2019 ވަނަ އަހަރުގެ އެންމެ ފަހު މިނަޓުތައް ގުނަމުންދާއިރު، ގިނަ މީހުން މިހާރުވެސް ގެންދަނީ 2020 ވަނަ އަހަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ލިސްޓް ހަދަމުންނެވެ. މިފަދަ ލިސްޓްތަކުގެ އެންމެ ކުރީގައިވެސް އޮންނަ އެއް ކަމަކީ އެ އަހަރެއް ނިމުމުގެ ކުރިން ބަރުދަން ލުއިކުރުމެވެ.
މިގޮތަށް ބަރުދަން ލުއިކުރުމަށްޓަކައި ކުރަންފަށައި ކަސްރަތާއެކު ރަނގަޅު ޑައިޓް ޕްލޭންއެއްގައި ހިފެހެއްޓުމަކީ ވެސް މުހިއްމު ކަމެކެވެ. ހާއްސަކޮށް ނަމަކަށް ޑައިޓެއްގައި ހުރުމަށްވުރެ، ސިއްހަތަށް ފައދާ ހުރި ކާނާ ކައިގެން ރަނގަޅު ޑައިޓެއްގައި ހުރުމަކީ މާބޮޑަށްވެސް އެދެވިގެންވާ ގޮތެވެ. އަދި މި ފަދަ ޑައިޓް ޕްލޭނެއް ހޯދުމަށް ގިނަ ބައެއް އެހީތެރިކަން ހޯދަނީ ގޫގަލްއިން ކަމާއިމެދު ޝައްކެއްވެސް ނެތެވެ.
އެގޮތުން ގޫގަލްއިން ނެރޭ "އިޔާ އިން ސާޗް ޓްރެންޑްސް ރިޕޯޓް" ގައި ވާގޮތުން މިއަހަރުވެސް ގިނަ ބަޔަކު ވަނީ އެކި ކަހަލަ ޑައިޓް ޕްލޭންތަކާއި ގުޅޭގޮތުން ސާޗްކޮށް މައުލޫމާތު ހޯދާފައެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން މީހުން ސާޗްކޮށްފައިވާ ކަންކަމަކީ ހަކުރާ އާއި ކާބްސް ކެއުމުގައި ނުހިމެނުން، ގަސްގަހާގެހިން ލިބޭ ގިނަ ބާވަތްތައް ކެއުން، އަދި ކާއެއްޗެހި ކެއުން ވަކި ގަޑިތަކެއްގައި މަނާކުރުމެވެ.
ތިރީގައި މި ގެނެސްދެނީ މިއަހަރު ގޫގުލްގައި ސާޗްކޮށްފައިވާ ޓޮޕް 10 ޑައިޓް ޓްރެންޑްގެ ލިސްޓެވެ.
10. ނޯ ޝުގަރ، ނޯ ކާރބް ޖޭ.ލޯ ޑައިޓް ޗެލެންޖް
ހޮލީވުޑްގެ މަޝްހޫރު ފިލްމީ ބަތަލާ އަދި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް މިއަހަރުގެ ޖެނުއަރީމަހު އިއުލާން ކުރި މި ޑައިޓް ޓްރެންޑަކީ 10 ދުވަހަށް ކުރިއަށް ގެންދާ ޑައިޓެކެވެ. މި ޑައިޓުގައި ދުވާލުގައި ކާ ކެއުމުން ހަކުރާއި އަދި ކާބޯހައިޑްރޭޓްސް އެއްކޮށް ވަނީ އުނިކޮށްފައެވެ.
އެގޮތުން ޖެނިފާ ލޮޕޭޒްގެ ހާއްސަ ނިއުޓްރިޝަނިސްޓް ދީފައިވާ ލަފާގެ މަތިން އޭނާ ވަނީ ކޮންމެ ދުވަހެއްގެ ކެއުމުންވެސް ސްޓާޗް ގިނައިން ހިމެނޭ ތަރުކާރީތައް ކަމަށްވާ އަލުވި، އަދި ޑައެރީގެ ބާވަތްތައް (ކިރު، ޗީސް، ބަޓަރ ފަދަ..)، މޭވާ، ގްރެއިންސް އަދި ހަކުރާއި، ކޭންޑީ އަދި ފޮނިކާތަކެތި އުނިކޮށްފައެވެ.
