ޑެންގީ ހުމުގެ ބިރުން ސަލާމަތްވުން
މިހާރަކަށްއައިސް ޑެންގީ ހުން ފެތުރޭލެއް ގިނަވަމުންދާކަން ދުނިޔޭގެ އެކި ހިސާބުތަކުން ދައްކައިދެއެވެ. މީގެތެރެއިން ޑެންގީ ހުމުގެ އަސަރު އެންމެ ބޮޑަށް ކޮއްފައިވަނީ ސެންޓްރަލް އެމެރިކާގެ ޓްރޮޕިކަލް އަދި ސަބް ޓްރޮޕިކަލް ހިސާބުތަކާއި ދެކުނު އެމެރިކާ، އޭޝިޔާ އަދި އޯޝިޔާނާގެ ހިސާބުތަކަށެވެ. މިގޮތުން އިންޑިޔާ، ސްރީލަންކާ، ބަންގްލަޑެޝް، ވިއެޓްނާމް އަދި ފިލިޕީންސް ހިމެނޭ 14 ގައުމެއްގައި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އޭޝިޔާ ޕެސިފިކް އިން މިހާރުވެސް ދަނީ ޑެންގީ ހުމުގެ އަސްރު ކޮއްފައިވާ ހިސާބުތަކުން ޑެންގީ ހުން ނައްތައިލުމަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި މިއަހަރު ޑެންގީ ހުމުގެ މައްސަލަތައް ފިލިޕީންސްގައި 200،000 އަށް އިތުރުވެފައިވާއިރު ބަންގްލަޑެޝްގައި 64،000 އަށް އަދި ސްރީލަންކާގައި 40،100 އަށް ޑެންގީ ހުމުގެ މައްސަލަތައް އިތުރުވެފައިވެއެވެ.
ދިވެހި ރާއްޖެއަށް ބަލާއިރުވެސް މިއަހަރުގެ ޑެންގީ ހުމުގެ މައްސަލަތައް އިތުރުވެފައި ވާކަމަށް ރިޕޯޓްތަކުން ދައްކައިދެއެވެ. އެޗް.ޕީ.އޭ އިން 6 އޮގަސްޓު 2019 ގައި ނެރެފައިވާ ހަފްތާގެ ޑެންގީ ރިޕޯޓުން ދައްކައިދޭ ގޮތުން ރާއްޖޭގައި މިއަހަރުގެ ޑެންގީ ހުމުގެ މައްސަލަތަކުގެ އަދަދު 3310 އަށް އިތުރުވެފައި ވެއެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރުގެ މިދުވަސްވަރާ އަޅާބަލާ އިރު މި އަހަރުގެ މި ދުވަސްވަރުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު ގިނަކަމަށް އެޗް.ޕީ.އޭ އިން އަންގައިފައިވެއެވެ. އަދި ޖޫން މަހާއި އަޅަ ބަލާއިރު ޖުލައިމަހުގެ ރިޕޯޓުކޮށްފައިވާ އަދަދު ގިނަކަމަށް ފާހަގަ ކޮއްފައިވެއެވެ. މިރިޕޯޓުން ދައްކައިދޭ ގޮތުގައި ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮއްފައިވަނީ ހދ އަތޮޅު، ދ އަތޮޅު، ލ އަތޮޅު، އަދި މާލެ އާއި ހުޅުމާލެއިންނެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ވައިރަލް ބައްޔެކެވެ. ޑެންގީ ފެތުރެނީ ޑެންގީ ވައިރަސް އިން އިންފެކްޓްވެފައިވާ އަންހެން މަދިރިއެއް އިންސާނެއްގެ ގައިގާ ހަފާލުމުންނެވެ. އެއިޑިސް އެޖީޕްޓި އަދި އެއިޑިސް އެލްބޮޕިކްޓަސް ގެ އަންހެން ވައްތަރަކީ ޑެންގީ ހުން ފަތުރާ އެންމެ މައިގަނޑު ދެ މަދިރީގެ ވައްތަރުތަކެވެ. އެއިޑިސް މަދިރީގެ ގައިގާ ކަޅު އަދި ހުދުކުލައިގެ ރޮނގުތަކެއް ހުރުމުން އެމަދިރި ދެނެގަންނަން ފަސޭހަވެއެވެ. އެ މަދިރި ގިނައިން ދިރިއުޅޭނީ ނުވަތަ އުފެދޭނީ ހޫނުކަން އަދި ތެތް ފިނިކަން ގަދަ ތަންތާގައެވެ. ގިނައިން ބިސް އަޅާނީ ތަންތާ އެކުވެފައިވާ މުގުޑި ހުންނަ ސާފު ފެންގަނޑުގައެވެ. މި މަދިރި ގަނައިން ފީޑްކުރާ ނުވަތަ ހަފާ ގަޑި އަކީ ހެނދުނުން ފެށިގެން ރޭގަނޑަށެވެ. އަދި ރޭގަނޑުގައި ގަދަ އަލި ހުންނަ ތަންތާގައެވެ. އެއިޑިސް މަދިރި އަކީ ޗިކުންގުންޔާ، ޔެލޯފީވާ އާއި ޒިކާ ބަލި ވެސް ފަތުރާ މަދިރީގެ ބާވަތެވެ.
ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ކަމަށް މިހާތަނަށް ފެނިފައިވަނީ ފްލޭވި ވައިރަސް އާއިލާއަށް ނިސްބަތްވާ ހަތަރު ވައިރަހެވެ. އެއީ ޑީ.އީ.އެން.ވީ 1، 2، 3، 4 މިއެވެ. މި ވައިރަސްގެ ބާވަތުން އެއް ބާވަތެއް ޖެހި ޑެންގީ ހުމުން ސަލާމަތްވި ނަމަވެސް ވައިރަހުގެ އެހެން ބާވަތަކުން ރައްކާތެރިކޮށެއް ނުދެއެވެ. އެއްފަހަރާ ދެ ބާވަތެއްގެ ވައިރަސް ޖެހިއްޖެނަމަ ޑެންގީ ހުން ގަދަވުން ނުވަތަ ސެވިއަރ ޑެންގީ ހުމަށް ބަދަލުވުމުގެ ބިރު އެކަށީގެންވެއެވެ. ސެވިއަރ ޑެންގީ އަކީ ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރެވެ. މީގައިހިމެނެނި ޑެންގީ ހެމޮރޭޖިކް ހުން އަދި ޑެންގީ ޝޮކް ސިންޑްރޯމެވެ. މަދުންނަމަވެސް އެއީ ބޮޑެތި މީހުންނާއި ކުޑަ ކުދިންނަށް ޖެހޭ ބައްޔެކެވެ. ބައެއް އޭޝިޔާ އަދި ލެޓިން އެމެރިކާ ގައުމުތަކުގައި ސެވިއަރ ޑެންގީ ހުމަކީ ސީރިއަސް ބަލިތަކަށާއި ކުޑަކުދިން މަރުވުމުގެ އެންމެ ބޮޑު ސަބަބު ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ބުނެފައިވެއެވެ.
ޑެންގީ ހުން ޖެހުނު ކަމަށް ދައްކައިދޭ ނިޝާންތަކަށް ބަލައިލާ އިރު، ހުން 40 ޑިގުރީ ސެލްސިއަސް އަށް އެރުމާއިއެކު އަދި ގަދައަށް ބޮލުގަ ރިއްސުން، ލޮލަށް ތަދުވުން، ގައިގެ ހުޅުތަކުގައި އަދި މަސްތަކުގައި ރިއްސުން، ހޮޑުލެވޭގޮތްވުން ނުވަތަ ހޮޑުލުން އަދި ގްލޭންޑް ދުޅަވުން އަދި ރޭޝް އުފެދޭކަން ފާހަގަވާނަމަ ޑޮކްޓަރުގެ އެހީއަށް އެދޭށެވެ. މިކަންތައްތައް ފާޅުވާނީ މަދިރި ހެފިތާ 4-10 ދުވަސް ފަހުންނެވެ. އަދި ހުންނާނީ 2-7 ދުވަސްވަންދެންނެވެ.
