އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ލިޔުނީ މަރިޔަމް ނަޝަޒް، B.A. (Psych.) ޝާއިޢު ކުރީ 03/10/2019

ނަފްސާނީ ބަލިތަކާއި މެދު ބައެއް ދވެހީން ގޯސް ގޮތަކަށް ދެކެނީ ކީއްވެ؟

އަޅުގަނޑުމެންގެ މުޖުތަމައުގައި ނަފްސާނީ ބަލިތަކާއި ދޭތެރޭ ނޭދެވޭ ވިސްނުން ގެންގުމުގެ ބައިވަރު ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ޒަމާނުއްސުރެ ގެންގުޅުނު އާދަކާދަތަކާއި ފަހަކަށް އައިސް ބައެއް މީހުންގެ އަމަލުތައް ގެންގުޅޭ ގޮތްތައް ހިމެނެއެވެ.
Mariyam Nashaz, B.A. (Psych.) Avatar
މަރިޔަމް ނަޝަޒް، B.A. (Psych.)

ޝާއިޢު ކުރީ: 03/10/2019

DhulhaHeyoSihhathu Mental Health Depression Anxiety Stigma
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

2 ދަރިންގެ މަންމަ ފާތިމާ އެނދުން ތެދުވާ ހިތްނުވެ، ފެންނުވަރާ، ނުކައި އޮތުމުން ފިރިމީހާ އާއި އާއިލާ މީހުން އޭނާ އަކީ ކަންނެތް މީހެއް ކަމަށް ބުނެއެވެ. އަދި ގިނަ ގިނައިން ގުރްއާން ކިޔަވާ ނަމާދުކުރުމުން ރަނގަޅު ވާނެ ކަމަށް ނަސޭހަތްތެރި ވެއެވެ.

އެހެންމީހުންނަށް ނުފެންނަ އަދި އަޑު ނީވޭ މަންޒަރު ތަކާއި އަޑުތައް އާދަމަށް އިވުމުން އާއިލާއިން ނިންމީ ފަންޑިތަވެރިއެއްގެ އެހީ ހޯދާށެވެ. ފާއިތުވި ހަ މަސްދުވަސް ވަންދެން ފަރުވާ ކުރަނީ އެވެ. އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ.

ހަސީނާގެ އޯޓިޒަމް ހުންނަ ފިރިހެން ދަރިފުޅު ހޮސްޕިޓަލު ތެރޭ ހަޅޭއްލަވާ އަޑުގަދަ ކުރުމުން ހަސީނާ އެދުނީ ޑޮކްޓަރަށް އަވަހަށް ދެއްކޭނެ ގޮތެއް ހަދައިދިނުމަށެވެ. ނަމަވެސް ހޮސްޕިޓަލުގެ މުވައްޒަފުން އެކަމާއި ދެކޮޅު ހެދީއެވެ. އަދި ނަންބަރު ޖެހެން ދެން މަޑު ކުރުމަށް އެންގިއެވެ. ހަސީނާ މަޑުކުރަން ޖެހުނީ އެތަކެއް ބައެއްގެ ނުރުހުމުގެ ބެލުންތައް ތަޙައްމަލު ކުރަމުންނެވެ.

އަހުމަދު ކޮންމެ ހަފްތާއަކު ކައުންސެލިން އަށް ދަނީ  ގަޑިއިރަކަށް 400 ރުފިޔާ ދީފައެވެ.  އާއިލާ ބަލަހައްޓާ ޚަރަދު ކުރަން ޖެހެނީވެސް އަހުމަދެވެ. ސަރުކާރުގެ ފަރާތުން އެއްވެސް ވަރެއްގެ އެހީއެއް ނުލިބެއެވެ. އެހެންކަމުން ކައުންސިލަރ ކައިރިއަށް ދިއުން ހުއްޓާލަން ޖެހުނީއެވެ. އަދި އޭގެ ސަބަބުން ނަފްސާނީ ސިއްހަތު ދިޔައީ އިތުރަށް ގޯސް ވަމުންނެވެ.

