ނޮވެމްބަރު މަހަށް ބަހާލައިގެން އައްޑޫގައި ހުންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ނިންމައިފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހެވެ. އަދި މިއަހަރު އެ ހޮސްޕިޓަލަށް 35 އަހަރު ފުރިފައިވާއިރު، މިކަމުގެ އުފަލެއްގެ ގޮތުން މުޅި ނޮވެމްބަރު މަހަށް ބަހާލައިގެން އެކި ކަހަލަ ހަރަކާތްތައް ހިންގުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފަ އެވެ.
މި ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހެލްތް ސާވިސަސް މެނޭޖަރ ޝަރަފް ސާދަތް ވިދާޅުވީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ހޮސްޕިޓަލަށް ގިނަ ދުވަހަށް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރާނޭ ކަމަށްވެސް ޝަރަފް ވިދާޅުވި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދާ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ހެލުންތެރި ކުރުވުމުގެ ޕްރޮގްރާމާއި، ހެލްތް އެޑިއުކޭޝަންގެ އިތުރުން ހޮސްޕިޓަލްގެ ރެކްރިއޭޝަނުން އިސްނަގައިގެން ބެޑްމިންޓަން، ފުޓުބޯޅަ، އަދި ފެތުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝަރަފް ވަނީ ވިދާޅުވެފަ އެވެ. އަދި މި ހަރަކާތްތަކުގެ ތެރޭގައި އާއްމުންނާއި ގުޅިގެން ކުރިއަށް ގެންދާ ބައެއް ހަރަކާތްތައް ހިމެނޭނެ ކަމަށްވެސް ޝަރަފް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ޝަރަފް ވިދާޅުވީ، އަހަރީ ދުވަހަށް އަމާޒުކޮށް ހިތަދޫގެ ރައްޔިތުން އެންމެ ބޮޑަށް އުއްމީދު ކުރަމުން އައީ ޓާޝަރީ ހޮސްޕިޓަލް ހުޅުވުން ކަމަށެވެ. ނަމަވެސް ބައެއް އަމަލީ މަސައްކަތްތައް ނުނިމުމުގެ ސަބަބުން މިހާރު ވަނީ ލަސްވެފައެވެ.
އައްޑޫ ކޮންވެންޝަނަލް ސެންޓަރުގައި ހަދާ މި ހޮސްޕިޓަލް ނިމުމާއެކު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އެއްކޮށް އެ ހޮސްޕިޓަލްއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށްވެސް ޝަރަފް ވަނީ ވިދާޅުވެފަ އެވެ. އަދި ވީހާވެސް އަވަހަށް ހޮސްޕިޓަލް ހުޅުވުމަށް ސަރުކާރާއި މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)