މުޅި ރޭ ހޭލާ: ގަސްތަކު ނޫން
އިންސޮމްނިއާ- މިބައްޔަކީ ނަމުން މަޝްހޫރު ނަމަވެސް އެބަލީގެ އަސްލު ގިނަ ބަޔަކަށް ނޭނގޭ ބައްޔެކެވެ. ނަފްސާނީ ބަލިތައް ހެން އިންސޮމްނިއާއަކީ މިލިއަނުން މީހުންނަށް އެކި ލެވެލްގައި ޖެހޭ ބައްޔެކެވެ. ކޮންމެ މީހަކަށްވެސް ތަފާތު ގޮތަކަށް އަސަރު ކުރާ މިބަލީގެ އެއްވައްތަރު އަސަރު ތަކެއްވެސް ވެއެވެ.
އެގޮތުން މައިގަނޑު ކަމަކީ ނިދަން އުނދަގޫވުމެވެ. ނިދުމުން މަހްރޫމް ވުމުގެ ސަބަބުން ބައިވަރު މައްސަލަތަކެއް ހަށިގަނޑަށް ދިމާވެގެން ދެއެވެ. މީގެ ތެރޭގައި ވަރުބަލިވުން، ފެންނަން ހުންނަ ބަދަލު ތައް (ލޯފުފުން، ހަނގަޑު ބަދަލުވުން…)، ކަނުލާ ވިސްނަން އުނދަގޫވުން، މީހުންގެ މެދުގައި އުޅެން އުދަނގޫވުން، މޫޑު ސަކަރާތްވެ ކުދި ކަންތައްތައް ތިމާއަށް އުނދަގޫކުރުން އަދި ހަށިގަނޑު ބަރުވުން ހިމެނެއެވެ.
މި ބަލިޖެހުމުގެ ސަބަބު ތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް ކަމެއް (ސްލީޕް އެޕްނިއާ، ކްރޮނިކް ތަދު، އާރތިރައިޓިސް…)، ބުއްދީގެ ތަފާތުތައް، އަދި ހޯރމޯންސް ހިމެނެއެވެ.
އިންސޮމްނިއާ ގެ ދެވައްތަރެއް ހުރެ އެވެ. އެއީ ކްރޯނިކް އިމްސޮމްނިއާ (ކޮންމެ ރެއަކު ނިދަން އުނދަގޫވުން) އާއި އެކިއުޓް އިމްސޮމްނިއާ (ވަކި ދުވަސްކޮޅެއްގައި ނިދަން އުނދަގޫވުން) އެވެ.
ކުރިއަށް މިއޮތީ ވަކި ދުވަސް ކުޅެއްގައި ނުނިދޭ އިންސޮމްނިއާގެ ވާހަކަ ރާއިދްގެ ދުލުން ކިޔާދީފައެވެ.
ތިފަރާތަށް އިންސޮމްނިއާ އަކީ ކޮބާ؟
އާދައިގެ ބަހުންނަމަ ނުނިދުން. ނިދަން އޮށޯތުމަށް ފަހު ނުނިދިގެން ގަޑިއިރުތަކެއް ހޭދަކުރުން. އެދުވަހަކީ ވަރަށް ވަރުބަލި ދުވަހެއް ނަމަ ނުވަތަ ސިކުނޑިއަށް ބުރަ ދުވަހެއްނަމަ އަހަރެން ނިދަން އޮށޯންނަ ގޮތަށް ދެން ހިޔާލުތައް އިތުރުވެ ސިކުނޑި ފުރާލާނެ. އެއްރޭ އަހަރެން އޮތިން ގާތްގަނޑަކަށް 6 ގަޑި އިރު ނުނިދިފަ ރަށަކަށް ލައްގައިފިއްޔާ ހަދާނެގޮތާމެދު ވިސްނަން. އަހަރެން އާދައިގެ މަތިން ފެންނައިރު މައްޔިތެއް ހެންނޭ ހުންނަނީ ހީވާ މީހުންނަށް ބުނެލަން އޮތީ އެހެން އެވަނީ އޭގެ ކުރީރޭ އަހަރެން އެކި ކަންކަމާ ވިސްނަން އޮތީމަ.
ބަލީގެ ސަބަބުން ދިރިއުޅުމަށް ކުރަނީ ކޮން ކަހަލަ އަސަރުތަކެއް؟
ވަރަށް ކުދި އަސަރު ކުރަނީ. އަހަރެން އެއްޗެއް ކިޔަވަން އުޅުމެކޭ ފޫނެއް ގޯންޔަކަށް ވެލި އެޅުމެކޭ އެއްވަރެއް ވާނީ. މި ބަލީގެ އަސަރުތައް ވަރުގަދަ ވާދުވަސްކޮޅު އެހެން ވަނީ. އެ ދުވަސް ކޮޅު ފިލާވަޅެއް ކިޔެވިޔަސް ޔަޤީން ބޮލަށް ނުވަންނާނެކަން. އަހަރެންގެ ޒަވާޖީ ހަޔާތަށް އެއީ އަސަރަކަށް ވުރެ ބޮޑަށް ވަބާއެއް. އެކުގައި ތާކަށް ދާން ރާވާފައި ފަހުން ހަނދާން ނެތިދާނެ. އަހަރެންނަށް ބަލައިފިއްޔާ ހީވާނީ ފޫހި ވެފަ ހުންނަނީހެން. އެހެން އެފެންނަނީ އޭގެ ކުރީރޭ އެކީ ހޭލާ އޮތުމުން.
ބަލި ފަސޭހަ ކުރުމަށްޓަކައި ކުރަނީ ކޮންކަމެއް؟
ކުރިން ވެއްޖެއްޔާ އަހަރެން އަޅާ ނުލަނީ. އެކަމަކު އުމުރުން ބޮޑުވާ ވަރަކަށް މިބަލި ގޯސްވަމުން އައީ. އެހެންވެ ވަރަށް ފަހުން ޑޮކްޓަރަށް ދެއްކިން. ބުނީ މިއީ އެކިއުޓް އިންސޮމްނިއާ ކަމަށް އަދި ނިދި ހަމައަކަށް އަޅަން ޖެހޭކަމަށް. ކޮފީ ނުބޮއެ ނިދުމުގެ ކުރިން ގިނައިން ނުކެއުމަށް ވެސް ނަސޭހަތްތެރިވ. މިގޮތަށް ކަން ކުރުމުން އަސްލު ފަސޭހަ ވޭ. ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ހަޔާތް ބައްޓަން ކުރުމުން އަރާމުގަ ނިދާލެވޭ.
މިބަލި ތަޙައްމަލް ކުރާ ފަރާތަކަށް ދޭނެ ނަސޭހަތަކީ ކޮބާ؟
ޑޮކްޓަރަކަށް ދައްކާ. ސިއްހަތަށް ގެއްލުމެއް ވަންޔާ އެއީ ކުރަންޖެހޭ އެންމެ ފުރަތަމަ ކަންތައް. ހާސްވެ ކަންބޮޑުވާ މާހައުލު ތަކުން ދުރުހެލިވޭ. އަދި ނިންޖަށް އަހައްމިއްޔަތުކަން ދީ. ލެއްގި ރަށަކުން ސަލާމަތްވާނެ ގޮތްތަކާއި މެދު މުޅި ރޭ ވިސްނަން އޮތުމަކީ ބުއްދި ވެރިކަމެއް ނޫން.
ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)