އޭގެ ބަދަލުގައި ޖެނިފާގެ 10 ދުވަހުގެ ޑައިޓް ޓްރެންޑްގައި ހިމަނާފައިވަނީ ފެހި ފަތާއި، ބްރޮކޮލީ ފަދަ ތަރުކާރީ އާއި ގިނައިން ފެޓްސް އަދި ޕްރޮޓީންސް ހިމެނޭ އެއްގަމު މަހާއި އަދި ތަފާތު ނަޓްސް އަދި ކެއެމަށް ބޭނުންކުރާ އޮށުގެ އިތުރުން ސީފުޑް އާއި ބިހެވެ.
މިއަހަރު 50 އަހަރު ފުރުނު ޖެނިފާ ލޮޕޭޒް ފިޓްކޮށް ހުރުމަށް ކެފެއިންއާއި ދުރުވެ ގިނައިން ފެން ބޯން އާދަކޮށްފައިވާކަމަށްވެސް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.
9. ދަ އެންޑޮމޯރފް ޑައިޓް
ދަ އެންޑޮމޯރފް ޑައިޓް އަމާޒުކޮށްފައިވަނީ 1940 ވަނަ އަހަރުގައި ސައިކޮލޮޖިސްޓް ވިލިއަލް ޝެލްޑަން ކިޔާދީފައިވާ ތަފާތު ތިން ވައްތަރުގެ އިންސާނުންގެ ހަށިގަނޑުގެ ތެރެއިން ވައްތަރަކަށެވެ. އެއީ ހަށިގަނޑުން ބިޔަ އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ފެޓްސް ހިމެނޭ އަދި ބަރުދަން ލުއިކުރުމަށް ދަތި މީހުންނަށެވެ. ޤަބޫލުކުރެވިފައި އޮންނަގޮތުން އެންޑޮމޯރފް ހަށިގަނޑު ހުންނަ މީހުންގެ މެޓަބޮލިޒަމް ލެވެލް ދަށެވެ.
މި ޑައިޓްގެ ބޭނުމަކީ ކެއުމުން ކާބޯހައިޑްރޭޓްސް އާއި ހަކުރު އުނިކޮށް ހަށިގަނޑު ދުޅަހެޔޮކަން މަތީ ދެމެހެއްޓުމަށް އެހީތެރިވެ ދިނުމެވެ. އަދި ޕްރޮސެސްޑް ފުޑްސް މަދުކޮށް ސިއްހަތަށް ފައިދާހުރި ފެޓްސް އަދި ޕްރޮޓީންސް ހިމެނުމެވެ.
ގިނަ މީހުން އެއްބަސްވާގޮތުގައި މިފަދަ ޑައިޓުން އެންމެ ބޮޑަށް އަސަރުކުރާނީވެސް ކުރިން ބުނިފަދަ މީހުންނަށް އެކަންޏެވެ.
8. ނޯ ކާބްސް ނޯ ޝުގަރ
ނޯ ކާބްސް ނޯ ޝުގަރ ޑައިޓަކީ މިއަހަރު ފެށުނުއިރު އެންމެ ބޮޑަށް ސަމާލުކަން ލިބުނު އެއް ޑައިޓުވެސް މެއެވެ. އެހެންނަމަވެސް މިއަހަރުގެ މާޗް އަދި އޭޕްރީލް މަހާއި ހަމަޔަށް އައިއިރު މި ޑައިޓް ސާޗްކުރަމުން ގެންދިޔަ މިންވަރު ވަނީ ދަށަށް ގޮސްފައެވެ.