 

މަތީގައި ބަޔާން ކުރެވިފައިވާ ހާދިސާ ތަކަކީ އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހިރާއްޖޭގައި ލޯ ކުރިމަތީ ހިނގާ ހާދިސާ ތަކެކެވެ. ސަރުކާރުންނާއި އަމިއްލަ  މުއައްސަސާ ތަކުން  ނަފްސާނީ  ބަލިތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ނުހަނު މަސައްކަތް ކުރެއެވެ.  ނަމަވެސް އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މިފަދަ  ބަލި ހުންނަ މީހުންނަށް އެއްޗެހި ކިޔާ، މަލާމާތްކޮށް، ދިމާވާ ބައެއް ހާދިސާތަށް އާންމުކޮށް، ބަލިމީހުން ފަލީހަތް ކުރާތަން ފެނެއެވެ. ގޭތެރޭގައި، މަސައްކަތު މާހައުލުގައި، ސްކޫލުގައި، ސޯޝަލް މީޑިއާ އަދި ސިއްހީ ދާއިރާތެރެއިންވެސް މިގޮތަށް ކަންތައްތައް ދިމާވެއެވެ. 

ނަފްސާނީ ބަލިތައް ތަޙައްމަލު ކުރާ މީހުންނާއި ދޭތެރޭ އަދިވެސް މިގޮތަށް އަމަލުތައް ބަހައްޓަނީ ކީއްވެ ހެއްޔެވެ؟

 

ދީނީގޮތުން ލިބިފައިވާ މައުލޫމާތު ގޯސްވުން ނުވަތަ އުނިވުން

އޭގެ އެއް ސަބަބަކީ ދީނުގެ ބައެއް މައުލޫމާތު  އޮޅިފައިވުމެވެ. އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ރަނގަޅު މިންވަރާއި ނުބައި މިންވަރަށް އީމާންވާން ޖެހެއެވެ. އެހެންކަމުން ދިމާވާ ހުރިހާ އުނދަގޫތަކަށް ކެތްތެރިވެ އީމާންކަންމަތީ ދެމިތިބެން ވާނެއެވެ. އަދި ދިމާވާ ދެރަ ކަމަކުން މިންޖުވުމަށްއެދި ﷲ ހަޟްރަތަށް ދުޢާ ކުރަންޖެހެއެވެ. ނަފްސާނީ ބައްޔެއް ދިމާވުމުންވެސް މީހުން ހަމައެކަނި މިފަދައިން ކަންތައް ކުރާތަން ފެނެއެވެ. ބައްޔަށް ފަރުވާ ނުހޯދާ އެކަމަށް ކެތްތެރިވެ ދުޢާ ކޮށް އެތައް ދުވަހެއް ބަލީގައި ތަހައްމަލް ކުރެއެވެ.  ދާދި ފަހުން ސްކޮޓްލެންޑްގެ މުސްލިމް އަންހެނުންނަށް ޚާއްސަކޮށް ހެދި ދިރާސާއަކުން ވެސް ފެނުނީ މި މައްސަލައެވެ. އެމީހުން ބައްޔަށް ފަރުވާ ނުހޯދާ ތިބެ ހަޔާތުގެ އެތައް ދުވަހެއް އެކަމުގެ ސަބަބުން ގެއްލި ދިޔައީއެވެ. 

ހިތުގެ ބައްޔަކަށް ނުވަތަ ކިޑްނީގެ ބައްޔަކަށް ހަމައެކަނި މާތް ﷲ ގެ ހަޟްރަތަށް ދުޢާކޮށް ކެތްތެރިވެ ފަރުވާ ނުހޯދާ ހުންނަ މީހެއް ހަމަގައިމުވެސް ނުފެނެއެވެ. ނަފްސާނީ ބަލިތަކާ ގައިގެ އެހެން ތަނަކަށް ޖެހޭ ބަލިތަކާ ހުރި ތަފާތަކީ ވަކި ކޮބާ ހެއްޔެވެ؟

