ގިނަމީހުންގެ ބޮލުގައި ނުރަޖަހަން ފަށާނީ އެމީހުންގެ އުމުރުން 30 އަހަރާއި ގާތްވުމުންނެވެ. ނަމަވެސް އެއަށްވުރެ ހަނގުކޮށް އަދި ޒުވާން އުމުރުގައިވެސް ބޯ ނުރަވާ މީހުން މަދެއް ނޫނެވެ.
އަދި ބައެއް މެޑިކަލް ރިޕޯޓުތަކުން ބުނާގޮތުގައި އުމުރުގެ ޒުވާން ދުވަސްވަރު ބޮލުގައި ނުރަށް ޖެހުމަށް މެދުވެރިވަނީ ޓްރައުމާ ނުވަތަ ސްޓްރެސްގެ ސަބަބުން ނެވެ. ފަހަރެއްގައި މިއީ ހަގީގަތަކަށްވުން ވެސް އެކަށީގެންވެ އެވެ. އެހެންނަމަވެސް ބައެއްފަހަރު އެބުނާ ގޮތާއި ތަފާތުކޮށްވެސް ބައެއް ދިރާސާތަކުން ދައްކައެވެ.
ހާރވާޑް ޔުނިވަސިޓީއަށް ނިސްބަތްވާ ޕްރޮފިސަރ ސޫ ޔާ- ޝިއެހްގެ އިސްނެގުމުގެ މަތިން އަލަށް ހެދި މިދިރާސާ އަކީ ޒުވާން އުމުރުގައި އިސްތަށިގަނޑު ނުރަވުމަށް ދިމާވާ ސަބަބު ދެނެގަތުމަށް ހެދި ދިރާސާ އެކެވެ.
"އަބަދުވެސް އަހަރެމެންނަށް އަޑުއިވޭ ވާހަކައެއް އެއީ މާބޮޑަށް ސްޓްރެސްވުމަކީ ބޯ ނުރަވާ ކަމެކޭ. މިކަމަކަށް ފުރަތަމަ ފަހަރަށް ސައިންޓިފިކް އެއްވެސް ހެއްކެއް މިލިބުނީ މިދިރާސާއިން"
ދިރާސާ ޓީމުގައި ހިމެނޭ ރިސާޗަރެއް ކަމަށްވާ ޓިއާގޯ ކުންހާ ބުނިގޮތުގައި މި ދިރާސާގެ އަލީގައި ބޮލުގައި ނުރަޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކަށް ސްޓްރެސް ވެސް ހިމެނެ އެވެ.
ދިރާސާ ހެދީ ކިހިނެއް؟
މި ދިރާސާ ހެދުމަށްޓަކައި ރިސާޗު ޓީމުން ބޭނުންކޮށްފައިވަނީ ކަޅު C57 މީދަލެވެ. އަދި މި ދިރާސާ ހެދުމަށްޓަކައި މީދާތަކުގެ ހަށިގަނޑަށް ރެސިނިފެރަޓޮކްސިން ނަމަކަށް ކިޔާ މާއްދާއެއް ބޭނުންކޮށްގެން ބާރުގަދަ ތަދެއް އަރުވައެވެ.
ނަތީޖާއެއްގެ ގޮތުން މި ޓޮކްސިކް އިންޖެކްޝަން ޖަހާތާ ހަތަރު ހަފްތާގެ ތެރޭގައި މީދާތަކުގައި ކުރިން ހުރި ކަޅު ކެހެރިތައް ވަނީ ހުދުވާން ފަށާފައެވެ. މި ދިރާސާ ޓީމުން ވަނީ އެތައް ފަހަރެއްގެ މަތިން ރިޕީޓުވެސް ކޮށްފައެވެ.
މިއަށްފަހު ރީސާޗު ޓީމުންވަނީ ގުއާނެތިޑީން ނަމަކަށް ކިޔާ ކެމިކަލް އެއް ބޭނުންކޮށްގެން މީދާގެ ކެހެރިތައް ހުދުކުލައަށް ބަދަލުވުން މަޑުޖައްސާލާފައެވެ. މިހެން މިވާގޮތް ކިޔައިދެއްވަމުން ކުންހާ ބުނެފައިވަނީ ތަދުގެ ސަބަބުން އަސަރުކުރުވާ "ސިމްޕަތެޓިކް ނާރު" ތަކުން ދައުރު ކުރާ ސިގްނަލްތައް ހުއްޓުވުމަށް ގުއާނެތިޑީން އެހީތެރިވެދޭ ކަމަށެވެ.
އެހެންކަމުން ރެސިނިފެރަޓޮކްސިން އިން މީދާގެ "ސިމްޕަތެޓިކް ނާރު" ތައް އެކްޓިވޭޓް ކުރުމުން ކެހެރިތައް ހުދުކުލަ އަށް ބަދަލުވެއެވެ. އަދި ގުއާނެތިޑީން އިން އެ ނާރުތައް ބްލޮކް ކުރުމުގެ ސަބަބުން ކެހެރިތައް ހުދުކުލައަށް ބަދުލުވުން ހުއްޓާލައެވެ.
މިދިރާސާގެ ނަތީޖާ އާއި އިންސާނުން
މީދާ އެކޭ އެއްގޮތަށް އިންސާނުންގެވެސް ސިމްޕަތެޓިކް ނާރު އެކުލެވިގެން ވެއެވެ. އެއީ މައިބަދައިން ފެށިގެން ހަށިގަނޑުގެ އެހެން ދިމާތަކަށް ދައުރުކުރާ ނާރު ތަކެކެވެ. މިނާރު ތަކުގެ ބޭނުމަކީ އިންސާނާ ހާސްވާ ނުވަތަ ބިރުގަންނަ ވަގުތު ހަށިގަނޑުން އެޑްރެނަލީން އަދި ކޯޓިސަލް ނަމަކަށް ކިޔާ ކެމިކަލްތަކެއް ދޫ ކުރުމަށް އެހީތެރިވެދިނުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރ މަތިވެ، ނޭވާލުން އަވަސްވުން ފަދަ ކަންތައްތައް ދިމާވެއެވެ.
އެހެނަސް އިސްތަށިގަނޑު ހުދުކުލައަށް ބަދަލުވަނީ މިސިގްނަލް ތަކުގެ ސަބަބުން ހަށިގަނޑުން މެލަނިން އުފައްދާ ރޭޓު ދަށްވުމުންނެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށްވެސް ހަށިގަނޑުގައި މެލަނިން އުފައްދާ މިންވަރު ދަށްވެއެވެ.
މި ދިރާސާގެ ނަތީޖާއިން އެނގޭގޮތުގައި ހަށިގަނޑަށް ލިބޭ އާދަޔާ ހިލާފު ތަދެއް ނުވަތަ ސްޓްރެސް އަކީ ބޮލުގައި ހުންނަ އިސްތަށިތައް ހުދުވުމަށް މެދުވެރިވާ ސަބަބެކެވެ. މިސްޓްރެސްގެ ސަބަބުން ދާއިމީގޮތެއްގައި ހަށިގަނޑަށް ގެއްލުންވާ ކަމަށްވެސް ދިރާސާ ޓީމުން ގަބޫލުކުރެއެވެ. އަދި މީގެއިތުރުން ހަށިގަނޑުގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތަކަކީ ވެސް ބޯ ނުރަވުމަށް މެދުވެރިވާ ކަމެއްގެ ގޮތުގައި ރިސާޗު ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)