
އޭޑީކޭ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލައިފި ކަމަށް އެހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އޭޑީކޭ އިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މެދުކަޑާލައިފައިވީނަމަވެސް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ދާނެކަމަށެވެ.
އަދި އޮންލައިން ކޮންސަލްޓޭޝަނަށްފަހު ހޮސްޕިޓަލަށް އަންނަންޖެހިއްޖެ ހާލަތެއްގައި އެހޮސްޕިޓަލުން އެކަންތައް ހަމަޖައްސައިދޭނެކަމަށްވެސް މިއިއުލާނުގައި ބުނެފައިވެއެވެ.
އާސަންދަ ކުންފުނިން މިއަދު ވަނީ އެކުންފުންޏާއި ގުޅިގެން އޮންލައިން ކޮންސަލްޓޭޝަން ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓާތަކާއި ކްލިނިކްތަކުގެ ލިސްޓެއް އާއްމުކޮށްފައެވެ. މިލިސްޓުގައި އޭޑީކޭ ހޮސްޕިޓަލްވެސް ހިމެނެއެވެ.
މިދުވަސްވަރަކީ މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރޭ ދުވަސްވަރެކެވެ. އަދި މިކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއް ވަނީ ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)