މުޙައްމަދު ޖަޒީލް އާއެކު އިންސްޕެކްޝަނެއް (ލެބޯޓަރީ ސައިންޓިސްޓް)
ލެބޯޓަރީ ސައިންޓިސްޓްއަކަށް ވުމަށް މިއަދާ ހަމައަށް ކުރެއްވި ތަޖުރިބާތަކަކީ ކޮބައިތޯ؟
އަޅުގަނޑަކަށް ކުރިއަކުން ލެބޯޓަރީ އެއްގައި މަސައްކަތް ކުރުމަކީ ކޮބައިކަމެއް ނޭނގެއެވެ. އޭ ލެވެލް ގައި "މައިކްރޯ ބައެލޮޖީ" އަދި "ކެމިސްޓްރީ" މާއްދާ ކިޔަވަން ފެށި ހިސާބުން މިދާއިރާއަށް ޝައުގުވެރި ވިއެވެ. ނަމަވެސް މިދާއިރާއިން ކުރިއަށްދާނެ ގޮތާއި ތައުލީމު ހާސިލް ކުރާނެ ގޮތެއް އެއިރަކު ނޭނގެއެވެ.
އަޅުގަނޑާއި އައްޑޫއިން ދިމާވީ އައްޑޫގައި ނަރސިން ކިޔަވާ ދަރިވަރުންތަކަކާއެވެ. އެކުދިންނާ ލެބޯޓަރީއެއްގައި މަސައްކަތް ކުރުމާއި ބެހޭގޮތުން އަޅުގަނޑު ވަރަށް ސުވާލު ކުރީމެވެ. އައްޑޫގައި ތައުލީމު ހާސިލް ކުރާ ކުދިންނަށް ވުމުން މާލޭގައި މިދާއިރާއިން ކިޔެވޭ ކަމެއް އެކުދިންނަކަށް ވެސް ނޭނގުނެވެ. އެހެންކަމުން އޭރު އަޅުގަނޑަށް މިކަމާ ބެހޭގޮތުން މައުލޫމާތު ނުލިބުމުން އިތުރަށް ހޯދާކަށްވެސް ނޫޅެމެވެ.
އޭ ލެވަލް ކިޔަވާ ނިންމައިފައި އަޅުގަނޑު ދިޔައީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިންޖިނިއަރިން އޮފީހުގެ ވަޒީފާއަކަށެވެ. އޭރުވެސް މަތީ ތައުލީމު ހާސިލް ކުރަން ކިޔަވާނެ ދާއިރާއަކަށް ވިސްނިފަކާއެއް ނުވެއެވެ. އަޅުގަނޑު ރަށުގައި ހުއްޓާ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން އިއުލާން ކުރި ކޯސްތަކެއް ފެނުނެވެ. އޭގެ ތެރެއިން އެޕްލައި ކުރަން ނިންމީ ޕްރައިމަރީ ހެލްތު ކެއަރ ކޯހަށެވެ.
ލެބޯޓަރީ ކޯހަކަށް އެޕްލައި ކުރަން ނިންމީ އަޅުގަނޑުގެ ކަޒިންއެއް 2.5 އަހަރުގެ ޑިޕްލޮމާ އިން މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖީ ކޯހާ ބެހޭ މައުލޫމާތު ފޮނުވިހިސާބުންނެވެ. އެއީ އެމް.އެން.ޔޫ ގެ ކޯހެކެވެ. އޭރު ރާއްޖޭގައި ލެބޯޓަރީ ޓެކްނޮލޮޖީގެ ދާއިރާއިން ބެޗަލަރސް ޑިގްރީއެއް ހެދެން ނެތުމުން މިކޯހަށްވެސް އެޕްލައި ކުރީމެވެ.
