އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/07/2020

އަހަރެންގެ ޕީސީއޯއެސް ޑައިރީއިން އެއްދުވަސް

މިއީ އަހަރެންގެ ޕީސީއޯއެސް ޑައިރީއިން އެންމެ ދުވަހެކެވެ. އެންމެ ދުވަހަކުންވެސް ކިޔުންތެރިންނާއި ހިއްސާކުރެވިފައި މިވަނީ ވަރަށްވެސް މަދު މިންވަރެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/07/2020

PCOS
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަހަރެންގެ ގައިގައި ޕޮލިސިސްޓިކް އޯވަރީ ސިންޑްރަމް (ޕީސީއޯއެސް) ހުންނަކަން އެނގުނީ އުމުރުން 20 އަހަރުގައެވެ. އެއީ އަހަރެންގެ ކައިވެނީގެ ފުރަތަމަ ދުވަސްވަރެވެ. އެންމެ އުފާވެރި ދުވަސްވަރެވެ. 

އަހަންނަކީ ޕީސީއޯއެސް ހުންނަ މީހެއްކަން އެނގުނީ އަހަރެން ޕީރިއަޑު ލަސްވާން ފެށުމުންނެވެ. ބައެއްފަހަރު 3 މަސް ނުވަތަ 6 މަސްވަންދެން ވެސް ޕީރިއަޑު ނުވެހުރެއެވެ. ބައެއްފަހަރު ޕީރިއަޑު ރަނގަޅުވާން 15 ވަރަކަށް ދުވަސްވެސް ނަގައެވެ.

އެ މުއްދަތުގައި އަހަރެންނަށް އެކި އުނދަގޫތައް ކުރިމަތިވެއެވެ. ދިގުމުއްތަކަށް ސެނިޓަރީ ޕެޑް ބޭނުން ކުރަންޖެހުމުން ކުރިމަތިފަރާތުގެ ހަންގަނޑު ސަކަރާތްވެ، ޔޫރިން އިންފެކްޝަންވެސް ވެއެވެ. އަދި ޕީރިއަޑްވުން ލަސްވުމުން މޫޑް ސްވިންގްސް އާއި މީހާ ބްލޯޓްވުމާއި ރުޅިގަދަވެ ގިނައިން ކާންބޭނުންވާ ފަހަރުވެސް އާދެއެވެ.

މިއީ އަހަރެންގެ ޕީސީއޯއެސް ޑައިރީއިން އެންމެ ދުވަހެކެވެ. އެންމެ ދުވަހަކުންވެސް ކިޔުންތެރިންނާއި ހިއްސާކުރެވިފައި މިވަނީ ވަރަށްވެސް މަދު މިންވަރެކެވެ.

މިއަދުވެސް އަހަރެން ވަރަށް ފަތިހާ ހޭލައިފީމެވެ. ދަތްއުނގުޅަން ބުރުސް އަނގަޔަށް ލުމާއެކު ހޮޑުލެވުނެވެ. އެހެންނަމަވެސް ހިތްވަރުކޮށްލާ ފަތިސް ނަމާދު ކުރީމެވެ. ފަތިސްނަމާދުން ދުވަސްފެށިނަމަވެސް ވަޒީފާއަށް ދިއުމާއި ދެމެދު ވަރަށް ވަގުތު އެބައޮތެވެ. އެހެންކަމުން އަނެއްކާވެސް ޓެސްޓް ކިޓު ހިފައިގެން ފާހަނާއަށްވަނީ އިތުރު އުއްމީދަކާއެކުގަ އެވެ. މިގޮތަށްޖެހިޖެހިގެން އަހަރެން ޓެސްޓް ކުރާތާ ހަތަރުމަސް ވީއެވެ. އަހަރެން ޕީރިއަޑު ޑިލޭވެފައި ހުންނަތާ މިއަދަށް މިވީ ހަތަރުމަސް ދުވަހެވެ. 

މިފަހަރުވެސް އެންމެ ރޮނގެކެވެ. ފާހަނާތަށިމަތީގައި އަހަރެން އިށީންދެގެން އިންއިރު މެއަށް ބާރުވަމުން ދިޔައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް އިތުރަކަށް ކެތެއް ނުވިއެވެ. މިއީ ޕީރިއަޑު ލަސްވާ ކޮންމެފަހަރަކު އަހަރެންގެ ދުވަސް ހޭދަވާގޮތެވެ.

