އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް އަގުހެޔޮކޮށް ބޭސް ގެނައުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
މިދިޔަ ޖޫންމަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޒިޔާރަތުގައި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. މިއެމްއޯޔޫގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން އިންޑިއާއިން އެހީތެރިވެދޭނެކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން މިއެމްއޯޔޫގެ ދަށުން ކަންތައްތައް ކުރިއަށްދާގޮތް ބެލުމަށް އެކުލަވާލެވިފައިވާ ވޯކިން ގްރޫޕްގެ ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު ވަނީ ބާއްވާފައެވެ.
އެބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެލެއްވީ މނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކެޓްރީ އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު އަބްދުﷲ އެވެ. އަދި އިންޑިއާގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރގެ ސެކެޓްރީ މސ. ޕްރީތީ ސުދާން ބައިވެރިވެލެއްވި އެވެ.
ދިވެހިރާއްޖެއާއި އިންޑިއާގެ ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވި މިބައްދަލުވުމުގައި ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމުގެ ގޮތުންނާއި، އާއްމު ސިއްހަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމުގެ ގޮތުން މަޝްވަރާ ކުރެވުނެވެ.
މީގެ އިތުރުން އިންޑިއާއިން ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ ކެންސަރު ބައްޔަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލާއި ބެހޭގޮތުން މަޝްވަރާ ކުރިއެވެ.
އަދި އިންޑިއާއިން ރާއްޖޭގައި ނަފްސާނީ ބަލިތަށް ދެނެގަތުމާއި ފަރުވާ ދިނުމަށް ހިދުމަތްތައް ބިނާކުރުމަށް އެހީތެރިވެ ޓެލެމެޑިސިންގެ ހިދުމަތްތައް ތަރައްގީކުރުމަށްވެސް އެއްބާރުލުން ދޭނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)