އެޕްލައި ކުރި ދެ ކޯހުންވެސް އަޅުގަނޑަށް ޖާގަ ލިބުނެވެ. މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖީ ކޯސް ޚިޔާރު ކުރި ހިސާބުން އަޅުގަނޑަށް ލެބޯޓަރީގެ ދާއިރާއަށް ވަދެވުނީ އެވެ.
ޑިޕްލޮމާ ނިމުމާއެކު އަޅުގަނޑު މަސައްކަތް ކުރަން ފެށީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއީ 2013 ވަނަ އަހަރުއެވެ. 3 މަސް މަސައްކަތް ކުރުމަށްފަހު ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުވީމެވެ. އެއަށްފަހު 2015 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގައި ލެބޯޓަރީ ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީމެވެ. އަދި ބެޗަލަރސް އިން މެޑިކަލް ލެބޯޓަރީ ސައިންސް ކޯސް ފުރިހަމަކުރީ އައި.ޖީ.އެމް.އެޗް ގައި މަސްއްކަތް ކުރަމުންނެވެ.
ލެބޯޓަރީ ސައިންޓިސްޓެއްގެ ގޮތުން އަދާ ކުރަންޖެހޭ ރޯލްއަކީ ކޮބައިތޯ؟
ލެބޯޓަރީ ތެރޭގައި އެކި ޑިޕާޓްމަންޓް އަދި ސެކްޝަންތައް ހުންނާނެއެވެ. މީގެ ތެރޭގައި މައިކްރޯ ބައޮލޮޖީ، ކްލިނިކަލް ޕެތޮލޮޖީ (މިސާލު: ޔޫރިން، ސްޓޫލް ޓެސްޓު)، ހިމަޓޮލޮޖީ (މިސާލު: ހީމަގްލޮބިން ޓެސްޓު)، ބަޔޯ ކެމިސްޓްރީ (މިސާލު: ސޯޑިއަމް، ޕޮޓޭސިއަމް ޓެސްޓު)، ސިރޮލޮޖީ، ބްލަޑް ބޭންކް އަދި ފްލެބޮޓޮމީ (ލޭ ނެގުން) ހިމެނެއެވެ.
މި ހުރިހާ ސެކްޝަން ތަކުގައި އަޅުގަނޑު މަސައްކަތް ކުރަމެވެ. މަސައްކަތް ބަހާލެވިފައިވާ އިންނާނީ ރޮޓޭޝަން-ވައިޒް ކޮށެވެ. ލެބޯޓަރީގައި މަސައްކަތް ކުރާ ސްޓާފުން މަދުވުމުން ހަފްތާ ތެރޭގައި ހުރިހާ ސެކްޝަނެއްގައިވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.
ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައި އިންނަ ވަގުތަކާއި ހަމަޔަށް ނަގާ ހުރިހާ ސާމްޕަލްތަކެއް ޕްރޮސެސް ކުރަން ޖެހެއެވެ. މިގޮތުން ހެނދުނު ޝިފްޓްގައި މަސައްކަތް ކުރާ ބޭފުޅުންގެ ޒިންމާއަކީ މެންދުރު 14:00 ޖެހުމާއި ހަމައަށް ނަގާ ހުރިހާ ސާމްޕަލްތަކެއް ޓެސްޓުކުރުމެވެ. މެންދުރު ޝިފްޓުގައި މަސައްކަތް ކުރާ ބޭފުޅުންގެ ޒިންމާއަކީ ރޭގަނޑު 23:00 ޖެހުމާއި ހަމައަށް ނަގާ ހުރިހާ ސާމްޕަލްތަކެއް ޓެސްޓުކުރުމެވެ. މި ޓެސްޓުތަކުގެ ރިޕޯޓުތައް ނިންމާ ދޫ ކުރުމުން ދުވަހުގެ މަސައްކަތް ނިމުނީއެވެ.
