އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 15/09/2019

ދޮގު ހެދުމުން ހަދަން ޖެހުނު ސަރޖަރީ

އާދައިގެ ދޮގެއް ހެދުމުން މުޅި ހަޔާތް ބަދަލުވީ
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 15/09/2019

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަހަރެންގެ ނަމަކީ ރަޔާން އެވެ. އަހަރެން މިހާތަނަށް 2 ސަރޖަރީ ކޮށްފީމެވެ.

ހޮސްޕިޓަލަކީ ގިނަ މީހުން ވަގުތު ހޭދަކުރާ ހިތްވާތަނެއް ނޫނެވެ. ނަމަވެސް އަހަންނަށް ހޮސްޕިޓަލަކީ ހިތްހަމަ ޖަހުވައިދޭ މާހައުލެކެވެ. ބޭހުގެ ވަހާއި، ހުދު މާސްކް އަޅައިގެން އެއްކޮޓަރިން އަނެއް ކޮޓަރިއަށް އަވަސް އަވަހަށް ދުވަމުން ދާ ޑޮކްޓަރުންގެ މަންޒަރަކީ އަހަރެންގެ ކުޑައިރުގެ ހަދާންތަކުގެ ބޮޑު ބައެކެވެ.

އަހަރެންގެ ފުރަތަމަ ސަރޖަރީ ހެދިގެން ދިޔައީ އުމުރުން 2 މަސް ވަނިކޮށެވެ. އެހެންމީހުން އެ ވާހަކަ ކިޔައިދިން ގޮތުން އަހަރެން އެއްރޭ ދަންވަރު ހޭލައިގެން ރޯންފެށީއެވެ. މަންމަމެން އެގަޑީ ގާތުގައި ނެތުމުން އަހަރެންނާ ހަވާލުވެފައިހުރީ ފޫޅުމައެކެވެ. އޭރުގެ ސަގާފަތާ އެއްގޮތަށް އަހަރެންގެ ތަލިމަތީ މާމުއި ހާކާލަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އެކަން ކުރުމުގެ ތެރޭގައި ކަރުބުޑަށް އިނގިލިގޮސް އަހަރެންގެ ކާއެއްޗިހި ދާހޮޅި ހަލާކުވިއެވެ. މަންމަ ބުނާގޮތުގައި އޭނާއަކީ ފޫޅުމައި ޓްރޭނިންގަ އުޅޭ ކުއްޖެކެވެ.

ދެން ވީ ގޮތް އެކި މީހުން ކިޔައިދިނީ އެކި ގޮތަށެވެ. ނަމަވެސް މަންމަ ބުނާގޮތުން އަހަރެން ނޭވާލުން ހުއްޓާލުމުން އަވަހަށް ރަށު ކްލިނިކަށް ގެންދިޔައީއެވެ. ރަށު ކްލިނިކަކީ ބޭސް މަލަމަކާ ޑޮކްޓަރެކޭ ބުންޔަސް ރަނގަޅުވާނެއެވެ. މާލެ ދެވޭ ގޮތް ހަމަޖެހުމާއެކު އަހަރެން ފުރުވާލީ އައި.ޖީ.އެމް.އެޗް އަށެވެ. އަދި އެތަނުން ގައުމުން ބޭރަށެވެ.

އަހަރެން މިދުނިޔެއަށް ލޯހުޅުޅުވާލިތާ 8 ވަނަ ހަފްތާގައި އަހަރެން ގައުމުން ބޭރަށް ދަތުރެއް އެޅުމަށް ފަހު އިންޑިއާގެ ޓްރިވިންޑްރަމް އަށް ގޮސް ބޮޑު ސަރޖަރީއެއް ކުރީމެވެ. ސަރޖަރީއިން ސަލާމަތްވާނެކަމުގެ ފުރުސަތަކަކަށް ޑޮކްޓަރު ދިނީ 50/50 އެވެ. ބައްޕަ މިއަށް ދިނީ ވަރަށް ވެސް ހަރުދަނާ އޯކޭއެކެވެ. ސަރޖަރީ ނިމިގެން ދިޔައީ އަހަރެންގެ މޭމަތީ ބޮޑު ލަކުނަކާ އެކުއެވެ. އެއްވެސް ހަނދާންތަކަކާ ނުލައެވެ. ހަނދާންވާނީވެސް ކީއްވެ ހެއްޔެވެ؟ އޭރު ހަނދާނަކީ ކޯޗެއްކަންވެސް ނޭނގެއެވެ.

