ފުރަތަމަ ރާޅު ރާއްޖެއަށް ބިންދާލީ ރާއްޖޭގެ ބޯޑަރުން އެތެރެވެގެންނެވެ. އެހެންކަމުން ގިނަ ބައެއްގެ ކަންބޮޑުވުމަކަށް އޭރުވެފައި އޮތީ ރާއްޖޭގެ ބޯޑަރުތައް ބަންދު ނުކުރުމެވެ. އޭރު ރާއްޖެ ލޮކްޑައުން ނުކޮށް އޮތެމެވެ.

ނަމަވެސް ދުވަސްކޮޅެއް ފަހުން ރައްޔިތުންނާއި ސިއްހީ މާހިރުންގެ ބަސް ޤަބޫލުކޮށް ރާއްޖެ ލޮކްޑައުންއަކަށް ދިއުމުގެ ނަތީޖާވެސް ފެނުނީ ވަރަށްވެސް ފޮނިކޮށެވެ. އިތުރުވަމުން އައި ކޭސްތައް މަދުވަމުން ދިޔަނަމަވެސް ގެތަކުގެ ތެރޭގައި ހާސްވަމުން ދިޔަ ދިވެހިންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގާތްގަނޑަކަށް ތިން މަސްދުވަހުގެ ލޮކްޑައުންއަށް ލުއިތަކެއް ދީފައެވެ.

އެހެންނަމަވެސް ރާއްޖޭގެ މިސްރާބު މިހާރު އޮތީ ކޮވިޑް-19ގެ ދެވަނަ ރާޅަކާއި ދިމާލަށެވެ. ކުރިން އައި ރާޅާއި ހަނގުރާމަނުކޮށް ގެތަކުގެ ތެރޭގައި ފިލައިގެން ތިބެންޖެހުނަސް އަބަދަކު މިހެން ނުތިބެވޭނެކަން ދަންނަން އެބަޖެހެއެވެ. ކުރުކޮށް ބުނަނީނަމަ "ނިއު ނޯމަލް" ނުވަތަ "އައު އާންމު ހާލަތަށް" އަހަރެމެންގެ ދިރިއުޅުންވެސް ހާނަން އެބަޖެހެއެވެ.

ކުރީގެ ދިރިއުޅުމުގައި އަހަރެމެންނަށް ފަރުވާކުޑަކުރެވިފައި ހުރި ހުރިހާ ކަމަކަށް މިހާރު ނޫނެކޭ ބުނަންވީ ވަގުތު މިއޮތީ ޖެހިފައެވެ. ގިނަގިނައިން އަތޮދޮވުމާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ ރީތި އެހެންނަމަވެސް އަހަރެމެންނަށް ކުރިން ފަރުވާކުޑަކޮށްލެވިފައި ހުރި އާދަތަކެކެވެ.

މަގުމައްޗަށް ރަތްކުޅުން ފެށިގެން އަރިދަފުސް ކުޅު ޖެހުމަކީ ކުރިންވެސް ދިވެހިން ކުރަމުން އައި ނުތާހިރު އަމަލެކެވެ. އެހެންކަމުން މިއީ ފިހާރަތަކަށް ވަދެ ކޮންމެހެން އަތްލަންނުޖެހޭ ތަކެތީގައި އަތްލުމާއި، އަދި ކޮފީތަކަށް ގޮސް ގަޑި ދެގަޑިއިރު ވަންދެން އަނގަ ރަތްކޮށްގެން ދުފަމުން އަރުވަމުންގެންދާ ދުންތަކަށް އަލްވަދާއު ކިޔަންވީ ވަގުތެވެ.

ސަބަބަކީ މިފަދަ ކޮންމެ ކަމެއްވެސް މި ވައިރަސް އާއި ކޮންމެވެސް އެއްގޮތަކަށް ގުޅިލާމެހިފައި ވުމެވެ. ދިރިއުޅުމުގެ ބިޒީ ޝެޑިއުލްގެ ތެރެއިން މިކަންކަމަށް ފަރުވާ ކުޑަކުރެވިއްޖެނަމަ މި ދެވަނަ ރާޅުގެ ނުރައްކާ ރާއްޖެއަށް ހީވެސް ނުކުރާނޭ ފަދަ ގޮތަކަށް ކޮށްފާނެއެވެ.