ލެބޯޓަރީ ޓެކްނިޝަން އަދި ލެބޯޓަރީ ސައިންޓިސްއެއްގެ ތަފާތުތަކަކީ ކޮބައިތޯ؟
ޓެކްނިޝަން އަދި ސައިންޓިސްޓްއަކީ ވެސް ދުނިޔޭގެ އެކިހިސާބުތަކުގައި މުޚާތަބު ކުރެވޭގޮތްތަކެވެ. ވެސްޓާރން ގައުމުތަކުގައި މުޚާތަބުކުރާނީ މެޑިކަލް ލެބޯޓަރީ ސައިންޓިސްޓުން ގޮތަށެވެ. މިއާ ޚިލާފަށް އޭޝިއާގައި މުޚާތަބު ކުރަނީ މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖިސްޓް / ޓެކްނީޝަން ގެ ގޮތުގައެވެ. ބޮޑަށް މިއޮންނަނީ ސިއްޙީ ދާއިރާގައި ލެބޯޓަރީގައި މަސައްކަތް ކުރާ ފަރާތްތައް ބަލައިގަންނަ މިންވަރެއްގެ މައްޗަށް ބިނާވެފައެވެ.
އަޅުގަނޑުމެން ކުރާ މަސައްކަތަކީ ސައިންސްއާ ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތެކެވެ. ކޮންމެ ދުވަހެއްވެސް ހޭދަވަނީ އެކްސްޕެރިމެންޓް ތަކާއި ޓެސްޓުތައް ހެދުމުގައެވެ.
ދިވެހިރާއްޖޭގައި އެންމެ އާންމު ބަލިތަކެއް ގޮތަށް ދެނަގަނެވިފައިވަނީ ކޮން ބަލިތަކެއްތޯ؟
އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި ދިވެހި އަންހެނުންގެ ހަށިގަނޑުން "އެނީމިކް" ނުވަތަ ރަތް ސެލް މަދުވުން ވަރަށް އާއްމެވެ. މީގެ ސަބަބުތަކަކީ އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެން ދިވެހީން ކެއުމުގެ އާދަކާދަ ގެންގުޅޭ ގޮތަކީ ސަބަބަކަށްވެސް ވެދާނެއެވެ.
އަދި މިއާއިއެކު ފާހަގަ ކޮށްލެވެނީ ވިޓަމިން-ޑީ ޑެފިޝަންސީ ވަރަށް އާއްމުކަމެވެ. އަދިމީގެ އިތުރުން ފާހަގަ ކުރެވެނީ ދިވެހީންގެ ތެރޭގައި ގައިން ގައަށް ނާރާ ބަލިތައް އާއްމު ވެފައިވާ މިންވަރެވެ.
ދިވެހިރާއްޖޭގެ ސިއްޙަތު ދާއިރާ ކުރިއެރުވުމަށްޓަކައި ޖަޒީލް ދެކެވަޑައިގަންނަވަނީ ކޮންގޮތްތަކެއްތޯ؟
އަޅުގަނޑު ދެކޭގޮތުގައި ހޮސްޕިޓަލް ތެރޭގައި އަޅުގަނޑުމެން ލެބޯޓަރީ ޓެކްނޮލޮޖިސްޓުންނާއި، ޑޮކްޓަރުންނާއި، ނަރުހުން، އެކްސްރޭ ޓެކްނިޝަނުން އަދި ފިޒިޔޯތެރަޕިސްޓުން އެކުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހެއެވެ.
އަޅުގަނޑަކަށް ހޮސްޕިޓަލް ތެރެއިން ޓީމް-ވޯކް އެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުން ކޮންމެވެސް ވަރަކަށް މިކަންތައް ފާހަގަ ކުރެވެއެވެ.
