ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަވަށްޓެރި ސްރީލަންކާއަކީ މައިންގެ ފުށުން ދަރިންނަށް އެޗްއައިވީ އަދި ސިފިލިސް ޖެހުމުގެ ފުރުސަތު ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
މިކަން ޔަގީންކޮށްދެއްވައި މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ފަރާތަކުން ވިދާޅުވީ ސްރީލަންކާ ވެގެންދާނީ ޕެސިފިކް އޯޝަންގައި، މަދަރ ޓު ޗައިލްޑް ޓްރާންސްމިޝަން (އެމް.ޓީ.ސީ.ޓީ) އޮފް އެޗްއައިވީ އެންޑް ސިފިލިސް ނައްތާލެވިފައިވާ 3 ވަނަ ޤައުމު ކަމަށެވެ.
މީގެއިތުރުން އިންޑިޔާގެ ހެލްތް މިނިސްޓަރގެ ތަރުޖަމާނު ވިރާޖް އަބޭސިންހޭ ވަނީ މިއީ 2025ގެ ކުރިން އެއިޑްސް ނައްތާލުމަށް އެ ޤައުމުން ހިފާފައިވާ އަމާޒަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. 2030ގެ ކުރިން ދުނިޔެއިން އެއިޑްސް ނައްތާލުމަށް އަމާޒު ހިފާފައިވާއިރު، ސްރީލަންކާއިން އަމާޒު ކޮށްފައިވަނީ 2025ގެ ކުރިން އެ ޤައުމުން އެއިޑްސް ނައްތާލުމަށެވެ.
ސްރީލަންކާގައި އެއިޑްސް ނައްތާލުމަށް ހިންގާފައިވާ ޕްރޮގްރާމްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އެ ޤައުމުގައި 85 ކުދިންނަށް މައިންގެ ފުށުން އެޗްއައިވީ ޖެހިފައިވާކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ކޮންޖެނިޓަލް ސިފިލިސް ޖެހޭ ކުދިންގެ އަދަދު އަހަރެއް އަހަރަކަށް މަދުވެފައިވާކަންވެސް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ޖުލައި މަހު ސްރީލަންކާގެ ހެލްތު މިނިސްޓްރީއިން ވަނީ އެގައުމުއި އެޗްއައިވީ އަދި ސިފިލިސް ބަލީގެ އެމް.ޓީ.ސީ.ޓީ ހިނގާ ވަރު ޔަގީންކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް ސިޓީއެއް ފޮނުވާ އެދިފައެވެ. އެގޮތުން މިޖަމިއްޔާގެ ރީޖަނަލް ވެލިޑޭޝަން ޓީމް އަދި ގްލޯބަލް ވެލިޑޭޝަން ޓީމުން ދިރާސާ ކުރުމަށް ފަހު ސްރީލަންކާއަކީ މައިންގެ ފުށުން ދަރިންނަށް އެޗްއައިވީ އަދި ސިފިލިސް ބަލި ޖެހުން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އިއުލާނުކޮށްފައެވެ.
އެމް.ޓީ.ސީ.ޓީ އަކީ އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް އެއިޑްސް ޖެހުމުގެ މައިގަނޑު އެއް ދޮރާއްޓެވެ. އެގޮތުން މައިމީހާ ދަރިފުޅަށް ބަލިވެ އިންނަ ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައި އަދި ގާތުންދޭ ދުވަސްވަރު މި ވައިރަސް ދަރިފުޅަށް ޖެހުމުގެ ފުރުސަތު އޮވެއެވެ. މިގޮތަށް އެޗްއައިވީ އަދި ސިފިލިސް ބަލި ޖެހުން ނައްތާލުމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ބޮޑު އަމާޒެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)