މިކަން މިހެން ވުމުގެ މައިގަނޑު އެއް ސަބަބަކީ ނަފްސާނީ ބަލި ޖެހެނީ އީމާންތެރިކަން ކުޑަވުމުން ކަމަށް ގަބޫލުކުރެވޭތީއެވެ. މިސާލަކަށް އާދަޔާ ޚިލާފަށް ހާސްވެ ކަންބޮޑުވާ ބަލި ނުވަތަ "އެންޡައިޓީ ޑިސޯޑަރ" ޖެހިފައިވާ މީހަކަށް ނަސޭހަތެއްގެ ގޮތުން މިބުނެވެނީ ގިނައިން ޤުރުޢާން ކިޔަވާ ނަމާދު ކުރުމުން ލުއި ލިބޭނެކަމެވެ. ނަމަވެސް އެންޒައިޓީ އެޓޭކް ޖެހޭ ވަގުތަކީ މީހާގެ ވިސްނުން ކޮންޓްރޯލް ކުރެވޭނެ ވަގުތެއް ނޫނެވެ. އޭނާގެ ސިކުނޑީގެ "އިމޯޝަން ސެންޓަރ" އެވަގުތު ހަމަ ބުއްދިއަށް ވުރެ ބާރު ގަދައެވެ. ގިނަ ނަފްސާނީ ބަލިތަކުގައި ވާގޮތަކީ މިއީއެވެ.  

ނަމާދުކޮށް ޤުރްއާން ކިޔެވުމަކީ ހަމަގައިމުވެސް ކޮންމެ މުސްލިމެއްގެ ސިކުނޑިއަށާއި ހިތަށް ދެވޭނެ އެންމެ މޮޅު ފަރުވާއެވެ. އަޅުގަނޑުމެން އެކަކު އަނެކަކަށް މިކަންކަން ގިނަ ގިނައިން ކުރުމަށް ބާރުއެޅުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ބައްޔެއްގެ ސަބަބުން ބުއްދީގައި އުނިކަމެއް ހުންނަ މީހެއްގެ ފަރާތުން މިކަންކަމަށް އެދުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އިސްލާމް ދީނުގައި ބުއްދި ސަލާމަތުން ނުހުންނަ މީހަކަށް އަޅުކަމުގައިވެސް ލުއި ތަކެއް ދެއްވައިފައިވެއެވެ. ރަނގަޅަށް ހުންނަ ވަގުތުތަކުގައި ދުޢާކޮށް ނަމާދުކުރުން މަތީ ދެމިތިބެންވީއެވެ. ދުޢާއަކީ ހަމަގައިމުވެސް މުސްލިމެއްގެ އެންމެ ބާރުގަދަ ހަތިޔާރެވެ. ހަމައެކަނި ދުޢާގެ ބާރުން ބައްޔެއް ރަނގަޅު ވުމަކީ ވެސް ދުރު ކަމެއް ނޫނެވެ. ނަމަވެސް ބައްޔަށް ފަރުވާ ހޯދުން ވަރަށް މުހިންމެވެ. 

އަޅުގަނޑުމެން މުސްލިމުންނަކީ ޣައިބު ގައިވާ އެތަށް ކަމެއް ގަބޫލުކުރަންޖެހޭ ބަޔަކީމެވެ. އެހެންކަމުން ޖިންނި ޝައިތާނުން ވާކަމާއި އެތަކެއްޗަށް އިންސާނާގެ ސިކުނޑިއަށް ބާރު ފޯރުވޭނެ ކަންވެސް ގަބޫލު ކުރަންޖެހެއެވެ. ނަފްސާނީ ބަލިތަކުގެ ތެރެއިން ސްކިޓްޒފްރޭނިޔާ ފަދަ ބަލިތަކުން، ޖިންނީގެ އުނދަގުލާއި އެއްގޮތް އަލާމާތްތަކެއް ފެނިގެން ހިނގައިދާނެއެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން ޖިންނީންގެ ސަބަބުން ދިމާވެފައިވާ ކަމެއްކަން ޔަގީންކޮށް އެޔަށް އޮންނަ ފަރުވާ ދޭން ވާނެއެވެ. 

ނަމަވެސް މައްސަލައަކަށް ވެގެން ދަނީ ބައެއް މީހުން އެއީ ނަފްސާނީ ބައްޔަކަށްވުމުގެ ފުރުސަތު ބަލައި ނުގަންނަ ހިސާބުންނެވެ. މިފަދަ މީހުން މަސައްކަތް ކުރަނީ ރުޤްޔާ ނުވަތަ ފަންޑިތައިގެ ޒަރިއްޔާއިން ފަރުވާ ކުރުމަށެވެ. އަދި މީގެ ސަބަބުން އަސްލު ނަފްސާނީ ބައްޔެއް ޖެހިފައިވާ ފަރާތަކަށް ހައްލެއް ނުލިބި އެކަތެއް ވަގުތު، ލާރި އަދި އުއްމީދު ގެއްލިގެން ދެއެވެ. ހީވެފައި އޮންނަނީ ނަފްސާނީ ބަލިތައް ޖެހިފައިވާ މީހުންނަކީ ބަލިކަށި ބައެއްގެ ގޮތުގައެވެ.

