ކުޑަ ކުދިން ރޯން ފެށުމުން ހުއްޓުވާނީތޯ ނުވަތަ ރޯން ދޫކޮއްލާނީތޯ އެއީ ވަރަށް ގިނަ މީހުންކުރާ ސުވާލެކެވެ.
މިކަމާ ގުޅޭގޮތުން އެކި މީހުންގެ އެކި ވިސްނުން ހުރި އިރު އިނގެރޭސިވިލާތުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ 18 މަހުން ދަށުގެ ކުޑަ ކުދިން ރޯން ފެށުމުން ރޯން ދޫކޮށްލުމަކީ ކުއްޖާއަށް އެއްވެސް ގެއްލުމެއް ވާފަދަ ކަމެއް ނޫން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ޔުނިވާރސިޓީ އޮފް ވާރވިކްގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެއްގައި 18 މަސް ވަންދެން ބަލާފައިވަނީ 178 ވިހާފައިވާ ތުއްތު ކުދިންނާއި މައިންބަފައިންނަށެވެ. މި ހޯދުންތައް ކުރިއަށް ގެންގޮސްފައިވަނީ ރިޕޯޓްއެއް ފުރިހަމަ ކޮށްގެންނެވެ.
އެގޮތުން ކުއްޖާ ރޯން ފެށުމުން އެ ކުއްޖާގެ މައިންބަފައިން ވަގުތުން އެ ކުއްޖާ ހުއްޓުވަން މަސައްކަތް ކުރޭތޯ ނުވަތަ ނޫންތޯ ބެލުމަށްފަހު މި ރިޕޯޓް ފުރިހަމަ ކޮށްފައިވަނީ 3 މަހާއި، 6 މަހާއި، 18 މަހުގައެވެ. އަދި ކުއްޖާ ރޮނީ ކިހާ އިރަކަށްތޯވެސް ވަނީ ބަލާފައެވެ. އަދި ކުއްޖާއާއެކު މަންމަ ކުޅޭ ވަގުތުތައްވެސް ވަނީ ރިކޯޑް ކޮށްފައެވެ.
ޖާރނަލް އޮފް ޗައިލްޑް ސައިކޮލޮޖީ އެންޑް ސައިކިއެޓްރީގައި ޝާއިއު ކޮށްފައިވާ މި ހޯދުންތަކުގައި ދައްކާގޮތުން، ކުއްޖާ ރޯން ދޫކޮށްލުމުން ކުއްޖާގެ އުޅުމަށާއި، އެހެން ކަންކަމަށް ކުދި ބަދަލުތަކެއް އާދެއެވެ. އެގޮތުން ރޯން ފެށުމުން ބައެއް ފަހަރު ރޯން ދޫކޮށްލާފައިވާ 3 މަހުގެ ކުދިން، 18 މަސް ވީއިރު ރޯލެއް ކުޑަކަމަށް ދައްކައެވެ.
އަދި މި ހޯދުންތައް ކުރިއަށް ގެންދިޔައިރު، ގިނަ މަންމަމެން ވިހާފައިވާ ތުއްތު ކުދިން ރޯންފެށުމުން ވަގުތުން ހުއްޓުވަން މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެއަށްވުރެ ބޮޑު ވުމުން ކުދިން އަމިއްލައަށް ހުއްޓާލާތޯ ބެލުމަށް އިރުކޮޅަކަށް ރޯން ދޫކޮށްލައެވެ. މި ހޯދުންތަކުން ދައްކާގޮތުގައި މި ކަމުގެ ސަބަބުން ކުދިންނަށް އަމިއްލައަށް އުޅެން ދަސްވެއެވެ.
ކުދިން ރޯން ފެށުމުން ވަގުތުން ހުއްޓުވުމުގެ ބަދަލުގައި އިރުކޮޅަކަށް ރޯން ދޫކޮށްލުމަށްފަހު ދެން ހުއްޓުވުމުން ކުދިންނަށް އަމިއްލައަށް އުޅެންދަސްވާނެ ކަމަށާއި، ބައެއް މައިންބަފައިން ކުދިން ބޮޑު ވާން ފެށުމުން މިހެން ކަންތައްކޮށް ކުދިން ބޭނުންވާ ކަންކަން ދަސްވާނެ ކަމަށްވެސް މި ހޯދުންތަކުގައި ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާ ހެދި ބޮޑުވުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)