އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 28/06/2020

އައު ދިރާސާއަކުން ކޮވިޑް-19 ގެ އާންމު އަލާމާތްތައް ކަށަވަރުކޮށްފި

9 ޤައުމަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 24،410 ބޮޑެތި މީހުންވަނީ މިދިރާސާގައި ހިމަނާފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 28/06/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގިރޭސިވިލާތުގައި ދާދި ފަހުން ހެދި ދިރާސާއަކުން ކޮވިޑް-19 ގެ އާންމު އަލާމާތްތައް ކަށަވަރުކޮށްފިއެވެ. މިއަލާމާތްތަކުގެ ތެރޭގައި ކެއްސުން، ހުން އައުން އަދި ވަސް ނުދުވުން ހިމެނެއެވެ.

ޔުނިވަރސިޓީ އޮފް ލީޑްސް އަދި އިތުރު ހަތަރު ޔުނިވަރސިޓީއެއްގެ ސައިންސްވެރިން ގުޅިގެން ހެދި މިދިރާސާ އަކީ ކޮވިޑް-19 ގެ އަލާމާތްތަކާއި ބެހޭގޮތުން ހެދުނު އެންމެ ބޮޑު އެއް ދިރާސާއެވެ. މިސައިންސްވެރިން ވަނީ 148 ތަހްލީލަކުން މައުލޫމާތު ނަގާފައެވެ.

އެގޮތުން 9 ޤައުމަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 24،410 ބޮޑެތި މީހުންވަނީ މިދިރާސާގައި ހިމަނާފައެވެ. އެޤައުމުތަކުގެ ތެރޭގައި ޗައިނާ، ކޮރެއާ އަދި އެމެރިކާ ހިމެނެއެވެ.

ޕޮލޮސް ވަން ޖަރނަލް ގައި ޝާއިއު ކުރި މިދިރާސާގައި ވަނީ ދެނެގަނެވުނު އެންމެ އާންމު 5 އަލާމާތް ހިމަނާފައެވެ. ނަމަވެސް އެކި ޤައުމުތަކުގައި މިއަލާމާތްތައް ފެނުނު މީހުންގެ އިންސައްތަ ތަފާތެވެ. މީގެ ސަބަބަކަށް ދިރާސާވެރިން ވިދާޅުވަނީ އެއީ އެޤައުމެއްގައި ބަލިމީހުންގެ މައުލޫމާތު ރިކޯޑް ކުރުމުގައި ތަފާތުތައް އުޅޭތީ ކަމަށެވެ.

ދިރާސާގައި ހިމަނާފައިވާ 5 އަލާމާތަކީ:

· ހުން އައުން (78 އިންސައްތަ ބަލިމީހުންގެ ގައިން ފެނިފައިވޭ)

· ކެއްސުން (57 އިންސައްތަ ބަލިމީހުންގެ ގައިން ފެނިފައިވޭ)

· ވަރު ދެރަވުން (31 އިންސައްތަ ބަލިމީހުންގެ ގައިން ފެނިފައިވޭ)

· ވަސް ނުދުވުން (25 އިންސައްތަ ބަލިމީހުންގެ ގައިން ފެނިފައިވޭ)

· ނޭވާލާން އުނދަގޫވުން (23 އިންސައްތަ ބަލިމީހުންގެ ގައިން ފެނިފައިވޭ)

މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު ބަލިމީހުންގެ ތެރެއިން 19 އިންސައްތަ މީހުންވަނީ އައިސީޔޫގައި އެޑްމިޓް ކޮށްފައެވެ. އަދި 26 އިންސައްތަ މީހުންނަށް ވަނީ ވެންޓިލޭޓަރ އެއްގެ އެހީ ބޭނުންވެފައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މިމީހުންގެ ތެރެއިން 7 އިންސައްތަ ވަނީ މަރުވެފައެވެ.

މިއަލާމާތްތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނެރެފައިވާ ލިސްޓުގައިވެސް ހިމެނޭ އަލާމާތްތަކެވެ. ނަމަވެސް މިދިރާސާގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ކޮރޯނާވައިރަސް ޖެހުނު ގިނަމީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ފާޅެއް ނުވެއެވެ.

ކޮވިޑް-19 އާއެކު "ނިއު ނޯމަލް" އެއްގައި ދިރިއުޅުމަށް ގިނަ ޤައުމުތަކުން ތައްޔާރުވަމުން އަންނަ އިރު މިދިރާސާއިން ލިބިފައިވާ މައުލޫމާތު މުހިންމު ވާނެއެވެ.

ކުރިންވެސް ގަބޫލުކުރެވުނު ފަދައިން ބަލިމީހުންގެ ފަރާތުން ފެންނަ އެންމެ އާންމު ދެ އަލާމާތަކީ ހުން އައުމާއި ކެއްސުމެވެ. މިދިރާސާއިން ވަނީ އެކަން އިތުރަށް ކަށަވަރުކޮށްދީފައެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކަށް ކަރަންޓީނު ކުރަންވީ ކޮންބައެއްކަން ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. އަދި ޓެސްޓު ކުރުމުގައި އިސްކަން ދޭންވީ މީހުންވެސް ދެނެގަނެވޭނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