އީ-ސިނގިރޭޓު ރެގިއުލޭޓް ކުރުމާ ބެހޭގޮތުން ވިސްނާ މަސައްކަތްތަކެއް އެބަ ކުރަން – މިނިސްޓަރު އަމީން
އީ-ސިނގިރޭޓުގެ ވިޔަފާރިއާއި ބޭނުން ކުރުން މަނާ ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ އީ-ސިނގެރޭޓާއި މެދު ގޮތެއް ނިންމުމަށްޓަކައި ހެލްތު މިނިސްޓްރީއިން ދިރާސާތަކެއްކޮށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަޝްވަރާ ކުރެވެމުން އަންނަ ކަމެވެ.
"އެކަމާ ދޭތެރޭ އަޅުގަނޑުމެން ދިރާސާތަކެއް އެބަ ކުރަން މަސައްކަތްތަކެއް އެބަ ކުރަން. ހެލްތު މިނިސްޓްރީއާ ހެލްތު ސެކްޓާ ތެރޭގައި، ރެގިއުލޭޓު ކުރާނީތޯ ނުވަތަ ބޭން ކުރާނީތޯ އެކަމާ ދޭތެރޭ ވިސްނާ މަސައްކަތްތަކެއް އެބަ ކުރަން،” އަމީން ވިދާޅުވި އެވެ.
އީ-ސިނގިރޭޓުން ލިބޭ ގެއްލުމާއި މެދު ފުރަތަމަ މަޝްވަރާ ކުރެވެން ފެށީ މިއަހަރު އެމެރިކާގައެވެ. އެއީ ވޭޕް ކުރުމުގެ ސަބަބުން ދިމާވި ފުރަތަމަ މަރާއި ގުޅިގެންނެވެ. އެއަށްފަހު އެމެރިކާގައި އީ-ސިނގިރޭޓާއި ގުޅިގެން 34 މީހުން މަރުވެއްޖެއެވެ.
މި ހާދިސާތަކާއި ގުޅިގެން އެމެރިކާގެ ގިނަ ސްޓޭޓް ތަކެއްގައި އީ-ސިނގިރޭޓުގެ ވިޔަފާރި ކުރުން މަނާކުރިއެވެ. އެމެރިކާގެ މިނިންމުމާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް މިވިސްނުމުގައި ހިފާ އީ-ސިނގިރޭޓާއި ދެކޮޅަށް މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ. މިގައުމުތަކުގެ ތެރޭގައި އިންޑިއާ، ބްރެޒިލް އަދި ޖަޕާން ހިމެނެއެވެ. (އިތުރަށް ކިޔުއްވާ)
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)