ފުރަތަމަ ފަހަރަށް މެރެތަންއެއްގައި ދުވުމަކީ އިންސާނާގެ "ހިތުގެ އުމުރު" ހަތަރު އަހަރަށް ދިގުކޮށްދޭ ކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ވާގޮތުން އަލަށް މެރަތަންއެއް ދުވެފިނަމަ ހިތުގެ ލޭ ހިނގުމުގެ އުމުރު ގާތްގަނޑަކަށް ހަތަރު އަހަރަށް ދިގުކޮށްދެއެވެ.
ލަންޑަންގެ ޔުނިވަސިޓީ ކޮލެޖްގެ ސައިންޓިސްޓުންތަކެއް ހެދި މި ދިރާސާއަށްފަހު ދިރާސާގެ ސްޓަޑީ އޯތަރ ޝެރޮލޭޓް މެނިސްޓީ ބުނެފައިވަނީ ކޮންމެ އައު އަހަރަކާއި ދިމާކޮށް ކްލިނިކްތަކުން ބަލިމީހުންނާއި ބައްދަލުކޮށް މެރަތަން ނުވަތަ ފަންރަން ފަދަ ކަސްރަތު ލިބޭ ކަންކަން ކުރުމަށް ހޭލުންތެރިކުރުވުމަކީ ބަލިމީހުންވެސް ހެލިފެލިވެ އުޅުމަށް ލިބިދޭނޭ އިތުރު ހިތްވަރެއް ކަމަށެވެ.
ޝެރޮލޭޓް ބުނެފައިވާގޮތުން އެމީހުންގެ ދިރާސާއިން ބުނެދެނީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމުގެ މުހިއްމުކަމާއި އަދި އެކަމުގެ ސަބަބުން މުސްކުޅިވާ އުމުރު ލަސްވާކަމަށެވެ. އަ މިފަދަ ކަސްރަތުތައް ކުރަން ފެށުމަށް ލަސްނުވާކަމަށްވެސް ޝެރޮލޭޓް ވަނީ ބުނެފަ އެވެ.
އިންސާނާގެ އާރޓެރީސް (ހިތުން ގުނަވަންތަކަށް ލޭ ގެންގޮސްދޭ ނާރުތައް) އަކީ އެމީހެއްގެ އުމުރާއެއްކޮށް ބަދަލުވާ އެއް ގުނަވަނެވެ. އަދި އުމުރުން ދުވަސްވާވަރަކަށް އާރޓެރީސް ގަނޑުވެ ހިތުގެ ބަލިތަކަށް ހުށަހެޅިގެންދެއެވެ. ހިތުގެ ބަލިތަކުގެ އިތުރުން ކިޑްނީގެ ބަލިތަކާއި އަދި ޑިމެންޝިއާ އަކީވެސް އާރޓެރީސް ގަނޑުވުމުގެ ސަބަބުން މުސްކުޅި އުމުރުގައި ބައެއް މީހުންނަށް ތަހައްމަލް ކުރަންޖެހޭ ކަންކަމެވެ.
ލޭގެ ޕްރެޝަރަށް ދީފައި ހުންނަ ބޭސްތަކުންވެސް ބައެއްފަހަރު މިކަންކަމަށް ހައްލު ލިބެއެވެ. އެހެންނަމަވެސް އާރޓެރީސް ގަނޑުވެފައިވާ އެންމެންނަކީ ހައިޕަރޓެންޝަން ތަހައްމަލްކުރާ މީހަކަށް ނުވެދާނެއެވެ.
މީގެ އިތުރުން އެމެރިކާގައި ހެދި ދިރާސާއެއްގައި ސައިންސްވެރިންވަނީ 2016 އަދި 2017ގައި ލަންޑަން ރޭސްގައި އަލަށް ބައިވެރިވި 138 މީހެއް ތަހްލީލްކޮށްފައެވެ. މި ތަހްލީލްކޮށްފައިވާ ބައިވެރިންނަކީ ސިއްހަތު ރަނގަޅު އަދި ހަފްތާއަކު ގިނަވެގެން ދެ ގަޑިއިރަށްވުރެ މަދުން ދުވެފައިވާ މީހުންނެވެ. އަދި މި ދިރާސާއަށް ސައިންސްވެރިންވަނީ އެމީހުންގެ އާރޓެރީގެ ގަނޑުވެފައިވާ މިންވަރު ދުވުމުގެ 6 މަސް ކުރިންނާއި އަދި ރޭސް ނިމުނުތާ ތިން ހަފްތާގެ ތެރޭގައި ތަހްލީލްކޮށްފައެވެ.
އަދި އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ނަތީޖާގައި ވާގޮތުން އަލަށް މެރަތަންއެއް ދުވެފިނަމަ ހިތުގެ ލޭ ހިނގުމުގެ އުމުރު ގާތްގަނޑަކަށް ހަތަރު އަހަރަށް ދިގުކޮށްދެއެވެ. އަދި ބޮޑަށް އަސަރުކޮށްފައި ވަނީ މި ރޭސްގައި ދުވެފައިވާ އުމުރުން ދުވަސްވީ ފިރިހެނުންނަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)