އޭގެފަހުން އަހަރެންގެ ސަރޖަރީ ހެދި ޑޮކްޓަރަށް ދެތިން ފަހަރު ދެއްކީމެވެ. އޭނާ ހަނދާން ވަނީ ވަރަށް މުސްކުޅި މީހެއްގެ ގޮތުގައެވެ. އަބަދުވެސް ވަންނައިރު މެޓާދޭނެއެވެ. ޑޮކްޓަރު ބުނި ގޮތުގައި އަހަރެންގެ އުމުރު ކުޑަ ވާނެއެވެ. އަދި ބަލި ހާލުގެ ސަބަބުން ނުކުޅުދޭ ކުއްޖެއްގެ ގޮތުގައި ބޮޑުވާނެކަމަށް ބުންޔެވެ. ދުވާލުގެ އާދައިގެ ކަންތައްތައް ވެސް ކުރަން އުނދަގޫވާނެކަމަށް ބުނިއިރު އަހަރެންނަކީ މިއަދު ސިއްހަތު ރަނގަޅު ވަރުގަދަ ޒުވާނެކެވެ. ނަމަވެސް ޑޮކްޓަރު ވަނީ އަހަރެންގެ އުމުރުން 7 އަހަރުގައި ނިޔާވެފައެވެ.

އަހަރެންގެ ދެވަނަ ސަރޖަރީ ހިނގީ 3 އަހަރު ކުރިން ނެވެ. އޭރު އަހަރެން އުޅުނީ އޭލެވެލް ހެދުމަށްޓަކާ ސީއެޗްއެސްއީ ގައެވެ. އަހަރެންނަކީ މީހުން ކަންޖޫސް އޭ ބުނާކަހަލަ ކުއްޖެކެވެ. ގެޔަށް ދޭފިލާވަޅަކީ އަހަންނަށް ހަދަން ވަރަށް ބުރަ އެއްޗެކެވެ. އެގޮތަށް އެއްދުވަހު އާދެވުނީ ހަދަން ދިން އިސްލާމް ޕްރޮޖެކްޓެއް ނުނިންމައެވެ. އެއީ އިސްލާމް ފިލާވަޅު ނުހަދާތާ ޖެހިޖެހިގެން ތިން ވަނަ ފަހަރެވެ. ފިލާވަޅު ނުނިންމައިފިއްޔާ މާރކްސް ވަރަށް ބޮޑަށް ކަނޑާނެކަމަށް ޓީޗަރު އޭރު އޮތީ އިންޒާރުދީފައެވެ. އަހަރެންގެ ވިސްނުމަކަށް ވީ އަވަހަށް ދޮގެއް ހަދާލާފައި ގެޔަށް ދިއުމެވެ. އަބަދުވެސް ހަދާހެން ސުޕަވައިޒަރސް ރޫމަށް ގޮސް ދޮންމަންމަ އަށް ގުޅާލީމެވެ. އޭގެ ކުރިން ދެތިން ބުރަކު ބަނޑުގައި ރިއްސަނީ އޭކިޔާފައި ގެޔަށް ގޮސް ހުރީމާ، އެބުރު ތަންކޮޅެއް ބޮޑު ކޮށްލާނީ އޭ ހިތާ ގުޅާފައި ބުނީ ހޮޑުލެވުނީ ކަމަށެވެ. ލީއިރު ލޭ އައި ކަމަށްވެސް ބުނީމެވެ.

10 މިނަޓް ފަހުން އަހަރެން ހުރީ ބައްޕަގެ ސައިކަލު ފަހަތުގައި ސެނަހިޔާއަށް އެ ހޮސްޕިޓަލްގެ އިސް ޑޮކްޓަރަކަށް ދައްކަން ދިޔުމުގެ މަގުމަތީގައެވެ. ޑޮކްޓަރު ކޮޓަރިއަށް ވަނުމާއެކު އޭނާ އަހަރެން ކައިރީ އެހީ ލޭގެ ކުލަ ބުނެދިނުމަށެވެ. އަހަރެންގެ ބޮލުގައި މިއީ ހުސް ދޮގެވެ. ނަމަވެސް އެއްދޮގަށް ފަހު އަނެއް ދޮގު ހަދައިގެން ވެސް ސަލާމަތް ވާން ޖެހޭ ހިސާބުގައި އޭރު ކަންތައް އޮތުމުން ވަގުތުން ޖަވާބެއްގެ ގޮތުގައި ބުނީ ކުލަ ހުރީ ގަދަ ރަތް ކުލައިގައިކަމަށާއި ފާހަނަ ތަށި ފުރެންދެން ހޮޑު ލެވުނު ކަމަށެވެ.