މިކަންތައް ރަނގަޅު ކުރެވޭނީ ކޮންމެވެސް އެއްބަޔަކު އިސްނަގައިގެންނެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނާއި އިތުރަށް ގުޅިގެން ބަލިމީހާއަށް ފަރުވާކުރެވޭނެ ގޮތްތަކެއް ހޯދަން އަޅުގަނޑުމެން އެބަޖެހެއެވެ. ޑޮކްޓަރުން ބަލިމީހުން ބަލަމުންދާ އިރު އަޅުގަނޑުމެން ޓެސްޓުތައް ހަދަނީއެވެ. އެޑްމިޓް ކޮށްފައި ތިބޭ ބަލިމިހުންގެ ސާމްޕަލްސް ނަގާނީ ނަރުހުންނެވެ. ނަރުހުން ބަލިމީހާ އަތުން ނަގާ ސާމްޕަލް އާއި އަޅުގަނޑުމެން ދޭ ޓެސްޓުގެ ނަތީޖާއާއި އޮންނަނީ ގުޅިފައެވެ. އަދި ބަލިމީހާއަށް ދޭން ޖެހޭ ފަރުވާ މިދެވެނީ ޓެސްޓުގެ ނަތީޖާއަށް ބަލާފައެވެ. އެހެންކަމުން އަޅުގަނޑުމެންނާއި ނަރުހުން އަދި ޑޮކްޓަރުން ގުޅިގެން މަސައްކަތް ކުރުމުން ބަލިމީހާއަށް ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ދެވޭނެއެވެ.
ލެބޯޓަރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ދަރިވަރަކަށް ދޭނެ ނަސޭހަތަކީ ކޮބައިތޯ؟
އަޅުގަނޑުމެންގެ ދާއިރާގައި ދިވެހީން، ޚާއްސަކޮށް ފިރިހެން ކުދިން ގިނަވާ ދުވަހަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެކެވެ. އަޅުގަނޑު ކިޔަވަން ފެށި އިރު އަޅުގަނޑުގެ ކުލާހުގައި 5 ފިރިހެން ކުދިން ބައިވެރި ވިއެވެ. ނަމަވެސް ކޯސް ނިމުނު އިރު ހުރީ އަޅުގަނޑު އެކަންޔެވެ.
މިކޯހަކީ އުނދަގޫ ކޯހެކެވެ. މިހާރު އެމް.އެން.ޔޫގައި ކިޔަވައިދޭ ކޯސްތަކަށް ބަލާ ކަމުގައި ވަނީނަމަ މެޑިސިން ކޯސް ނަގައިފައި އެންމެ އުނދަގޫ ކޯހަކަށް ވާނީ މެޑިކަލް ލެބޯޓަރީ ސައިންސް ކޯސް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އަޅުގަނޑުމެންނާއެކީ ކޯސް ފެށި ވަރަށް ގިނަކުދިން ކޯސް ހުޓާލުމަށް ފަހު ޓީޗިންގް، ނަރސިން އަދި ލޯ ވެސް ކިޔަވައިފިއެވެ.
ނަމަވެސް، މިއީ ކިހާ އިންޓެރެސްޓިންގް ކޯހެއް ކަމެއް ގިނަ ކުދިންނަކަށް ނޭނގެ އެވެ. ހޮސްޕިޓަލެއްގައިވެސް ލެބޯޓަރީ މިއިންނަނީ މީހުންނަށް ނުފެންނަ ހިސާބެއްގައެވެ. އެތަނުގައި ވާ ކަންތައްތަކެއް ނޭނގެ އެވެ. މިއީ ދަރިވަރުން މިދާއިރާއަށް ޝައުގުވެރި ނުވާ ސަބަބަކަށް ވެދާނެއެވެ.
އަޅުގަނޑުމެން ކޮލެޖުގައި އުޅުނު އިރު އޯޕަން ޑޭ އެއްވެސް ބޭވުނެވެ. އަދި މިހާރުވެސް އައި.ޖީ.އެމް.އެޗް ގައި ކޮއްމެ އަހަރަކު ސްކޫލުތަކުން ކުދިން ގެނެސްގެން ލެބޯޓަރީގައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް ދައްކާލެވެއެވެ. މީގެ އިތުރުން މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަޒީފާގެ އޮނިގަނޑެއް ވަރަށް އަވަހަށް ތަޢާރަފުކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. އެއާއި އެކު އެކަށީގެންވާ ރަނގަޅު މުސާރައެއްވެސް ލިބިގެންދާނެއެވެ.
