އައްޑޫ ސިޓީގައި ޤާއިމްކޮށްފައި ހުންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށް ހެލްތް މިނިސްޓްރީއިން ނިންމައިފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށް ނިންމާފައިވާކަން ހެލްތް މިނިސްޓްރީއިން ޔަގީންކޮށްދީފައިވާކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައިވެސް ވަނީ ބުނެފަ އެވެ. އެގޮތުން އެކަން އަންގައި ރައީސް އޮފީހުން، ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.
ރައީސް އޮފީހުން ފޮނުވި ސިޓީގައިވަނީ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސަވައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ސޮއިކުރައްވާ މިނިސްޓަރ އަމީނަށް ފޮނުއްވި މި ސިޓީގައި ވަނީ މި ނިންމުމާއި ގުޅިގެން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ވަސީލަތްތައް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ އެންމެހައި ކަންކަންކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.
އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުން ތަރައްޤީކޮށްފައިވަނީ ލެބޯޓްރީ އާއި ރޭޑިއޮލޮޖީ އާއި ސީޓީ ސްކޭން އާއި އެކްސްރޭ އާއި މެމޯގްރާމްއި ބޯންސީޓީގެ ހިދުމަތްތައްވެސް ލިބޭގޮތަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)