 

ނަފްސާނީ ބަލިތައް މެދުވެރިވާން ސަބަބެއް އޮންނަން ޖެހޭކަމަށް ހީވެފައި އޮތުން

އޭނާއަކީ މުއްސަނދި ގެދޮރު ހުންނަ މޮޅު ކުއްޖެކެވެ. ދެން ޑިޕްރެޝަން ޖެހެންވީ ކީއްވެ؟ 

އޭނާއަކީ ލޯބިވާ އާއިލާއެއް އޮންނަ މީހެކެވެ. މަސްތުވާ ތަކެތި ބޭނުން ކުރަނީ ކީއްވެ؟

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ނަފްސާނީ ބައްޔެއް ޖެހެނީ  ކޮންމެވެސްހާދިސާއަކާއި ގުޅިގެން ކަމަށެވެ. މިދާއިރާއަކީ ދިރާސާތަކުގައިވެސް ޚިޔާލު ތަފާތުވުންތަކެއް ހުންނަ ދާއިރާއެކެވެ. ސައިކޯތެރަޕިސްޓުންނާއި ކައުންސިލަރުން ވަރަށް ގިނަފަހަރަށް ބަލި މެދުވެރިވާން ދިމާވި ސަބަބު ހޯދުމަށް ވަރަށް މަސައްކަތްކުރާތަން ފެނެއެވެ. ސަބަބު ހޯދަން ކުރާ މަސައްކަތުގެ ތެރެއިން އެމީހާގެ ގާތް ބައެއް މީހުންނާ މެދު ނަފްރަތު އުފެދޭ ގޮތް ވެއެވެ. އެމީހަކަށް އެބަލި ޖެހެން ދިމާވި ސަބަބެއް ގޮތުގައި އެމީހުން ދެކެވުމުންނެވެ. މީގެ ސަބަބުން ވަރަށް ގިނަފަހަރަށް ބަލި މީހުންނަށް ފައިދާއަށް ވުރެ ބޮޑަށް އިތުރު ގެއްލުން ލިބެން މެދުވެރިވެއެވެ.  

 

ނަފްސާނީ ބަލިތައް ޖެހެނީ މީހެއްގެ އަމަލުތައް ހުންނަ ގޮތުންނޭ ހީވެފައި އޮތުން / ނަފްސާނީ ބަލިތައް ޖެހުމުގައި އަމިއްލަ އިޚްތިޔާރު އޮންނަ ކަމަށް ގަބޫލުކުރެވުން

ނަފްސާނީ ބަލިތަކުގެ ތެރެއިން އާދަޔާ ޚިލާފު ކެއުމުގެ ބަލި ނުވަތަ "އީޓިން ޑިސޯޑާރސް" އަދި މަސްތުވާ ތަކެއްޗަށް ދެވި ހިފުން ފަދަ ބަލިތަކަކީ އެމީހުން އަމިއްލަޔަށް ބެދޭ މަޅިއެކޭ ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. މިސާލަކަށް ދަންނަވަނީނަމަ، ރީހެބުން އަނބުރާ އަންނަ މީހާ އަލުން މަސްތުވާ ތަކެތި ބޭނުން ކުރަން ފަށާ، ކުރިން އެއްކޮށް އުޅުނު ނުބައި ރައްޓެހިންނާ އެކީ އުޅެން ފެށުމުން މުޖުތަމައު ދެކެނީ އެއީ އޭނާ ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައެވެ. 