ލެބޯޓަރީ ތެރޭގައި ވިސްނަންޖެހޭ ސަލާމަތީ ފިޔަވަޅުތަކަކީ ކޮބައިތޯ؟
ލެބޯޓަރީ ތެރޭގައި ސަލާމަތީ ފިޔަވަޅުތައް ނެގުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭކަމެކެވެ. އެގޮތުން އާންމު ގޮތެއްގައި ބޭނުން ކުރަނީ އަންގި އަދި ލެބް ކޯޓެވެ. މިހުރިހާ އެއްޗެއް ހޮސްޕިޓަލުގެ މެނޭޖްމަންޓްއިން އަޅުގަނޑުމެންނަށް ފޯރުކޮށްދެއެވެ.
އަޅުގަނޑުމެން ޔުނިވަރސިޓީގައި ކިޔަވާ އިރު ނަގަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރަށް ސާފުކޮށް ކިޔަވައިދެއެވެ. އެހެން ކަމުން މަސައްކަތުގެ މާހައުލަށް އަންނަ އިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކޮންމެވެސް މިންވަރަކަށް އެނގޭނެއެވެ.
ކޮންމެ ލެބޯޓަރީ އެއްގައި ސޭފްޓީ ޕޮލިސީ އާއި ގައިޑްލައިންތައް ހެދިފައި ހުންނަންޖެހޭނެއެވެ. ނަމަވެސް ލެބޯޓަރީގައި މަސައްކަތް ކުރާއިރު ވަރަށް ގިނައިރު ވަންދެން އިށީނދެގެން އިންނަން ޖެހުމުގެ ސަބަބުން ސިއްޙަތަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. އެހެންކަމުން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އަކީ ވަރަށް އަވަސް ހައްލެއް ބޭނުންވާ މައްސަލައެކެވެ.
މިދާއިރާގައި ޖަޒީލް އެންމެ ބަލައިގަންނަ ފަރާތްތަކަކީ ކޮބައިތޯ؟
އަޅުގަނޑުމެންނަށް ކިޔަވައިދިން ލެކްޗަރަރއިން ކުރެއްވި މަސައްކަތްތައް އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގަންނަމެވެ. ޚާއްސަކޮށް ދިވެހިރާއްޖޭގައި ލެބޯޓަރީ ސައިންސް ޑިގްރީއަށް ކިޔަވައި ދޭން ފެށިފައި މިވަނީ އެބޭފުޅުންގެ ވަރަށް ބުރަ މަސައްކަތުންނެވެ.
އޭގެ ތެރެއިން އަޅުގަނޑުގެ ލެކްޗަރަރ މަހާރަތުގެ ނަން ފާހަގަކޮއްލަން ބޭނުމެވެ. މިބޭފުޅާއަކީ އަޅުގަނޑު ކުރިއެރުމަށް ވަރަށް ބޮޑަށް އެހީތެރިވެ ދެއްވި ފަރާތެކެވެ.