ޑެންގީ ހެމޮރޭޖިކް ހުން އެއީ ގިނައިން ލޭނާރުތަކަށް ލޭވަދެ، ލޭގެ އޮލަމިން ގަދަވެ، އާދައިގެ ނޫންގޮތަކަށް ލޭއުފައްދަން މެދުވެރިވާ ބައްޔެކެވެ. ޑެންގީ ހުމުން ޑެންގީ ހެމޮރޭޖިކް ހުމަށް ބަދަލުވާނަމަ މީހާގެ ގައި ހިރުވާ ގޮތްވެފައި، ނިދަން އުނދަގޫވެފައި، ގިނައިން ދާހިއްލާނެއެވެ. ޑެންގީ ޝޮކް ސިންޑްރޯމް އަކީ ލޭގެ އޮލަމިން ގަދަވެގެން ލޭނާރު ފަޅައިގެން ދިއުމުން ބޭރުފުށުން ހަމުގައި ލޭތިކި ފެންނަން ހުރުން ނުވަތަ ހަމުގެ އަޑީގައި ލޭގެ ބޮޑު ޕެޗުތަށް ފެންނަންހުރުމެވެ.
ޑެންގީ ހުމަށް ޚާއްސަ ބޭހެއް ނެތުމުން ޑެންގީ ހުމަށް ފަރުވާ ދެނީ މި ނިޝާންތައް ނައްތައިލުމަށެވެ. އެހެންކަމުން ނިޝާންތައް ފެނުނުހާ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމުކަމެކެވެ.
ޑެންގީގެ ވެކްސިން، ސީވައިޑީ – ޓީޑީވީ އަކީ ހަމައެކަނި ކުރިން ޑެންގީ ޖެހިގެން ސަލާމަތްވެފައިވާ މީހުންނަށް ރަނގަޅަށް މަސައްކަތް ކުރާ ވެކްސިނެކެވެ. މިހެން ކަމުން ވެކްސިން ދޭން ބޭނުންނަމަ ވެކްސިން ދިނުމުގެ ކުރިން އެ ގައުމެއްގެ ގާބިލުކަމަށް ބަލައި ޕްރީ ވެކްސިނޭޝަން ސްކްރީނިން ޓެސްޓެއް ހެދުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން އިލްތިމާސް ކުރައްވާފައިވެއެވެ. މީގެ ސަބަބުން ހަމައެކަނި ކުރިން ޑެންގީ ޖެހިފައިވާ މީހުންނަށް ވެކްސިން ދިނުމަށް މަގުފަހިވެގެން ދެއެވެ.
ޑެންގީ ހުން ނައްތައިލުމަށް އެންމެ ރަނގަޅު ގޮތަކީ ޑެންގީ ފެތުރޭ މަދިރި އާލާ ނުވާނޭގޮތް މެދުވެރި ކުރިމެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ތިރީގައި މިވަނީ އެކަންކުރެވިދާނެ ބައެއް ގޮތްތަކެވެ.
- ފެންއުފެދޭނު ތަކެތި ބަންޑުން ޖެހުން ނުވަތަ އޭގައި މަތިގަނޑެއް ޖެހުން ނުވަތަ ނިވާ ކުރުން
- ފެންތާނގީ ތަކުގައި ބާރުކޮއް މަތިޖެހުން
- ކޮންމެ ހަފްތާއަކު އެއްފަހަރު ފެން އެފެދޭ ތަންތަން ސާފު ކުރުން
- ފުރާޅުގައި ފެން އުފެދޭ ތަންތަން ސާފުކުރުން
- ގައިގައި ބޭނުން ކުރާ މަދިރި ބޭސް އުނގުޅުން
- އަލިމަޑު ކުލައިގެ ފޭރާން ހުންނަ އަތް ދިގު ހެދުން ލުން
- ގޭތެރޭގައި ގޭތެރޭގެ މަދިރި ސްޕްރޭ ނުވަތަ ބޭސް ބޭނުންކުރުން
- ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުން
- ފެން އުފެދިދާނެ ޕްލާސްޓިކް ތަކެތި ނަގައި ރީސައިކަލް ކުރުން
- އެހެން ބޭފުޅުންނަށް މިކަންކަމުގެ މައުލޫމާތު ފޯރުކުރުން
މިލިއުން ބަލާ ފާސް ކުރީ ޑރ. އަހުމަދު ފައިސަލް (ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރ)
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)