ބައިވަރު ސްކޭން ތަކަކާއި އެންޑޯސްކޯޕީއެއް ހަދަން ދިނުމަށް ފަހު އަހަރެން އެދުވަހު ގެޔަށް ދިޔައީ ހުރި ހާކަމެއް ނިމުމުން އުފަލުންނެވެ.

އެހެން ނަމަވެސް ޖެހިގެން އައި ދުވަހު ބައްޕަ ގެޔަށް އައީ އާރޖެންޓް ޖަހާފައި އޮތް ރިޕޯރޓަކާއި ޑޮކްޓަރ އެޕޮއިންޓްމަންޓް އެއް ހިފައިންނެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ ބަނޑާ މޭގެ ދެމެދު ކޮންމެސް އެއްޗެއް އިންކަމާއި ހީވަނީ ހާރނިއާއެއް ކަމަށެވެ. އެއީ ނުރައްކާތެރި ކަމަކަށް ވެސް ނުވަތަ އެއްވެސް ކަހަލަ ގެއްލުމެއް ނެތް އެއްޗެއް ކަމަށްވެސް ވެދާނެ ކަމަށް ނަސޭހަތްތެރިވެ ގައުމުން ބޭރަށް ފުރުމަށް ލަފާދިނެވެ. ބައްޕަގެ ޖަވާބަކަށް ވީ އޯކޭއެވެ.

އަހަރެންނަށް ގައުމުން ބޭރަށް ދިއުން ވީ ޗުއްޓީއަކަށެވެ. ޑޮކްޓަރަށް ދައްކާލާފައި އަންނާނީ އޭ ހިތާ އެވެ. ނަމަވެސް ދިޔުމާއެކު އެނގުނީ އަހަރެން ގައިގާ ހަރނީއާގެ އާދަޔާ ޚިލާފު ވައްތަރެއް ހުރިކަމެވެ. އަހަރެންގެ ބަނޑުގެ ބަޔެއް މޭމައްޗައް އަރާ ހިތަށް ގެއްލުންވެދާނެ ކަމުގެ ބިރު އޮތެވެ. ސަރޖަރީ ކާމިޔާބު ވުމުގެ 50/50 ފުރުސަތެއް އަނެއްކާވެސް ލިބުނެވެ. އެވަގުތު ކޮޅަކީ އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނު ހިނދުކޮޅެކެވެ. 

އެހެން ޑޮކްޓަރަކާއި މަޝްވަރާކުރެވި ނިމިގެން ދިޔައީ ލެޕްރީސްކޯޕީ ހަދާށެވެ. 7 ގަޑިއިރުގެ ސަރޖަރީއަކަށް ފަހު އަހަރެން ހޭލީ ފަޅައިގެން ގޮސްފައި އިން ތުންފަތަކާއި ބަނޑުމަތީ 7 ލަކުނާ އެކީގައެވެ. ހޮސްޕިޓަލުގައި ހޭދަކުރަން ޖެހުނު އެއް މަހަކީ އެވަރުން ވެސް ސުކޫލުގައި ހޭދަ ކުރަން ޖެހުނު ވަގުތަށްވުރެ މާ ފުރިހަމަ ވަގުތުތަކެކެވެ. އަހަރެން ހޮސްޕިޓަލުން ދޫކޮށްލީ އަހަރު ދުވަހުގެ ބޭސް ދީފައެވެ.

އެދުވަސްތައްވެގެން ދިޔައީ ވަރަށް ވެސް ވަރުގަދަ ހަނދާން ތަކަކަށެވެ. އެފަދަ ހާލަތެއް އެހެން މީހަކަށް ނޭދެމެވެ.

މިއަދު އަޅުގަނޑަކީ ފުރިހަމަ ސިއްހަތެއްގެ ވެރިއެކެވެ. ކިޔައިދޭނެ އެތަކެއް ވާހަކައެއް ހުރި މީހެކެވެ.

 

ކިޔުންތެރިންގެ ސަމާލުކަމަށް:  ލިޔުމުގައި ބޭނުން ކުރެވިފައި ވަނީ އަސްލު ނަމެއް ނޫނެވެ. ލިޔެވިފައި ވާހަކައިގެ މައުލޫމާތަކީ ލިޔުން ނިސްބަތްވާ ފަރާތުގެ ވިސްނުމާއި ބަހެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