ޖެހި ތަދުވުމުން ދޭ ފަރުވާ އިތުރަށް ރަނގަޅު ކުރަން ޖެހޭތަ؟
އާދަމްގެ* އުމުރުން 40 އަހަރެވެ. އޭނާ ދުންފަތުގެ އިސްތިއުމާލު ކުރި ނަމަވެސް އޭނާ އަކީ ރަނގަޅު ސިއްހަތެއްގައި ހުރި މީހެކެވެ. މިދިޔަ އޮކްޓޯބަރު މަހު ސިޑި އަކުން ތިރިއަށް ފައިބަނިކޮށް ފައިކައްސާލައިގެން ވެއްޓި، ހަރުފަތްތަކުގައި ބުރަކަށި ޖެހި އޭނާ އަށް ވަނީ ހާނީއްކަވެފައެވެ. އޭގެ ފަހުން ހަތަރު މަސް ފާއިތުވެ ގޮސްފައި ވީނަމަވެސް، އަދިވެސް އޭނާ އުޅެނީ އެކަމުގެ ވޭނުގައެވެ.
ތަދުވާލެއް ބޮޑުކަމުން އޭނާ އެދުވަހު އޭ.ޑީ.ކޭ. ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ވަގުތުން ދިޔައެވެ. އެކްސް-ރޭ ނަގައިގެން ބެލުމަށްފަހު ޑޮކްޓަރު އޭނާ ކައިރީ ބުނީ ބުރަކައްޓަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އެހެން ކަމުން ތަދު މަޑު ކުރުމަށްޓަކައި އައިވީ މެދުވެރިކޮށް ބޭސް ދިނެވެ. އެހެން ދިން ބޭހަކީ ވޮލްޓަރެން ނުވަތަ ޑިކްލޮފެނެކް ގެ ނަމުގައިވާ ދުޅަކަނޑުވާ (ނަން-ސްޓެރޮއިޑަލް އޭންޓި-އިންފްލެމޭޓަރީ ޑްރަގް) ބޭހެކެވެ. މިބޭހާއި އެކު އާދައިގެގޮތުން ގައިގައި ތަދުފިލުވަން އުނގުޅާ ބޭހެއް ދީފައި ގެއަށް ފޮނުވާލީއެވެ.
އޭނާގެ ތަދަށް އެހެން އިތުރު ބޭހެއް ނުދެއެވެ. އަދި ފިޒިއޯތެރަޕީ ނުދިނުމުގެ އިތުރުން ތަދު ރަނގަޅު ވަންދެން ކަންތައްކޮށް ދިރިއުޅެންވީ ގޮތުގެ އިރުޝާދެއް ދީފައެއް ނުވެއެވެ.
މިހާދިސާ އަށް ތިން ހަފުތާ ވީ އިރުވެސް އޭނާގެ ތަދަށް ކުޑަވެސް ލުއިކަމެއް ނުލިބެއެވެ. ހަމަ ގައިގަނޑަކަށް ފުރަތަމަ ދުވަހެކޭ އެއްވަރަށް އޭރުވެސް ތަދުވާކަމަށް އޭނާ ބުންޏެވެ. އަދި ތެދުވެ އުޅުމުގައި މީހެއްގެ އެހީތެރިކަން އޭނާއަށް ބޭނުންވެއެވެ. މިކަމުގެ ސަބަބުން އޭނާގެ ވަޒީފާ އަދާކުރަން އުނދަގޫވެ އާއްމު ހާލަތަށް އެނބުރިނުދެވި ގިނަދުވަސްތަކެއް ވާތީ އޭނާ އަނެއްކާވެސް ހޮސްޕިޓަލަށް ދިޔައެވެ.
މިފަހަރު އެމް.އާރް.އައި. ޓެސްޓެއް ހެދުމަށް ޑޮކްޓަރު އެންގިއެވެ. އެއީ އެކްސް-ރޭ އިން ނުދައްކާ ކަމެއް އޮވެދާނެތީވެއެވެ. އެހެން ނަމަވެސް އޭނާއަށް އެހާ ތަދުވާ ސަބަބެއް ނުފެނުނެވެ. ވީމާ އިތުރު ފަރުވާއެއް ނުދީ އަނބުރާ ގެއަށް އަނެއްކާވެސް ފޮނުވާލީ އެވެ.
އާދަމް ދެކޭގޮތުގައި އޭނާގެ ތަދަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އޭނާގެ ސިއްހަތަށް ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ލަސްވާ ސަބަބަކީވެސް މިއެވެ.
މިހާރު ކުރިއާއި އަޅާ ބަލާއިރު ތަދަށް ލުއިކަން ލިބިފައި ވީނަމަވެސް އަދިވެސް ތަދު ހުންނަ ކަމަށް އޭނާ ބުނެއެވެ. މިހާދިސާ އަށް ތިން ހަފްތާވެ އަދި އޭނާ ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ދިއުމުގެ ކުރިން އޭނާ ބެލި ޑޮކްޓަރުން އޭނާ އެއުޅެނީ ހަޤީޤަތުގައިވެސް ތަދުވާތީ ކަމަކަށް ޤަބޫލެއް ނުކުރެއެވެ.
ފުރަތަމަ ދުވަހުން ފެށިގެން އެކަށީގެންވާ ފަރުވާ ލިބުނު ނަމަ މިހާ ގިނަ ދުވަސްތަކެއް ވަންދެން ވޭނުގައި އުޅެން ނުޖެހުނީސް ކަމަށް އޭނާ ދެކެއެވެ. އަދި އޭނާގެ މަސައްކަތާއި ދިރިއުޅުމަށް މިހާ ބުރަވެސް ނޭރީހެވެ.
"މިގޮތަށް އަޅާލުން ކުޑަކުރުމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް. ޑޮކްޓަރުން ބޮޑަށް ބެލީ ތަދަށް ބޭހެއް ނުދީ ވޭތޯ. އެކަމަކު ކޮންމެ މީހަކީ މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހުންނެއް ނޫން. އެންމެން ބޭސް ހޯދަން އުޅެނީކީ މަސްތުވުމުގެ ބޭނުމަކަށްނޫން. ބައެއް މީހުންނަކީ ހަޤީޤީ ތަދާއި ވޭނުގައި އުޅޭ މީހުން. މިފަދަ މީހުންނަށް ބޭސްވެސް އަދި ތަދު މަޑު ކުރާނެ އެހެން ގޮތް ކިޔައި ދިނުންވެސް މިއީ މުހިއްމު ކަމެއްދޯ؟"
*މި ލިޔުމުގައި ބޭނުން ކުރެވިފައިވަނީ އެފަރާތުގެ އަސްލު ނަމެއްނޫނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)