ނަމަވެސް ހަޤީގަތަކީ މަސްތުވާ ތަކެއްޗަށް ދެވިހިފުމަކީ ތިބާއަށް އިހުސާސް ނުކުރެވޭ ފަދަ ބާރެކެވެ. ސިކުނޑި ހަމަޖައްސާލާ އުފާވެރިކަން އިހުސާސް ކުރުމުގެ ގޮތުން އަލުން ބޭނުން ކުރަން ފެށެނީ އެއާ ނުލާ ސިކުނޑީގެ މަސައްކަތްތަށް އުނިވީމައެވެ. މަސްތުވާ ތަކެތި ބޭނުން ކުރަން އަލުން ފަށާ ގިނަ މީހުންނަށް އޭނާގެ އަމަލުތައް ކޮންޓްރޯލްއެއް ނުކުރެވެއެވެ. އެއީ އެމީހަކަށް ލިބިފައިވާ ފަރުވާ ފުރިހަމަ ނުވުމުންނެވެ. 

ހަމަގައިމުވެސް މަސްތުވާ ތަކެތިން ސަލާމަތްވުމަށްޓަކައި ފަށާ މަސައްކަތުގެ ބޮޑުބައި ހާސިލް ވަނީ ރީހެބްގައާއި ތެރަޕީގައެވެ. ނަމަވެސް މުޅިން ސަލާމަތްވެވޭނީ އާއިލާއާއި، ރައްޓެހިންނާއި، މުޖުތަމައުގެ ލޯތްބާއި އެއްބާރުލުން ލިބިގެންނެވެ. އެމީހަކީ އަމިއްލަ އިޚްތިޔާރުގައި ބަލިވާ މީހެއްކަމަށް ގަބޫލުކުރެވޭނަމަ އަޅުގަނޑުމެނަށް އެމީހަކަށް އެހީއެއް ނުވެވޭނެއެވެ. 

 

އަޅާނުލާ ހުރުމަކީ ފަސޭހަ ކަމެއްކަމުގައި ވުން

ނަފްސާނީ ބަލިތައް ޖެހިފައިވާ މީހުން ދެކެވިފައިވަނީ ބޯ ހަރު ބަސް ގަބޫލު ނުކުރާ ބައެއްގެ ގޮތުގައެވެ. އެމީހުންނާއި ދިމާލަށް ބުނެވޭ އެއްޗަކާއި މެދު އަޅުގަނޑުމެން ސަމާލުވާން ޖެހެއެވެ. ސަބަބަކީ ބުނެވޭ އެއްޗަކުން އެމީހުންނަށް ނޭދެވޭ އަސަރެއް ކޮށްފާނެތީއެވެ. 

ގިނަފަހަރަށް ދޭ ނަސޭހަތުގައި ނުހިފާނެއެވެ. މިހެން ވުމުން އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ އެމީހަކާއި ދުރުވެ އެކަހެރިކޮށްލުމެވެ. މީގެ ނަތީޖާއަކަށް ވެގެން ދަނީ ނަފްސާނީ ބަލިތައް ތަޙައްމަލު ކުރާ ފަރާތްތައް ގާތްތިމާގެ މީހުންނާއި ރައްޓެހިން ކައިރީ ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް އިލްޒާމް އެޅުވުމެވެ. އަމިއްލަ ނަފްސަށް އިލްޒާމް އެޅުވުމަކީ އޭގެން އަރައިގަންނަން އެންމެ އުނދަގޫ އެއް ކަމެވެ. އަދި ނަފްސާނީ ބަލީގެ ފަރުވާއަށް އެޅޭ އެންމެ ބޮޑު ހުރަހެވެ. 

 

ސައިންސްގެ ރޮނގުން ހޯދިފައިވާ މައުލޫމާތުތައް ނޭންގުން 

ގިނަބަޔަކަށް ހީވެފައި އޮންނަނީ ނަފްސާނީ ބަލިތަކަކީ މީހެއްގެ ފަރާތުން ފެންނަ ޖަޒުބާތުތައް އިތުރުވެ ބޮޑުވުން ކަމުގައެވެ. ނަމަވެސް ހަޤީޤަތަކީ ނަފްސާނީ ބަލިތަކުގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ގެއްލުންތަކެއް ވާކަމެވެ.

