ސްޓްރެސް އަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގެވެސް ކޮންމެވެސް ހިސާބެއްގައި ތަހައްމަލް ކުރާނޭ ކަމެކެވެ. މިފަދަ ސްޓްރެސްތައް މަދުކުރުމަށް އަމިއްލައަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން ސިއްހީ މާހިރުން ބުނެދީފައި ވެއެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ކަސްރަތާއި ނިދިހަމަކުރުމާއި އަދި ދުޅަހެޔޮ ކެއުންތައް ބޭނުންކުރުން ވެސް ހިމެނެ އެވެ.
އިންސާނާގެ ހަށިގަނޑުން ސްޓްރެސް މަދުކޮށްދިނުމަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ބަޔަކީ އެންޑޯކްރައިން ސިސްޓަމެވެ. މި ސިސްޓަމަކީ ހަށިގަނޑު ތެރޭގައި ހޯމޯންސް އުފައްދައިދޭން އެހީތެރިވެދޭ ސިސްޓަމެވެ. ހޯމޯންސްތަކުން އިންސާނުން ހެދިބޮޑުވުމަށާއި، ނިންޖަށް އަދި "މޫޑް" އަށް ވެސް އަސަރުކުރުވައެވެ.
އެހެންނަމަވެސް ސްޓްރެސް މަދުކުރަން އެންޑޯކްރައިން ސިސްޓަމް ކުޅޭ ރޯލް އާއި މިކަމާއި މެޑިޓޭޝަން ގުޅިފައިވަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި އެހާ ގިނަ ދިރާސާތަކެއް ހެދިފައެއް ނުވެއެވެ.
ދާދިފަހުން އަޔަރލެންޑްގެ ކުއީން ޔުނިވަރސިޓީ އާއި އޮސްޓްރޭލިޔާގައި އޮންނަ މެލްބަރންގެ ވިކްޓޯރިއާ ޔުނިވަރސިޓީއިން ވަނީ ކުރިން ހަދައިފައިވާ ދިރާސާތައް ބަލައި ކަސްރަތުގެ ތެރޭގައި ހިމެނޭ "މެޑިޓޭޝަން"ގެ ސަބަބުން ސްޓްރެސް ކުޑަކުރުމަށް އެހީތެރިވެދޭ ހޯމޯންސްތަކަށް ވަރަށްބޮޑަށް އަސަރުކުރާ ކަމަށް ހޯދާފައެވެ.
ސެލް ޕްރެސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން "މެޑިޓޭޝަން" އާއި އެންޑޯކްރައިން ސިސްޓަމްގެ އިތުރުން އިންސާނާގެ ސިއްހަތަށާއި ދުޅަހެޔޮކޮށް ތިބުމުގައި ވަރަށްބޮޑު ގުޅުމެއް ވެއެވެ.
މި ދިރާސާގެ އޯތަރ ޑރ. ޝަންޓަލް ސްކީ ވިދާޅުވިގޮތުގައި ސްޓްރެސް މަދުކުރުމާއި "މެޑިޓޭޝަން" އާއި ދެމެދު ގުޅުމެއްވާކަން މި ދިރާސާއިން ވަރަށްވެސް ސާފުކޮށް އެނގެން އެބައޮތެވެ.
"މި ދިރާސާ ބޮޑަށް އަމާޒުކޮށްފައިވާނީ "މެޑިޓޭޝަން"ގެ ސަބަބުން އެންޑޯކްރައިން ސިސްޓަމާ އަދި ސްޓްރެސް ރެގިއުލޭޓް ކުރުމަށް މަސައްކަތްކުރާ އެހެނިހެން ސިސްޓަމްތަށް ކަމަށްވާ، ހައިޕޮތަލަމިކް-ޕިޓުއަޓަރީ-އެޑްރިނަލ (އެޗް.ޕީ.އޭ) އެކްޒީސް، ހައިޕޮތަލަމިކް-ޕިޓުއަޓަރީ-ތައިރޮއިޑް (އެޗް.ޕީ.ޓީ) އެކްޒީސް އަދި ރެނިން-އެންޖީއަޓެންސަން-އަލްޑޮސްޓްރަން (އާރް.އޭ.އޭ) ސިސްޓަމަށް ކުރާ އަސަރުތައް ދެނެގަތުމަށް"
މި ދިރާސާއިން ފާހަގަވިގޮތުގައި އެޗް.ޕީ.ޓީ އެކްޒިސްގެ ސަބަބުން ޑިޕްރެޝަން އަދި އެންޒައިޓީ އާއި ގުޅުންހުންނަ ތައިރޮއިޑް ހޯމޯން އުފެއްދުން ރެގިއުލޭޓް ކޮށްދެއެވެ. އަދި މެޑިޓޭޝަން އާއި ޔޯގާގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން އެއް ހަމައެއްގައި ބެހެއްޓުމަށް އެޗް.ޕީ.އޭ އެކްޒިސްއަށް އެހީތެރިވެދިނުމަށް ފަސޭހަ ވެއެވެ.
އަދި އާރް.އޭ.އޭ ސިސްޓަމްގެ ސަބަބުން ބްލަޑް ޕްރެޝާރ އާއި އިލެކްޓްރޮލައިޓްސް އަދި ފުލުއިޑް ބެލެންސް އެއް ހަމައެއްގައި ހިފަހައްޓައިދެއެވެ.
ޑރ. ސްކީ އިތުރަށް ވިދާޅުވިގޮތުގައި މެޑިޓޭޝަން އާއި އެންޑޯކްރައިން ސިސްޓަމް އާއި ދެމެދުގައި ވާ ގުޅުން ދެނެގަތުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު މެޑިޓޭޝަންތަކަށް ހިތްވަރު ލިބި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިތުރަށް އެހީތެރިވެދޭނެ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)