ކެންސަރު ބަލީގެ ބަލިމީހުންނާއި ކެންސަރު ބަލި ޖެހި ރަނގަޅުވެފަ ތިބި މީހުންނަށް ކޮވިޑް-19 ޖެހުމުން ހަށިގަނޑަށް ކުރާ އަސަރު އެތަކެއް ގުނައެއް ބޮޑުކަމަށް ދާދިފަހުން ދިރާސާއަކުން ދައްކައިފި އެވެ.
ދަ ލަންސެޓް ޖާނަލްގައި ޝާއިއުކުރި މި ދިރާސާގައި ވާގޮތުން އެމެރިކާ، ޔޫކޭ، ސްޕެއިން އަދި ކެނަޑާ ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ގިނަ ބަޔަކީ ކެންސަރު ބަލީގެ މީހުން ނޫނީ، ކެންސަރު ބަލީގައި ފަރުވާ ހޯދުމަށްފަހު ފަސޭހަ ވެފަ ތިބި މީހުންނެވެ. އަދި މިގޮތަށް ހެދުނު އެއް ދިރާސާއެއްގައި ވަނީ ކެންސަރު ބަލި ޖެހި ނުވަތަ ކެންސަރު ބަލީގައި ފަރުވާ ލިބިފައި ތިބި 928 މީހުންގެ ދެބަކުޅައެއްބައި މީހުން އެނދުމަތި ކުރެވި އަދި އޭގެ ތެރެއިން 13% މީހުން މަރުވެފައިވާކަމަށް ބުނެފަ އެވެ.
މީގެ އިތުރުން މިހެން ހެދުނު ދިރާސާތަކުގެ ތެރޭގައި "ލޭންސެޓް ޖާރނަލް"ގައި ބުނެފައިވާ ދިރާސާގެ މަޝްވަރާ ކުރުން ކުރިއަށް އޮތް ހަފްތާތެރޭގައި "އެމެރިކަން ސޮސައިޓީ އޮފް އޮންކޮލޮޖީ" އޮންލައިން ކޮންފަރެންސްގައި ކުރިއަށް ދާނެއެވެ.
ލޭންސެޓް ޖާރނަލްގެ އިތުރު ދިރާސާއެއްގައި ވަނީ، އިނގިރޭސި ވިލާތުގައި އެކި ބާވަތުގެ ކެންސަރުޖެހި ކޮވިޑް-19 އަށް ފައްސިވެފައިވާ 800 މީހުންގެ ތެރޭގައި މަރުގެ ނިސްބަތަކީ 28 އިންސައްތަ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މި ރިސްކު އިތުރުވާ އެހެނިހެން ކަންކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. މީގެ ތެރޭގައި ބަލި މީހާގެ އުމުރާއި ހައި ބްލަޑް ޕްރެޝާ ކަހަލަ އެހެނިހެން ބަލިތައް ހިމެނޭ މީހުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2019 ވަނަ އަހަރު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި 2013-2018 އަށް ކެންސަރު ބަލީގެ ޕޭޝަންޓުންގެ އަދަދަކީ 932 އެކެވެ. މީގެ އިތުރުން ރާއްޖޭގައި އެންމެ އާއްމު ކެންސަރަކީ އަނގައިގެ ކެންސަރުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައެވެ.
ވަންޑަރބިލްޓް ޔުނިވަރސިޓީގެ ޑާޓާ ސައިންޓިސްޓެއް ކަމަށްވާ ޑރ. ޖެރެމީ ވާރނާރ ވިދާޅުވިގޮތުގައި ހޮސްޕިޓަލުތަކުގައި ކެންސަރު ބަލީގެ މީހުންނަށް ދެމުންދާ ފަރުވާ އާއި މެދު އިތުރަށް ސަމާލުކަން ދޭން އެބަޖެހެއެވެ. އަދި ކެންސަރު ބަލީގެ މީހަކަށް ކޮވިޑް-19 އަދި ޖެހިފައި ނުވާނަމަ އެ ވައިރަސް ޖެހުނަ ނުދޭން ކުރެވެން އޮތްކަމެއް ކުރަންޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ލޭންސެޓްގައި ޝާއިއު ކުރެވުނު ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ވާރނާރ އިތުރަށް ވިދާޅުވީ ޓެސްޓު ކުރި މީހުންގެ ތެރެއިން ގިނައިން މަރުވެފައިވަނީ ފިރިހެނުން ކަމަށެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ފިރިހެނުން ދުންފަތުގެ އިސްތިއުމާލު ކުރުން އާންމުވުމާއި ކެންސަރު ޖެހިފައިވާ އަންހެނުންގެ ތެރޭގައި އުމުރުން ހަގު މީހުން ގިނަވުން ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)