އެހެންނަމަވެސް ދުވަހަށް އިތުރަށް އަހަރެންގެ ނަފުސު ތައްޔާރުކުރަން ޖެހެއެވެ. ކޮޓަރިން ބޭރަށް ނިކުތްއިރު ފިރިމީހާ އެނދުމަތީގައި އިނެވެ. އެހެންނަމަވެސް އިތުރަށް ވާހަކަދައްކާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އަނެއްކާވެސް ވަނީ ފާހަނާއަށެވެ. ފިރިމީހާ ހީކުރީ އަހަރެން ހުރީ ރުޅިއައިސްފައި ކަމަށެވެ.

އަހަންނަކީ ޓީޗަރެކެވެ. ކޮންމެދުވަހަކު އެތައް މޫނަކާއި އަހަރެން ކުރިމަތިލާންޖެހެއެވެ. އަހަރެންގެ މޫޑަށް އަންނަ ބަދަލު އެތައް މީހުންނަކަށް ފާހަގަވެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި އޮންނަ އެއްޗެއް އެނގެނީ މަދު މީހަކަށެވެ.

ސްކޫލްގެ ސްޓާފްރޫމުން ދިމާވި ފުރަތަމަ ސްޓާފް ދެއްކީ އަހަރެންގެ މަތިމަސް މާބޮޑަށް އެނގެން ހުރި ވާހަކައެވެ. ވަގުތުން ސްޓާފްރޫމް ފާހަނާއަށް ދިޔައީމެވެ. މޫނަށް އެތައް އިރަކު ބަލަންހުރީމެވެ. އެހެން އަހާ ކޮންމެ މީހެއްގާތުގައި މިހެންވަނީ ޕީސީއޯއެސްގެ ސަބަބުންނޭ ބުނަން ބޭނުންވެއެވެ.

ނަމަވެސް އެހެން ވިސްނައިދޭންވީ ކިތައް މީހުންނަށް ހެއްޔެވެ؟ ކިތަންމެ ރީތިވި ނަމަވެސް އަހަންނަށް ރީތިވެވުނު ކަމުގެ އިހްސާސެއް ނުކުރެވެ އެވެ.

ހެނދުނުގެ ދަންފަޅި ނިމެންދެން އަހަންނަށް ކެތްކޮށްލެވުނީ އުނދަގޫކަމާއެކުގަ އެވެ. ބައެއް ފަހަރު އަހަންނާއި ދިމާލަށް މާބޮޑަށް މީހުން ބަލާހެންވެސް ހީވެއެވެ. އަހަރެން މާ ފަލައޭވެސް ހިތަށް އަރައެވެ. ހިތަށް އުނދަގޫވެފައި މޭނުބައި ކުރާހެންވެސް ހީވެއެވެ.

ސެޝަން ނިމުމާއެކު އެހެން ޓީޗަރުންނާއެކީ އަހަރެންވެސް ލަންޗަށް ދިޔައީމެވެ. މިއަދު މާބޮޑަށް ފޮނި އެއްޗެއް ކާހިތްވަނީ އޭ ބުނެ އައިސްކްރީމް ތައްޓަކަށް އޯޑަރު ދިނީމެވެ. އެއާއެކު އަހަންނަށް އެންމެ ހިތަށް އުނދަގޫވާ ވާހަކަތައް ފެށުނެވެ.

އަހަރެން ޖިމަށްދާއިރުވެސް އައިސްކްރީމް ބޮނީތޯ އެކަކު އަހާލިއެވެ. ބަރުދަން ލުއިކުރަން އެހާ އުނދަގޫއިރު ވަކި ޑައިޓް ޕްލޭނެއް ނުގެންގުޅެންތޯ އަހަންފެށިއެވެ.

އަހަރެން ބުނާނީ ވަކި ކީކޭހެއްޔެވެ؟ ޕީރިއަޑު ލަސްވާތީ މާބޮޑަށް ކާހިތްވަނީ އެވެ؟ ހިތަށް އަރުވާލަން ފަސޭހަ ނަމަވެސް ދުލުން ބޭރުކުރަން އުނދަގުލެވެ.

ލަންޗް ބްރޭކަށްފަހު އިތުރަށް ސްކޫލްގައި މަޑުކުރާހިތެއް ނުވިއެވެ. ގެއަށް އައިސް އެނދުމަތީގައި އެއްވެސް ކަމެއްނުކޮށް އޮށޯވެގެން އޮތީމެވެ. ފޯނަށް ފުލުފުލުން މެސެޖު އަންނައަޑު އިވެއެވެ. މިއަދު އޮތް މީޓިންއަކަށް އަހަންނަށް ނުދެވުނީ އެވެ. ބައެއް މީހުން އެކަމާއި ފާޑުވެސް ކިޔާފައި ހުއްޓެވެ. 