މި ޑައިޓްގައި ވާގޮތަށް ހަކުރު އަދި ކާބޯހައިޑްރޭޓްސް އުނިކުރުމުގެ މާނައަކީ އެ ދެ ބައި ހިމެނޭ އެއްވެސް ކެއުމެއް ބޭނުން ނުކުރުމެވެ. މީގެ ސަބަބުން ފައިދާހުރިކަން ސާބިތުވެފައިވާ ބައެއް ކާނާވެސް ކެއުމުންއުނިވެއެވެ. އޭގެ ތެރޭގައި މޭވާ، ހޯލް ގްރެއިންސް އަދި ލެގިއުމްސް ހިމެނެއެވެ.
7. ދަ ސަރޓްފުޑް ޑައިޓް
މި ޑައިޓްގެ ވާހަކަ ފެށުނު ހިސާބަކީ މިއަހަރުގެ އޮކްޓޫބަރުމަހުގެ ފަހު ކޮޅު ފާހަގަކުރި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑްރޭކްގެ އުފަންދުވަހުގެ ޕާޓީއަށް ލަވަކިޔުންތެރިޔާ އެޑޭލް އައިއިރު އޭނާގެ ހަށިގަނޑު އާދަޔާ ހިލާފަށް ލޫޅާފަތިވެފައި ހުރި ހިސާބުންނެވެ.
އެނގިފައިވާގޮތުގައި އެޑޭލް އޭނާގެ މި ޑައިޓް ފައްޓާފައިވަނީ 2017 ވަނަ އަހަރުގައެވެ. އެގޮތުން މި ޑައިޓުގެ ސަބަބުން އަސަރުކުރުވާ ކަންކަމުގެ ތެރޭގައި މެޓަބޮލިޒަމް ރެގިއުލޭޓްކުރުމާއި، އިންފްލެމޭޝަން ލެވެލް އާއި، އުމުރުން ދުވަސްވުން ހިމެނެއެވެ.
މި ޑައިޓްގައި އޭނާ ހިމަނާފައިވަނީ ގްރީން ޓީ، ހުތް މޭވާ، ޕާސްލީ، ބްލޫބެރީސް، އާފަލު ފަދަ ތަކެއްޗެވެ. އަދި މިޑައިޓް ފަށާއިރު ދުވާލަކަށް ގިނަވެގެން ނެގޭނީ 1000 ކެލޮރީސް އެވެ. ޑައިޓްގެ ވަކި ހިސާބަކުން ދުވާލަކަށް 1،500 ކެލޮރީސްވެސް ނެގޭނެ އެވެ.
މިޑައިޓަކީ ގިނަދުވަސްވަންދެން ބޭނުންކުރެވޭނެ ޑައެޓެއް ނޫނެވެ. ސަބަބަކީ މަދު ކާނާ ކެއުމުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއަންޓްސް ނުލިބުމެވެ.
6. ދަ ޑުބްރޯ ޑައިޓް
ސެލެބްރިޓީ ޖޯޑެއް ކަމަށްވާ ޓެރީ އާއި ހޭތަރ ޑަބްރޯ ފެށި މި ޑައިޓް ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ ފުރަތަމަ 2-5 ދުވަހު ގިނައިން ތަރުކާރީ ކެއުމާއި ލޯ ފެޓްސް ކެއުމެވެ. އެއަށް ފަހު ކެއުމަށް ހަށިގަނޑަށް ފައިދާ ހުރި ބާވަތްތައް އިތުރުކުރުން އަދި ނިންމާލަމުން ޑައިޓަށް ފަރުވާތެރިވެ ހަށިގަނޑު ރިލެކްސް ކުރުމެވެ.
މި ޑައިޓް ކުރާއިރު އެންމެ މުހިއްމު ތަންކޮޅަކީ ޑައިޓްކުރާ މީހުން އެއްގޮތަކަށްވެސް ނުކައި ކޮންމެ ދުވަހަކު އަށެއް ނުވަތަ ބާރަ ގަޑިއރު ހޭދަކުރުމެވެ.