ގިނަބަޔަކަށް ހީވެފައި އޮންނަނީ ލެބޯޓަރީއެއްގައި މެޝިނެއް ތެރެއަށް ސާމްޕަލް ލުމުން ނިމުނީ ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ ޓެސްޓުތައް ހަދާއިރު ބަލިމީހާއާއި ބެހޭ ހުރިހާ މައުލޫމާތެއް އެނގިގެން ނޫނީ ޓެސްޓު ނުހެދޭނެ ކަމެވެ. މިސާލަކަށް، ސާމްޕަލް ނެގޭ ގޮތަކުން ބަލިމީހާގެ ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަވަރު އިތުރު ކަމަށް ދައްކަފާނެއެވެ. އައި.ސީ.ޔޫގައި އޮންނަ ބަލިމީހާގެ ޕޮޓޭސިއަމް ހުންނަވަރު ނޯމަލް ކަމުގައި ވީނަމަވެސް މެޝިނުން ދައްކާވަރު އިތުރު ވެދާނެއެވެ. އަޅުގަނޑުމެން އިތުރަށް ނުބަލާ ދިރާސާނުކޮށް މެޝިނުން ދައްކާ އެއްޗެއް ރިޕޯޓަށް އަރުވައިފިއްޔާ ބަލިމީހާއަށް ނުބައި ބޭހެއް ދެވުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން މެޝިނުން އަންނަ ގޮތަކަށް އެއްވެސް ރިޕޯޓެއް އަޅުގަނޑުމެންނަކަށް ނުދެވޭނެއެވެ.
މިދެކެވުނު ވާހަކަތަކުގެ އިތުރުން ޙިއްސާކޮށްލައްވަން ބޭނުންވާ އެއްޗެއް އެބައޮތްތޯ؟
އަޅުގަނޑުގެ އުއްމީދަކީ ޑޮކްޓަރ.އެމްވީ އަދި އެހެނިހެން ފަރާތްތަކުންވެސް ލެބޯޓަރީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމެވެ. ގިނަ ކުދިންތަކެއް މިދާއިރާއަށް ޝައުގުވެރިކޮށްދިނުމެވެ.
އަދި އެމް.ބީ.ބީ.އެސް ކިޔަވާ ދަރިވަރުން ސްޕެޝަލައިޒްވާން ދާއިރާއެއް ޚިޔާރު ކުރައްވާއިރު ލެބޯޓަރީގެ ދާއިރާއިން ސްޕެޝަލައިޒްވާން ޚިޔާރުކުރައްވާށެވެ. މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައި.ޖީ.އެމް.އެޗް ގައި ހިމަޓޮލޮޖިސްޓް ކޮންސަލްޓަންޓްއެއް ނެތެވެ. ދިވެހި މައިކްރޯބަޔޮލޮޖިސްޓް ކޮންސަލްޓަންޓެއްވެސް ނުހުރެއެވެ. މީގެ އިތުރުން ޓްރާންސްފިއުޝަނަލް މެޑިސިންގައިވެސް ސްޕެޝަލިސްޓްއެއްވެސް ނެތެވެ.
ލެބޯޓަރީއެއްގައި އަޅުގަނޑުމެންނަށް އިރުޝާދު ދޭން ހުންނަ ބޭފުޅުން ވަރަށް މަދެވެ. މާސްޓަރސް ހަދާފައިވަނީ އެންމެ 3 ބޭފުޅުންނެވެ. ބޮޑު ލެބޯޓަރީއެއްގައި މަދުވެގެން ކޮންމެ ސެކްޝަނަކަށް މާސްޓަރސް ލެވަލްގެ ބޭފުޅުން ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. މިދާއިރާއަކީ އަބަދުވެސް ދަސްކޮށް އުނގެނުމުގައި އުޅެން ޖެހޭ ދާއިރާއެކެވެ. އެހެންކަމުން މިބޭފުޅުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވެއެވެ.
މިފަދަ ސްޕެޝަލިސްޓުން އަޅުގަނޑުމެން ތެރޭގައި ތިބޭނެ ދުވަހަކީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ދުވަހެކެވެ. އެއީ މިދާއިރާ ކުރިއެރުމަށްވެސް ވަރަށް ބޮޑު ބާރަކަށް ވެގެން ދާނެއެވެ.
އަދި މިފުރުސަތުގައި ޑޮކްޓަރ.އެމްވީ އަޅުގަނޑަށް މިފުރުސަތު ދެއްވީތީ ވަރަށް ބޮޑަށް ޑޮކްޓަރ.އެމްވީ ގެ ޒުވާން ހީވާގި ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)