އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 07/07/2020

އިރުގެ އަލީގެ ސަބަބުން ކޮރޯނާވައިރަސްގެ ނުރައްކާ ކުޑަވެދާނެތަ؟

ދުނިޔޭގެ ގިނަ ހިސާބުތަކުގައި ވައިރަސްގެ ނުރައްކާ 90 އިންސައްތަ ދަށްކޮށްދޭން ނަގަނީ 11-34 މިނެޓުކަން މިދިރާސާއިން ވަނީ ހޯދާފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 07/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުރިއަށް މިއޮތް މަސްތަކަކީ ދުނިޔޭގެ ގިނަ ޤައުމުތަކަށް ހޫނުގަދަ މަސްތަކެކެވެ. އަދި މިދުވަސްތަކުގައި އިރުގެ އަލީގެ ސަބަބުން ނޮވެލް ކޮރޯނާވައިރަސްގެ ނުރައްކާ 90 އިންސައްތަ ކުޑަކޮށްދޭނެ ކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ.

ޖަރނަލް އޮފް ފޮޓޯކެމިސްޓްރީ އެންޑް ފޮޓޯބަޔޮލޮޖީގައި މިދިޔަ މަހު ޝާއިއު ކުރި މިދިރާސާގައި ވަނީ އަހަރުގެ އެކި ދުވަސްވަރުގައި ލިބޭ އިރުގެ އަލީގެ ސަބަބުން ކޮރޯނާވައިރަހަށް އަސަރު ކުރަނީ ކިހާވަރަކަށްތޯ ބަލާފައެވެ. އެގޮތުން ގިނަ ހިސާބުތަކުގައި ވައިރަސްގެ ނުރައްކާ 90 އިންސައްތަ ދަށްކޮށްދޭން ނަގަނީ 11-34 މިނެޓުކަން މިދިރާސާއިން ވަނީ ހޯދާފައެވެ.

މީގެ އިތުރުން، އިރުގެ އައްޔަކީ ކޮރޯނާވައިރަސް ފެތުރޭ ގޮތާއި، ފެތުރޭ ބާރުމިނާއި، ފެތުރެން ނަގާ ވަގުތަށް އަސަރުކުރާ މުހިންމު އެއްޗެއްކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ ގިނަ ހިސާބުތަކުން ވައިރަސްގެ ނުރައްކާ ކުޑަ ކުރުމުގައި މީގެ ދައުރު ބޮޑުވާނެ ކަމަށް ދިރާސާވެރިން ޤަބޫލުކުރެއެވެ.

ނަމަވެސް، ބައެއް ހިސާބުތަކަށް ފިނި މޫސުން އައުމުން ކޮރޯނާވައިރަސް އަލުން ފެތުރުމުގެ ފުރުސަތު އޮތްކަމަށް ދިރާސާގައި ބުނެފައިވެއެވެ. މިއީ ޑިސެމްބަރ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށެވެ.

ދިވެހިރާއްޖޭގައި ވައިރަސް އަށް ކުރާނީ ކޮން އަސަރެއް؟

މިމައުލޫމާތުގެ އަލީގައި ދިވެހިރާއްޖެ ފަދަ ހޫނުގަދަ ޤައުމެއްގައި ކޮރޯނާވައިރަހަށް ކުރާނެ އަސަރު ދެނެގަނެވޭނެއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން އަންނަވާ އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ، ޑރ. މުހައްމަދު އަލީ ވަނީ މި މުހިންމު ދިރާސާ ފާހަގަކުރައްވާފައެވެ. އެގޮތުން ދިރާސާގައި ބައިވެރިވި ސައިންސްވެރިޔާ ހޯޒޭ-ލުއިސް ސަގްރިޕަންޓީ ހިއްސާ ކުރެއްވި ބައެއް މައުލޫމާތުތައް ޑރ. އަލީ ވަނީ ޓްވީޓް އަކުން ކިޔައިދެއްވާފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ޑރ. ސަގްރިޕަންޓީ ހިއްސާ ކުރެއްވި މައުލޫމާތުގައި ވާގޮތުން ދިވެހިރާއްޖެއަށް އިރުގެ އަލިކަން އެންމެ ބޮޑަށް ލިބޭނީ މާރޗް 21 އިން ސެޕްޓެމްބަރ 21 އާއި ހަމައަށެވެ. މިދުވަސްތަކުގައި ބޭރުތެރޭ ހުންނަ ވައިރަސްގެ ނުރައްކާ 90 އިންސައްތަ ކުޑަ ކުރުމަށް ނަގާނެ ވަގުތަކީ 11 މިނެޓެވެ. އަދި ނުރައްކާ 99 އިންސައްތަ ކުޑަ ކުރުމަށް ނަގާނެ ވަގުތަކީ 45 މިނެޓެވެ.

ހަމައެއާއެކު، ދިވެހިރާއްޖެއަށް އިރުގެ އަލިކަން އެންމެ މަދުން ލިބޭނެ ދުވަސްތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ ޖޫން 21 އިން ޑިސެމްބަރ 21 އަށެވެ. މިދުވަސްތަކުގައި ބޭރުތެރޭ ހުންނަ ވައިރަސްގެ ނުރައްކާ 90 އިންސައްތަ ކުޑަ ކުރުމަށް ނަގާނެ ވަގުތަކީ 35 މިނެޓެވެ. އަދި ނުރައްކާ 99 އިންސައްތަ ކުޑަ ކުރުމަށް ނަގާނެ ވަގުތަކީ 2 ގަޑިއިރެވެ.

ނަމަވެސް މިގޮތަށް ވުން އެކަށީގެންވަނީ އިރުގެ އަލި އެންމެ ގިނައިން ލިބޭ ވަގުތު ތަކުގައިކަން ދިރާސާގައިވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިވަގުތުތައް އިތުރުވުމަކީވެސް އެކަށީގެންވާކަމެކެވެ. 

ކޮވިޑް-19 އާއި ގުޅިގެން ނެގިފައިވާ ގިނަ ފިޔަވަޅުތައް ރާއްޖޭގައި ލުއިކުރަމުން އަންނަ ދަނޑިވަޅެއްގައި މިދިރާސާއިން ލިބުނު މައުލޫމާތަކީ ބޭނުންތެރި އެއްޗެކެވެ. 

ކުރިންވެސް ތަޖުރިބާކާރުން ހިއްސާ ކުރައްވާފައިވާ މައުލޫމާތާއި އެއްގޮތަށް ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެނީ ބަންދުކޮށްފައިވާ ކޮޓަރިތަކުގައެވެ. ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދިފައިނުވާ އިރު މިފަދަ ކަންކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