މިގޮތަށް ގިނައިރު ނުކައިހުރުމުގެ ސަބަބުން ހަށިގަނޑުގައި ސަރުބީތައް ވިރުވައިދޭ ކީޓޯންސް އުފައްދަން އެހީތެރިވެދެއެވެ.
5. ދަ ގޯލޯ ޑައިޓް
ގޯލޯ ބްރޭންޑްގެ މި ޑައިޓްގެ ބޭނުމަކީ ހަށިގަނޑުގައި ހުންނަ އިންސިއުލިން، ޑައިޓަރީ ސަޕްލިމެންޓާއި އަދި ފިޓްނަސް ޕްލޭންއަކާއި، ކެއުމަށް ޙާއްސަ ޕްލޭންއެއް ބޭނުންކޮށްގެން އެއްވަރެއްގައި ހިފެހެއްޓުމެވެ.
މި ޑައިޓުން ގުލްކޯޒް ލެވެލް އާއި ހޯމޯންސް އަދި އިންސިއުލިން ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެކަމަށް ގޯލޯ ކުންފުނިންވަނީ ބުނެފައެވެ. އަދި ކޮންމެ ދުވަހަކު ކަސްރަތުކުރުމާއި ދުޅަހެޔޮ ކާނާ ކެއުމުގެ އިތުރުން ކާއިރު މަދުން ކެއުމަށްވެސް މި ޑައިޓްގައި އެހީތެރިވެދޭނެއެވެ.
ނަމަވެސް މިޑައިޓުގެ ސަބަބުން ބަރުދަން ލުއިވެ ފައިދާކުރާނެ ކަމާމެދު އެއްވެސް ސައިންޓިފިކް ރީސާޗެއް ހެދިފަކާއެއް ނެތެވެ.
4. ދަ 1،200 ކެލޮރީސް ޑައިޓް
މިއަހަރުގެ ޖެނުއަރީއިން ފެށިގެން މަޝްހޫރުވަމުން އަންނަ މި ޑައިޓަކީ ކޮންމެ ދުވަހެއްގެވެސް ކެއުމުގައި ގިނަވެގެން 1،200 ހިމެނުމަށް ބާރުއަޅާ ޑައިޓެކެވެ.
އެހެންނަމަވެސް ކެލޮރީސް މިން ކުރަންވާނީ މީހާގެ އިސްކޮޅާއި ބަރުދަނާއި، ޖިންސާއި އުމުރު އަދި ހަރަކާތްތެރިވާ މިންވަރަށް ބަލާފަކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އާއްމުކޮށް އާދައިގެ އިންސާނަކަށް 1،500 އާއި 2،000 ކެލޮރީސްއާ ދެމެދުގެ އަދަދަކަށް ކޮންމެ ދުވަހަކުވެސް ބޭނުންވެއެވެ.
3. ދަ ނޫމް ޑައިޓް
ނޫމް އަކީ ބަރުދަން ލުއިކުރުމަށް އުފައްދާފައިވާ މޯބައިލް އެޕްއެކެވެ. މި އެޕްގެ އެހީގައި ކަސްރަތުކުރުމާއި، ކެއުން އަދި ނިދުން ބައްޓަން ކުރަންވީގޮތް އެނގޭނެއެވެ. އަދި އޮންލައިންކޮށް ހިއުމަން ކޯޗިން ފަދަ ކަންކަންވެސް މި އެޕްގައި ހިމަނަފައިވެއެވެ.
މީގެއިތުރުން ދުޅަހެޔޮ ކަމާއި ގުޅޭ ލިޔުންތަކާއި މީހުނަނަށްވެސް ފީޑްބެކް ދެވޭގޮތަށް ތައްޔާރުކޮށްފައިވާ މި އެޕް އަކީ ޕްރިޑައިބެޓިކްސް ތަހައްމަލްކުރަ މީހުންނަށް ރަނގަޅު އެހީއެއްވެސްކަން އެމެރިކާނެ ސީޑީސީއިން ވަނީ އިއުލާނުކޮށްފައެވެ.
