ހީނާފަތަކީ ހަމައެކަނި ރީތިވާން ބޭނުން ކުރާ އެއްޗެއް ނޫން
ހީނާފަތަކީ އަޅުގަނޑުމެން ތުއްތު އިރުށްސުރެ ދެކި ފަރިތަ އެއްޗެކެވެ. ހިތާނީ ހަފްލާތަކުގަޔާއި އަންހެންކުދިން ރީތިވުމުގެ ނިޔަތުގައި މިފަތުގެ ދިޔައިން ހަދާ ކުލަ ބޭނުންކުރެއެވެ. މިފަދައިން ހީނާފަތުގެ ބޭނުން ކުރުން މަޝްހޫރު ވީނަމަވެސް ހީނާފަތަކީ އެންމެ ކުރީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ މުޖްތަމައުގައި ބޭނުންކުރެވެމުން އައި ދިވެހި ބޭހުގެ ބާވަތެކެވެ. ހީނާގަހުގެ އެކިބައިތައް ދިވެހި ބޭހުގައި ބޭނުން ކުރެވުނެވެ.
ހީނާފަތްބޯޅަ އެއްގެ ވާހަކަ އިވިފައި އޮވެދާނެއެވެ. މިއީ ދިވެހި ބޭހުގެ ޕެނަޑޯލް އޭވެސް ބުނެވިދާނެއެވެ. ހީނާ ފަތް ފެނާއެކު މޮޑެލާފައި ބޯޅައަކަށް ހެދުމަށް ފަހު މުށުތެރޭ ބައިންދާނީއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ހުންމަޑުވެއެވެ. މީހާ ގައިގައި ވަރުޖެހެއެވެ.
ކުރިން ދަންނަވާލިހެން ހީނާފަތަކީ ހަމަ ދިވެހި ބޭހުގެ ޕެނަޑޯލް އެވެ. ހުން މަޑުކުރުމުގެ އިތުރުން ބޮލުގަރިއްސުމަށްވެސް ހައްލެކެވެ. ހީނާ ގަހުގެ މަލަކީ ހޫނުގެ ސަބަބުން ލިބޭ ބޮލުގަ ރިއްސުމަށް ވަރަށް ވެސް ހެޔޮ އެއްޗެކެވެ. ހީނާގަހުގެ މާ އެއްކޮށްގެން ފޮތިގަނޑަކަށް ދިޔަ އެޅުމަށް ފަހު "ވިނެގާރ" އާއެއްކުރާނީއެވެ. އަދި ނިއްކުރިމަތީ ބޭއްވުމުން ލުޔެއް ލިބޭނެއެވެ.
ހީނާފަތަކީ ތަނެއް ކަނޑައިން ދިއުމުންނާއި އަލިފާނުގެ ސަބަބުން އަނދާ ތަންތަނުގެ ފަރުވާ އެއްގޮތަށްވެސް ބޭނުންކުރެވޭ އެއްޗެކެވެ. ކުރިން ހެދިހެން ހީނާފަތް ފެނާއެކު ޗިސްކުރާނީއެވެ. އަދި ފޮތިކޮޅަކަށްލުމަށްފަހު އަނިޔާލިބުނު ތަނުގައި އަޅާނީއެވެ. ހީނާ މިކަހަލަ ކަންތަކަށް ރަނގަޅު ވާސަބަބަކީ ހީނާފަތަކީ "އެންޓިސެޕްޓިކް" އަކަށް ވުމުންނެވެ. ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަނުން މި ފަރުވާގެ ސަބަބުން ސަލާމަތްވެއެވެ.
ހީނާފަތުގެ ފެން އަދި އޮށަކީވެސް އޭގެ ސިއްހީ ފައިދާތަކެއް ވާ ނަމަވެސް އޭގެ މައުލޫމާތު މަދު އެއްޗެކެވެ. ހީނާފަތުގެ ފެން ނުވަތަ އޮށް ކެއުމުން މީހާގެ ލޭދައުރު ކުރާނިޒާމް އަށް ފައިދާތަކެއް ކުރެއެވެ. ހިތުގެ ބަލިތަކުން ސަލާމަތް ކޮށްދެއެވެ. ލޭގެ ޕްރެޝަރ ދަށްވެސްކޮށްދެއެވެ. ޕްރެޝަރ ދަށްވުމުގެ ސަބަބުން ލޭނާރުތަކާއި ހިރުގެ ބައިތަށް ބަންދުވުމުގެ ފުރުސަތު ކުޑަވެ ހާރޓް އެޓޭކް އަދި ސްޓްރޯކް އިން ސަލާމަތް ކޮށްދެއެވެ.
ހީނާފަތަކީ ރީތިވާ އެއްޗެއްގެ އުސޫލުން ބޭނުން ކުރިއަސް މިފަދަ ސިއްހީ ބޭނުންތަކަށް ވެސް ބޭނުން ކުރެވޭ އެއްޗެކެވެ. އަދި މިސިއްހީ ފައިދާތަކުގެ ފުރިހަމަ ބޭނުން ދިވެހި ބޭހުގެ ތެރެއިން ވަނީ ހިފާފައެވެ. އަތުގަ އަޅާ ހީނާ ދެންބުރަކުން ނިއްކުރީގައިވެސް ހާކާލަމާތޯއެވެ.
(ކަޅު ހީނާފަތް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ސަބަބަކީ އޭގައި "އެޑިޓިވްސް" އެކުލެވިފައި ހުރެދާނެތީއެވެ)
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)