ނަފްސާނީ ބަލިތަކަކީ ސިކުނޑީގެ ބައްޔެއްކަން ގިނަބަޔަކަށް ގަބޫލު ނުކުރެވޭ މައިގަނޑު އެއް ސަބަބަކީ ނަފްސާނީ ބަލިތަކުގެ އަލާމާތް ތަކަކީ އާންމު ދިރިއުޅުމުގައި އެންމެންވެސް ކުރިމަތިލާ އިހުސާސްތަކެވެ. ނަމަވެސް ބަލީގެ ސަބަބުން އެ އިހުސާސްތައް އާންމު މީހަކަށް ވުރެ ބޮޑަށް ބަލި ހުންނަ މީހުންނަށް އިހުސާސް ކުރެވެއެވެ.  

މިސާލަކަށް، މީހެއްގެ މެޔަށް ތަދުވާން ފެށުމުން އަޅުގަނޑުމެން އެންމެންނަށްވެސް ވިސްނެނީ އޭނާގެ ސިއްހީ މައްސަލައެއް އުޅޭ ކަމަށެވެ. ނަމަވެސް ނަފްސާނީ ބައްޔެއް ހުންނަ މީހާ އަލާމާތެއް ފާޅުކުރުމުން އަޅުގަނޑުމެންނަށް ބަލައިގަނެވެނީ އެއީ "އާޓު" ދެއްކުން ކަމުގައެވެ. ސަބަބަކީ އަޅުގަނޑުމެން އެންމެންވެސް ކޮންމެ ދުވަހަކު ދެރަވެ، ހާސްވެ، ވަރުބަލި ވާތީވެއެވެ. އެމީހަކަށް އެ އިހުސާސްތައް އިތުރަށް ކުރެވޭކަމީ އަޅުގަނޑުމެނަށް ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ އެމީހަކު އަރާމުކޮށްލާ، މަޖާކޮށްލާ، ނަމާދުކުރުމުން އެކަމެއް ވަގުތުން ރަނގަޅު ވާނެކަމަށެވެ. 

އެހެންނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަންވީ ކަމަކީ އިންސާނާގެ ސިކުނޑިއަކީ އެހެންވެސް ގުނަވަންތަކާއި އެއްފަދަ ގުނަވަނެއް ކަމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނަފްސާނީ ބަލިތަކުގެ ސަބަބުން ސިކުނޑިއަށް އަންނަ ބަދަލުތައް އެނގުމުން، ބަލިމީހާ އާއި  މެދު ދެކެވޭ ގޯސް ގޮތް ވަރަށް ބޮޑަށް ބަދަލުވެއެވެ. 

ނަމަވެސް މިގޮތަށް ވިސްނުމުންވެސް އޭގެން ނޭދެވޭ އަސަރުތައް ފާޅުވެއެވެ. އަޅުގަނޑުމެންނަށް ދެން ހީވަނީ ނަފްސާނީ ބަލިތައް ޖެހިފައިވާ ފަރާތްތައް އެކަމުން އަރައިގަތުމުގެ ފުރުސަތެއް ނެތް ކަމުގައެވެ. ސަބަބަކީ އެއީ އެމީހުންގެ ސިކުނޑީގެ އުނިކަމެއްގޮތަށް ބެލެވުމެވެ. އަދި ބައެއް މީހުންނަށް ހީވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެހެން ބަލިތަކަށް ފަރުވާ ކުރާ ފަދައިން ބޭސް ބޭނުންކުރުން ނުވަތަ އޮޕަރޭޝަނެއް ނުވަތަ ސަރޖަރީއެއް ހަދާލުން ކަމުގައެވެ.

މިފަދައިން މީހުންނަށް ވިސްނެނީ ސިކުނޑިއަކީ ކިހާ އަޖައިބުވަނިވި ގުނަވަނެއްކަން ނޭންގޭތީއެވެ. ސައިކޯތެރަޕީ އަދި ކައުންސިލިން ފަދަ ވާހަކަ ދައްކައިގެން ދެވޭ ފަރުވާ ތަކަކީ ހަމައެކަނި ބަލިމީހާގެ އިހުސާސްތައް ބޭރުކޮށްލާ ކަމެއް ނޫނެވެ. ތެރަޕީގެ ސަބަބުން ސިކުނޑީގެ ސެލްތައް އެމުނިފައިވާ ގޮތް ބަދަލުވެ ވިސްނުމުގައި ހުރި ނޭދެވޭ އާދަތަށް ބަދަލުކޮށްދެއެވެ. މިއީ ބޭހަށް ވުރެ މާ ދެމެހެއްޓެނިވި ފަރުވާއެކެވެ. 