މިއެޕްގެ އަގަކީ މަހަކު 16-60 ޑޮލަރުގެ އަގެކެވެ.
2. ދަ ޑރ. ސެބީ ޑައިޓް
ޑރ. ސެބީ ޑައިޓަކީ ފަތްޕިލާވެލީގެ ޑޮކްޓަރެއް ކަމަށްވާ އަލްފްރެޑް ޑެރިންގްޓަން ބޯމަން އަށް ހާއްސަކޮށް ހަދާފައިވާ ޑައިޓެކެވެ. ނަމަވެސް މީނާއަކީ މެޑިކަލް ޑޮކްޓަރެއް ނޫނެވެ.
އޭނާގެ ޑައިޓުގެ އަމާޒަކީ ހަށިގަނޑުގެ ޕީއެޗް ލެވެލް އެއްވަރު ކުރުމެވެ. މިޑައިޓުގައި ބޭނުންކުރަނީ މުޅިންވެސް ގަހުން ލިބޭ ކާނާއެވެ.
މި ޑައިޓްގައި އެއްވެސް ޖަނަވާރުން ލިބޭ އެއްވެސް ކާނާއަކާއި، ވީޓް ބޭނުމެއް ނުކުރެވެއެވެ. އަދި ދުވާލަކު 4 ލީޓަރުގެ ސްޕްރިންގް ފެން ބޯންޖެހޭކަމަށްވެސް ބުނެއެވެ.
ޑރ. ސެބީގެ މި ޑައިޓްގެ ސަބަބުން ހަށިގަނޑުގެ ސެލްތައް މިއުކަސް އުފެދުމުން ސާފުކޮށްދޭކަމަށް ބުނެއެވެ. ނަމަވެސް މިކަން ސާބިތުކޮށްދޭ އެއްވެސް ސައިންޓިފިކް ދަލީލެއް ނެތެވެ.
1. އިންޓަރމިޓެންޓް ފާސްޓިން
ކޮންމެ ދުވަހަކުވެސް ވަކި އިރެއްވަންދެން ނުކައި ހުންނަންޖެހޭ މި ޑައިޓަކީ މި އަހަރު އެންމެ ގިނައިން ގޫގަލްގައި ސާޗްކޮށަފއިވާ ޑައިޓެވެ.
މި ޑައިޓްގައި ދުވަލަކު 8 ގަޑިއިރު ކެއުމަށްފަހު 16 ގަޑިއިރު ނުކައި ހުންނަން ޖެހެއެވެ. އަދި ބައެއް މީހުން ހަފްތާއަކު އާދައިގެ މަތިން ކާ ގޮތަށް 5 ދުވަހު ކެއުމަށްފަހު 2 ދުވަހު ކެއުން މަދުވެސް ކުރެއެވެ.
މި ޑައިޓުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު ގިނަވުން، ކޮލެސްޓްރޯލް ލެވެލް މަތިވުން، އަދި ފަލަބަލިން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. އަދި ސިކުނޑި ވަރުގަދަކޮށްދޭ ޕްރޮޓީންއެއް އުފެއްދުމަށްވެސް އެހީތެރިވެދެއެވެ.
ނަމަވެސް މިޑައިޓުގެ ސަބަބުން ވަރުބަލިވުމާއި، މަސްތަކުގައި ރިއްސުމާއި، ބޯއެނބުރުން ދިމާވެދާނެއެވެ. އަދި ހަށިގަނޑުގެ ބަރުދަން ލުއި މީހުންނާއި، 18 އަހަރުން ދަށުގެ ކުދިން، މާބަނޑު އަންހުނުން އަދި އީޓިންގ ޑިސްއޯޑަރ ހުންނަ މީހުން މިޑައިޓް ބޭނުންކުރުން ބުއްދިވެރިއެއް ނޫނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)