ޖިމްގަޑިވެސް ކައިރިވަމުންދިޔަ އެވެ. އެހެންނަމަވެސް އެނދުން ތެދުވާނޭ ހިތްވަރެއް ނެތެވެ. ހިކެންވެސް ބޭނުންވެއެވެ. ފަލަވެއްޖެނަމަ ހޯމޯނަލް އިންބެލެންސް ކުރިމަތިވާން ފަށައެވެ. އެހެންނަމަވެސް ތެދުވެ މީހުންނާއި ކުރިމަތިލުމުގެ ހިތްވަރެއް ނެތެވެ.

ފިރިމީހާ ދެފަހަރަކު ޖިމަށް ނުދަންތޯ އަހާލައިފި އެވެ. ތިންވަނަ ފަހަރަށް އަހާލުމާއެކު އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ. ރޮމުން ރޮމުން އެތައް ޝަކުވާއެއް ކުރީމެވެ. އަހަރެން ހަޑިތޯ ސުވާލުކުރީމެވެ. އަހަންނަށް މިހެންދިމާވީ ކީއްވެތޯ އެތައް ފަހަރަކު ސުވަލުކުރީމެވެ.

މިއީ މިފަދަ ކޮންމެ ދުވަހެއްގައި ވެސް އަހަރެންގެ ހާލެވެ. ބަލާމީހުންނަށް އަހަރެން ވަރަސް ފޮންޏޭ ނޫނީ އަހަރެން ހުންނަނީ އަބަދު ރުޅިއައިސްފައޭވެސް ހީވެދާނެއެވެ. އެމީހުންނަށް ވިސްނޭނެކަމަށް އުއްމީދެއްވެސް ނުކުރަމެވެ.

އިރުއޮއްސުނުއިރު ރައްޓެހިން ކޮފީއަކަށްދާން މެސެޖުކުރިއެވެ. އެހެންނަމަވެސް ބަލިކަމުގެ ބަހަނާދައްކާފައި އަނެއްކާވެސް ގޭގައި އޮތީމެވެ. ރައްޓެހިންނާއެކު ބޭރަށްދާންވެސް ބޭނުމެވެ. ނަމަވެސް އެންމެންގެ ތެރެއިންވެސް ކުއްޖަކުނެތީ އަހަރެންގެ އެކަންޏެވެ.

ރައްޓެހިންގެ ނަސީބާއި މެދު އަހަރެން ހަސަދަވެރިއެއް ނުވަމެވެ. އެހެންނަމަވެސް އެންމެން ދަރިންގެ ވާހަކަދައްކާއިރު އަހަރެންގެ ހިތަށް ވަރަށް ތަދުވެއެވެ. އެކަނިވެރިކަން އެތައް ގުނައަކަށް އިތުރުވެއެވެ. ޓެސްޓް ނެގެޓިވްވާ ކޮންމެފަހަރަކު އަނދިރިގަނޑަކަށް ވެއްޓޭހެން ހީވާފަދައިންނެވެ. 

މިއީ އަހަރެންގެ ޑައިރީގެ އެންމެ ދުވަހެކެވެ. މިއީ އަހަރެންގެ ތަހައްމަލްކުރަމުންދާ އެކަނިވެރިކަމެވެ. ދެރަވީމާ އެކަނިހުރެ ރޯލުމަށްފަހު އަނެއްކާވެސް ހިނިތުންވުމާއެކު މީހުންގެ ތެރެއަށް ނުކުންނަމެވެ. ބައެއް މީހުން ދަރިންނެތީމާ ވަރަށް ފަސޭހަވާނެއޭވެސް ބުނެއެވެ. އެހެންނަމަވެސް ދަރިއެއް ބޭނުންވާވަރު އިނގޭނީ ހުދު އަހަންނަށެވެ. އެފަދަ ކޮންމެ ވަގުތަކު މާތްﷲ އާއި ވަކީލުކޮށްލަނީ އެވެ.

އަހަންނަށް މިވާހަކަތައް މިހާވަރަށްވެސް މިކިޔައިދެވުނީ ވަރަށްވެސް ހިތްވަރުންނެވެ. 10 އަހަރުގެ ހިތްވަރުންނެވެ.


ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