ބުފޭއެއްގައި ކާއެއްޗެހި އަތުރާފައި ހުއްޓާ ފެނުމުން ކޮންމެ މީހަކުވެސް ކާހިއްވާނެއެވެ. އަދި މާގިނައިން ކެއުމުން ސިކުނޑީގެ ހައިޕޮކެމްޕަސް އޭ ކިޔާ ބައިން އިތުރަށް ކާހިތްވިޔަ ނުދެއެވެ.
ނަމަވެސް ޖަންކް ފުޑްގެ ތެރޭގައި ހިމެނޭ ޕިއްޒާ، ބާގާ އަދި ފްރައިސް ފަދަ ތަކެތި ކެއުމުން ހައިޕޮކެމްޕަސް މަސައްކަތްކުރުން ހުއްޓޭކަން ހޯދުންތަކުން ދައްކައެވެ.
ރޯޔަލް ސޮސައިޓީ ނަމަކަށް ކިޔާ ޖާރނަލް އެއްގައި ރިޗާރޑް ސްޓީވަންސަން ބުނެފައިވަނީ ޖަންކް ފުޑް ގިނައިން ކާ މީހުންގެ ހައިޕޮކެމްޕަސްއަށް އެންމެ މަދުވެގެން ހަފްތާއެއްގެ ތެރޭގައި އަސަރު ކުރާނެ ކަމަށެވެ.
ހަމައެއާއެކު އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި މާ ގިނައިން ޖަންކް ފުޑް ކެއުމުން ބަދަލު އަންނާނީ ހަމަ އެކަނި ހަށިގަނޑަކަށް ނޫނެވެ. މި ކަމުގެ ސަބަބުން ސިކުނޑިއަށްވެސް އަސަރު ކުރާނެއެވެ. މާ ގިނައިން ހަކުރު ހުންނަ އެއްޗެހި ކެއުމުން ހަނދާނަށް އަސަރު ކުރާކަމަށާއި، ސިއްހަތަށް ރަނގަޅު ނޫން ގޮތަކަށް ކާނަމަ ޑިޕްރެޝަން، ސްޓްރެސް އަދި ރުޅިގަދަވުމުގެ އިތުރުން ސިކުނޑީގެ ބައެއް ބައިތަށް ކުޑަ ވާނެ ކަމަށްވެސް މި ހޯދުންތަކުން ދައްކައެވެ.
ސްޓީވަންސަންގެ ހޯދުންތަކުން ދައްކާގޮތުގައި ސިއްހަތަށް ނުރަނގަޅު ޑައިޓް އެއް ގެންގުޅޭނަމަ ބަނޑުހައި ނުވިނަމަވެސް ހައިޕޮކެމްޕަސްއިން އިތުރަށް ކެއުމަށް ބާރު އަޅައެވެ.
މި ރިސާޗް ހެދުމުގެ ގޮތުން ސިއްހަތު ރަނގަޅު އަދި އާންމުކޮށް ސިއްހަތަށް ރަނގަޅު ކާނާ ކާ 105 މީހުން ހޯދިއެވެ. އަދި ދެ ބަޔަކަށް ބަހާލުމަށްފަހު އެއް ބައިގައި ތިބި މީހުންނަށް 8 ދުވަސް ވަންދެން ކާންދިނީ ހުސް ޖަންކް ފުޑްއެވެ. އަދި އަނެއް ބައިގައި ތިބި މީހުން ކެއީ އެ މީހުން އާންމުކޮށް ކާ ސިއްހަތަށް ރަނގަޅު ކާނާއެވެ.
މި ރިސާޗްގެ އެންމެ ފުރަތަމަ ދުވަހާއި އެންމެ ފަހު ދުވަހު މި ދެ ބައި މީހުންނަށްވެސް ހެނދުނުގެ ނާސްތާއަށްފަހު ސިއްހަތަށް ނުރަނގަޅު ކާނާ ދިނެވެ. ދެ ބައިގެ ތެރެއިން ސިއްހަތަށް ނުރަނގަޅު ކާނާ ކޭ ބައިގައި ތިބި މީހުން މިފަދަ ކާނާ ކާހިއްވާ މިންވަރު ކުރިއަށްވުރެ އިތުރުވެފައި، އަމިއްލަ މީހާ ކޮނަޓްރޯލް ކުރުމަށް އުނދަގޫވެއެވެ.
އިތުރު ހޯދުންތަކުން ދައްކާގޮތުގައި ސިކުނޑީގެ މިބަޔަކީ އިންސޮމްނިއާ، ސްޓްރެސް އަދި ޑިޕްރެޝަން ފަދަ ކަންކަމަށް ބަލިކަށި ބައެކެވެ. އަދި ސިއްހަތަށް ނުރަނގަޅު ޑައިޓްއެއް ގެންގުޅޭނަމަ ހައިޕޮކެމްޕަސްއަށް ދާއިމީ ގެއްލުންވުން އެކަށީގެންވެއެވެ.
ހޯދުންތެރިން ގަބޫލު ކުރާގޮތުގައި މީހާގެ ޑައިޓްއަކީ މީހާކެ ސިއްހަތު ރަނގަޅު ކޮށްދޭކަމެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)