ކުރީގެ ދިރިއުޅުމުގައި އަހަރެމެންނަށް ފަރުވާކުޑަކުރެވިފައި ހުރި ހުރިހާ ކަމަކަށް މިހާރު ނޫނެކޭ ބުނަންވީ ވަގުތު މިއޮތީ ޖެހިފައެވެ.  (ފޮޓޯ: ދަ އެޑިޝަން)

މިއީ ހަމައެކަނި ރާއްޖެއަށް އޮތް ބިރެއްނޫނެވެ. ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް މި ބިރުވެރިކަން އޮތްކަމަށް ހުދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރަޔަސިސް ވެސް ވަނީ ބުނެފައެވެ. އަދި މިހާރު މިއޮތް ނިއު ނޯމަލް އާއެކު ދިރިއުޅެން ރައްޔިތުން ދަސްނުކޮށްފި ނަމަ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެކަމުގެ އިންޒާރު ޓެޑްރޮސް ވަނީ ދެއްވާފައެވެ.

ނިއުނޯމަލްގައި ދިރިއުޅުމަކީ ތި ހީކުރާހާ އުނދަގޫކަމެއްވެސް ނޫނެވެ. ވިސްނަންވީ ކޮރޯނާވައިރަހުން ގެއްލުން ލިބިދާނެކަމަށް މާސްކް އަޅާ ފަދައިން އަތުގައި އޮންނަ ސިގިރޭޓުން ތިމާއަށާއި އަދި ވަށައިގެން ދިރިއުޅޭ މީހުންނަށް އޭގެ ދެގުނަ ގެއްލުން ލިބިދާނެ ކަމަށެވެ. ކަރުކެހިލާފައި މަގުމައްޗަށް ޖަހާލާ ކުޅުގަނޑެއްގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށެވެ.

އާދަކުރަންވީ އަގުބޮޑުކޮށް ސެނިޓައިޒާރ ގަނެގެން ދެއިރަށް އަތް ސާފުކުރުމަކަށް ނޫނެވެ. ބަދަލުގައި ތިމާ ދިރިއުޅޭ ގޭތެރެ ދެއިރަށް ފޮޅާ ސާފުކުރާ ގޮތަށް އާންމުކޮށް ގޭގައި އަތްލެވޭގޮތަށް ހުންނަ ތަކެތި ވެސް ސާފުކޮށްލުމަށެވެ. ގެއަށް ވަންނަ ކޮންމެ ފަހަރަކު، ފާހަނާ ބޭނުންކޮށްފައި އަދި ކާބޯތަކެތީގައި އަތްލުމުގެ ކުރިން ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަށެވެ. މޫނާއި ނޭފަތް އަދި ލޮލުގައި އަތްލުމުން ދުރުވުމަށެވެ.

އެންމެ މުހިއްމުކަމަކަށް ބޭކާރު ގޮތުގައި ގެއިންބޭރުގައި ވަގުތު ހޭދަނުކުރުމަށެވެ. އަދި ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ގައިދުރުކުރުމަށެވެ. އިރެއްގައި އަހަރެމެންނަށް "ޝެއަރިން އިޒް ކެއަރިން"އަށް ވިޔަސް، މިހާރު އެ ވިސްނުން ބަދަލުވެއްޖެކަން ދަންނާށެވެ. ހިފާގެންގުޅޭ ތަކެތި މީހުންނާއި ހިއްސާކުރާއިރު، އެއާއެކު ތިމާއަށް ވައިރަސްވެސް "ޝެއާ" ކުރެވިދާނެކަން ދަންނަން ވާނެއެވެ.

މި އާދަތަކާއެކު ދިރިއުޅުމަށް އެންމެންވެސް ހޭނެން އެބަޖެހެއެވެ. އަހަރުގައި ގެއްލުނުތަން ހޯދަން ގަދައަޅައި މަސައްކަތް ކުރަން އެބަޖެހެއެވެ. އެކަމަށްޓަކައި ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. "ނިއު ނޯމަލް"ގެ އުސޫލުތަކަށް ބޯލަނބައި ކިޔަމަންވުމެވެ. މިނޫން ގޮތަކަށް ކޮރޯނާވައިރަހުން އަވަހަށް ސަލާމަތްވެވޭކަށް ނެތެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