 

ނަފްސާނީ ބަލިތަކަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކުން

އަހަރެންގެ ފިރިމީހާ އާއި މިއަދު ޒުވާބު ކުރިން، އަހަރެން މިހިރީ ވަރަށް ޑިޕްރެސް ވެފަ!

އޭނާ ހެދުންތައް ކަބަޑުތެރޭ ބަހައްޓަނީ ވަރަށް ތަރުތީބުކޮށް، ވަރަށް އޯސީޑީ ދޯ! 

އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް މިފަދަ ބަސްތައް ރައްދުކުރެވެއެވެ. މިގޮތަށް މި ބަލިތަކުގެ ނަން ބޭނުން ކުރެވުމުގެ ނަތީޖާއަކަށް ވަނީ މިބަލިތައް އަސްލަށް ތަޙައްމަލު ކުރާ ފަރާތްތަކާއި ދޭތެރޭ ދެކޭ ގޮތްވެސް ތަފާތުވުމެވެ. އަދި މިފަދަ ފަރާތްތައް އެމީހުންނަށް ޖެހިފައިވާ ބަލިތަކުގެ ވާހަކަ އެހެން މީހުންގާތު ދައްކާ ފަރުވާ ހޯދަން ޖެހިލުންވާން ފެށުމެވެ. 

މިބަލިތަކަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ބެލެވޭ ކަމުގެ އެއް ހެއްކަކީ މިދިޔަ ހުރިހާ އަހަރުތަކުގައި ސަރުކާރުން އާސަންދައިގެ ދަށުން ސައިކޯތެރަޕީ، ކައުންސެލިން އަދި މިކަމާއި ބެހޭ ޓެސްޓުތައް ހިމަނައިފައި ނުވުމެވެ. މިބަލިތަކަކަކީ ގާތްގަނޑަކަށް އެންމެނަށްވެސް ރޯގާއެއް ފަދައިން ދުވަސް ދުވަސް ކޮޅުން ޖެހި، ރަނގަޅުވާ އާދައިގެ ބަލިތަކެއް ކަމުގައި  ބެލެވިފައި އޮތީކަމަށް ވެދާނެއެވެ. 

ނަމަވެސް އުފާވެރި ޚަބަރަކީ މިއައި އާ ސަރުކާރުން އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ތައާރަފް ކުރާނެ ކަމަށް ވައުދުވެފައި އޮތުމެވެ. މިކަންތައް ކާމިޔާބު ކުރެވިއްޖެނަމަ އެވާނީ އެތަކެއް ބަޔެއްގެ ހަޔާތް ރަނގަޅު ގޮތަކަށް ބަދަލުކޮށްލާ ކަމެއްގެ ގޮތުގައެވެ.

މިލިއުން ބަލާ ފާސް ކުރެއްވީ އައިޝަތު ހަޒްމާ، MSc Coaching Psychology.

 

މައުލޫމާތު ނެގިފައިވަނީ:

Gunson, D., Nuttall, L., Akhtar, S., Khan, A., Avian, G., Thomas, L (2019). UWS-Oxfam Partnership. Retrieved from: https://mwrc.org.uk/wp-content/uploads/2019/01/Spiritual-Beliefs-and-Mental-Health.pdf

Huggett, C.,Brtel, M.D., Awenat, Y.F., Fleming, P., Wilkes, S., Williams, S., & Haddock, G. (2019). A qualitative study: experiences of stigma by people with mental health problems. Psychology and Psychotherapy, 91(3), 380-397. 

 Lebowitz, M.S. (2019). The Implications of Genetic and Other Biological Explanations for Thinking about Mental Disorders. Looking for the Psychosocial Impacts of Genomic Information, special report, Hastings Center. Report 49, 3, 82-87. DOI: 10.1002/hast.1020

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (1)
User image
ޢައިޝާ
03/10/2019 15:12
ވަރަށް ރަނގަޅު ލިޔުމެއް މިކަހަލަ ލިޔުން ތައް ގިނަވި ވަރަކަށް މުޖަތަމައު ހޭލުންތެރި ވާނީ މިކަމަށް
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